ދުނިޔެ

އަދުގެ ދުނިޔެ: ބައްޝާރުގެ ޔޫއޭއީ ދަތުރުފުޅަކީ ޑިޕްލޮމެޓިކް އިންގިލާބެއް

އިމާދު ލަތީފު

ސީރިޔާގެ ދާޚިލީ ހަނގުރާމަ 2011 ވަނަ އަހަރު ފެށުނުފަހުން އެގައުމުގެ ރައީސް ބައްޝާރުލް އަސަދު މިހާތަނަށް އަރަބި އެއްވެސް ގައުމަކަށް ވަޑައިގެންފައެެއް ނުވެއެވެ. އޭގެ ސަބަބަކީ އަރަބި ގިނަ ގައުމުތަކަކީ އޭނާގެ ސަރުކާރު ވައްޓާލުމަށްޓަކައި ސީރިޔާގެ ހަނގުރާމަވެރި އެކި ޖަމާއަތްތަކަށް ވާގިވެރިވަމުންދިޔަ ގައުމުތައް ކަމަށް ވުމުންނެވެ. ޚާއްސަ ގޮތެއްގައި ގަލްފުގެ އަރަބި ގައުމުތަކުންނެވެ. ސައުދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތަކުންނެވެ. އެކަން އެހެން އޮތަސް ހާލަތާއި ޒަމާނާއެކު ވިސްނުންތަކަށް ބަދަލު އަތުވެއްޖެއެވެ. ރައީސް ބައްޝާރުލް އަސަދު ދާދި ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

މިއީ އެގާރަ އަހަރުގެ ތެރޭގައި އަރަބި ގައުމަކަށް އޭނާ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެން އެގައުމުގެ ނާއިބުރައީސް އަދި ބޮޑުވަޒީރު ޝައިޚް މުހައްމަދު ރާޝިދު އަލްމަކްތޫމާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވަވައިފައެވެ. ޝައިޚް މަކްތޫމަކީ ދުބާއީގެ ވެރިޔާވެސްމެއެވެ. މީގެއިތުރަށް ވެރިރަށް އަބޫދާބީއަށް ވަޑައިގެން އެމިރޭޓްސްގެ ވަލީއަހުދު ޕްރިންސް މުހައްމަދާވެސް ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވެވުމަށްފަހު ހުކުރު ދުވަހު ވަނީ އެނބުރި ދިމިޝްގަށް ވަޑައިގެންފައެވެ. މިދަތުރުފުޅާއި މި މަޝްވަރާތަކަކީ ސީރިޔާގެ މައްސަލައިގައި އަރަބީންގެ ސިޔާސަތު އަނބުރާލައިފިކަމުގެ ވަރަށް ސާފު ބޮޑު މަންޒަރެކެވެ.

މިއީ ރައީސް ބައްޝާރުލް އަސަދު އެކަހެރި ކުރުމުގެ ވިސްނުން ދޫކޮށް އޭނާއާ ގުޅިގެން އަރަބި ދުނިޔޭގެ މައްސަލަތައް ހައްލުކުރަން އަރަބި ގައުމުތައް ތައްޔާރުވެއްޖެ ކަމުގެ ސާފު ސިގުނަލެކެވެ. މި ސިގުނަލް މިއައީ ސީރިޔާއަށް ހުރިހާ ގޮތަކުންވެސް ވާގިވެރިވަމުން އައި ރަޝިޔާއިން ޔުކްރޭނަށް އަރައި ބޮޑުވެގެންވާ ހަނގުރާމައެއް ފަށައިގެން އުޅެނިކޮށެވެ. ސީރިޔާގައި ބައްޝާރުލް އަސަދުގެ ސަރުކާރު ނުވެެއްޓި ދެމިއޮތުމުގެ ސިއްރަކީ ރަޝިޔާ އާއި އީރާނެވެ. ބައްޝާރުގެ ސަރުކާރަށް ތާއީދުކުރާ އަދި ވާގިވެރިވާ ހަމައެކަނި ބަޔަކީ އެއީއެވެ. ޔުކްރޭނުގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއިން ރަޝިޔާ އެކަހެރިކޮށްލައިފިއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

ރައީސް ބައްޝާރުގެ ސަރުކާރަށް ދެން ހަމައެކަނި ރޫސީންނަށް ބަރޯސާކޮށްގެން ތިބެވޭކަށް ނެތެވެ. ވުމާއެކު އަރަބި ގައުމުތަކަށް ސުލްހަޔާއި ރަހުމަތްތެރިކަމުގެ ަައަތެއް ދިއްކޮށްލެއްވީ ބައްޝާރު ކަމަށް ވެދާނެއެވެ. ނުވަތަ ހާލަތާއި ވަގުތަށް ރިއާޔަތްކޮށްފައި އެކަމަށް އިސްނެގީ އަރަބި ގައުމުތަކުން ކަމަށްވެސް ވެދާނެއެވެ. ކޮންމެބަޔަކު އިސްނެގިކަމުގައި ވިޔަސް މިއީ އަރަބި ދުނިޔޭގެ ޑިޕްލޮމަސީއަށް އައި ވަރަށް ބޮޑު އިންގިލާބެކެވެ. މިއީ މިހެން ހިނގައިފާނެ ކަމެއްކަން ކުރިން ލަފާކުރެވިފައެއްވެސް ނެތެވެ. ސީރިޔާގެ ވެރިކަން ބަދަލުކުރުމަށްޓަކައި މީގެ އެގާރަ އަހަރު ކުރިން ހަނގުރާމަވެރިން ތެދުވެގަތީމާ އެ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނީ ގަލްފުގެ އަރަބި ގައިމުތަކުން ކަމަށްވާތީއެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމާއެކުހެން އަރަބި ގައުމުތަކުން ވަނީ ރައީސް ބައްޝާރާ ގުޅުން ކަނޑާލައިފައެވެ. އަރަބި ދުނިޔޭގެ ބާވީސް ގައުމުގެ މައްޗަށް އެކުލެވިގެންވާ އަރަބި ލީގުންވެސް ސީރިޔާ ވަނީ ބޭރުކޮށްލައިފައެވެ. ސިޔާސީ ގުޅުންތަކާއި އިގްތިސާދީ ގުޅުންތައްވެސް ވަނީ ކަނޑާލައިފައެވެ. އަރަބި ގައުމުތަކުން ސީރިޔާގެ ދާޚިލީ ހަނގުރާމަޔާއި ވީރާނާކަމުގެ ޒިންމާ އަޅުވަމުން އައީ ރައީސް ބައްޝާރުގެ އިސްތަށިފުޅުގައެވެ. ސީރިޔާއަށް ދެން ފުރުސަތެއް އޮތީ ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނެވިގެންކަމަށް ފާޅުގައި ދިޔައީ ބުނަމުންނެވެ. އެކަމަށް ދިޔައީ މަސައްކަތްވެސް ކުރަމުންނެވެ. ރަޝިޔާ އާއި އީރާނުގެ ސަބަބުން ރައީސް ބައްޝާރުގެ ސަރުކާރު ބަދަލުކުރުން ކާމިޔާބެެއް ނުވީއެވެ.

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން އައީ ބައްޝާރުގެ ބާރު ގަދަވަމުން ގެއްލިފައިވާ ސަރަހައްދުތައް އަލުން ސަރުކާރުގެ ދަށަށް ބަދަލުވަމުންނެވެ. އެހެންވީމާ އެމިރޭޓްސް އާއި ސައުދީ އަރަބިޔާ ފަދަ ގައުމުތަކުން ފާޅުގައި ބައްޝާރާ ދެކޮޅުހެދުން ހުއްޓާލާފައި ހިމޭންކަން އިޚުތިޔާރުކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޚާއްސަކޮށް 2018 ވަނަ އަހަރުން ފެށިގެން އެމިރޭޓްސް އިންވަނީ އަނެއް އަތަށް ބުރު އަނބުރާން ފަށައިފައެވެ. އެއަހަރު ސިޔާސީ ގުޅުން އަލުން ގާއިމުކޮށް ދިމިޝްގުގައި އެމްބަސީވެސް ވަނީ ހުޅުވައިފައެވެ. އަދި ހުސްވި 2021 ވަނަ އަހަރު އެމިރޭޓްސްގެ ޚާރިޖީވަޒީރު ވަނީ ސީރިޔާގެ ވެރިރަށް ދިމިޝްގަށް ދަތުރުފުޅެއްވެސް ވަނީ ކުރައްވައިފައެވެ.

މިކަންކަން މިހެން ހިނގާފައި އޮތަސް ރައީސް ބައްޝާރުލް އަސަދު ކުއްލިގޮތަކަށް އެމިރޭޓްސްއަށް ވަޑައިގެން ރަސްމީ މަޝްވަރާތަކެއް ބޭއްވެވުމަކީ އެންމެނަށްވެސް ހައިރާންކަން ލިބުނު ކަމެކެވެ. ޚާއްސަކޮށް ވަގުތުގެ ގޮތުންނެވެ. މިކަމާމެދު އީރާނު ބުނަނީ ކީކޭބާވައެވެ. މިއީ އީރާނުން ރުހޭނޭ ކަމެއް ބާވައެވެ؟ މިހިރީ މިދަނޑިވަޅުގައި އުފެދޭނޭ ސުވާލުތަކެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސް ބައްޝާރު މިދަތުރުފުޅެއް ކުރައްވާނީވެސް އީރާނުގެ ރުހުން އޮވެގެންނެވެ. މިވަރުގެ ކަމެއް ހިނގާނީ ފަރުދާގެ ފުރަގަހުގައި ޑިޕްލޮމެޓިކް ގޮތުން ލައްކަ ގިނަ މަސައްކަތްތަކެއް ހިނގުމަށްފަހުގައެވެ. އެހެންވީމާ މެދުއިރުމައްޗަށް އަންނަމުންމިދާ ޑިޕްލޮމެޓިކް އިންގިލާބުގައި މިޒާތުގެ އިތުރުކަންކަންވެސް ވަރަށް އަވަހަށް ފެންނާނެއެވެ. އޭގައި އީރާނުވެސް ޝާމިލްވާގޮތުންނެވެ.