މުޙައްމަދު ޝަމްޢޫން
އެއީ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލްންޖް 2022 އިން ގެނެސްދިން ތަފާތު ތަރިއެކެވެ. ރ. ދުވާފަރުން އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ނެގި އިރު، އެޓީމުގެ ހުންގާނެވެ. އުމުރުން ހަގު، އިސްކޮޅުން ކުރު ނަމަވެސް ދަނޑުމަތީގައި އެއީ "ކިންގް"އެކެވެ. އެއީ މުހައްމަދު ޖުމާން އަހުމަދެވެ. އޭނާއަކީ ހިތްގައިމު ކުޅުންތެރިއެކެވެ. ރ. އަތޮޅު ބުރާއި ޒޯން ދޭއްގެވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ތަފާތު ހުނަރުތަކެއް ލިބިފައިވާ ޒުވާން ތަރިއެކެވެ. ދުވާފަރުގެ އެންމެ މުހިއްމު ހަތިޔާރެވެ.
ޖުމާންގެ ވިދުން މިދިޔަ ދެއަހަރެއް ތެރޭގައި ކުއްލިއަކަށް ގަދަވެއްޖެއެވެ. ކުރިއެރުން އައި މިންވަރުންނެވެ. ކްލަބު މޯލްޑިވްސްވެސް ކުޅެ، މިހިސާބައަށް އައިސް، މިއީ ޖުމާންގެ ކެރިއަރުގައިވެސް "އެންމެ ޕީކް" އެއް ދުވަސް ކޮޅެވެ. ގޯލްޑަން ފުޓްސަލްގައި އޭނާގެ ތަފާތު ފެންނަ މިންވަރު ބޮޑެވެ. އެ ތަފާތާއި ފުޓްސަލް ކެރިއަރުގެ ވާހަކަތައް އޭނާ ވަނީ "ވަން" އަށް ހިއްސާ ކޮށްފައެވެ.
"މި ފެންވަރުގެ މުބާރާތްތަކުން އައުމަކީ ވަރަށް ދުވަހު މަސައްކަތް. އެންމެ ކުޑައިރުން ފެށިގެންވެސް މުބާރާތްތައް ކުޅެމުން އައީ. 17 އަހަރުން ފެށިގެން ރަށުގަވެސް ސީނިއާ މުބާރާތްތައް ފަށައިފިން. މިއަދާ ހަމައަށް އައިއިރު ފުޓްސަލްގައި އަދި މިފަންތީގައި ކުޅެވުނީ އެންމެ ތިން މުބާރާތް. އެއީ ޓެކާސްއާއި ކްލަބު މޯލްޑިވްސްގައި އެމްޓީސީސީއަށް މިއަހަރު ކުޅުމުގެ އިތުރުން މި މުބާރާތް. ހަގީގަތުގަ ގޯލްޑަން ކަހަލަ ރާއްޖޭގެ އެންމެ ބޮޑު އެއް މުބާރާތުގަ ރަށު ޓީމު ތަމްސީލުކުރަމީ އަބަދުވެސް ވަރަށް ބޮޑަށް ދެކެމުން އައި ހުވަފެނެއް،" އުމުރުން 21 އަހަރުގެ ޖުމާން ބުންޏެވެ.
ޖުމާންއަކީ ހަމައެކަނި ފުޓްސަލްގެ ތަރިއެއްވެސް ނޫނެވެ. ބޮޑު ފުޓުބޯޅައިގައިވެސް އެއީ ހުނަރުވެރި ކުޅުންތެރިއެކެވެ. ޓީސީގެ 21 އަހަރުން ދަށުގެ ޒުވާން ޓީމުގައި 2019 ވަނަ އަހަރު ޖުމާން ތަފާތު ކުޅުމެއް ދެއްކިއެވެ. އެއީ ގިނަ ބައެއްގެ ލޮލުގައި ޖުމާން އަޅައިގަތް މުބާރާތް ނަމަވެސް އޭރުވެސް އަތޮޅާއި، ރަށަށް، އަދި އެ ސަރަހައްދުގެ ފުޓްސަލް އަދި ފުޓުބޯޅައަކަށް ޖުމާންގެ ހުނަރު އަލެއް ނޫނެވެ. ހާއްސަކޮށް ފުޓްސަލްގައި ޖުމާންގެ ވިދުން އެއިރު އައީ ގަދަވަމުންނެވެ.
"ދެން ފުޓުބޯޅައަކަށް ދާކަށް ވިސްނުމެއް ނެތް. އެކަމަކު ފުޓްސަލްގައި ކުރިއަށް ދާން މިހުރީ ތައްޔާރަށް،" އަަލީ ހާފިޒް ފަދަ ފުޓްސަލް ލެޖެންޑުންގެ ރ. އަތޮޅަށް ނިސްބަތްވާ ޖުމާން ބުންޏެވެ.
ޖުމާންގެ ހިތުގައި އޮތީ ފުޓްސަލްގެ ކުރިމަގެއް ކުރަހާފައެވެ. އުފަން ރަށް ދުވާފަރާއެކު ޒޯންގެ ތަށިވެސް ހިއްލާލައި ޖުމާންގެ އަމާޒުތަކާ ދިމާލަށް ސާފު މިސްރާބެއް ޖަހައިގެން ހުރި އިރު، ދެން އޮތީ ގަދަ 16 ގެ ޗެލެންޖެވެ. ޖުމާންގެ ނަޒަރުގައި ކޮންމެ ޗެލެންޖަކަށްވެސް ޖަވާބު ދެވެން އޮތީ މަސައްކަތް ކޮށްގެންނެވެ. އޭނާއަށް އެންމެ މުހިއްމީ ބުރަ މަސައްކަތާއި ޓީމުގެ ހިތްވަރެވެ.
"ރަށާއި މިކޮޅުގަވެސް ތަމްރީނުތައް ކުރިއަށްދާނެ. ޓީމުން އަބަދުވެސް ތަމްރީނުކުރާނެ. ޓާގެޓަކީ މުބާރާތް ނެގުމާ ހަމައަށް ދިއުން. އެކަން ކުރަން ޓީމުގެ އެހެން ކުޅުންތެރިންނާއެކު މަސައްކަތް ކުރާނަން. ރަނގަޅަށް ކުޅުމުގެ އެންމެ ބޮޑު ހިތްވަރަކީ ޓީމުގެ ކުޅުންތެރިންދޭ އެއްބާރުލުން،" ވާހަކަ މަދު، "ޖާދުވީ" ކުޅުންތެރިޔާ ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރު ނިންމާލި އިރު ޖުމާނަށް ލޯބި ނުޖެހުނު ހިތެއް މަދުވާނެއެވެ. އެއީ އޭނާގެ ފުޓްސަލް ހުނަރަށް ޖެހުނު ލޯތްބެވެ. ކޮށްޓައި، ނައްޓައި، އެ ޖަހާލާ ހިތްގައިމު ގޯލުތަކުން ޖާދޫއެއް ގެނުވާލައެވެ. ރަށުގެ ސަޕޯޓަރުން އަޑަށް ބާރު ލައިފައި ގޮވާލާހެން، ޖުމާނަކީ ފުޓްސަލްގެ "ސްޓާލިން"އެކެވެ. ހަލުވި ވެފައި ދުވެލި ބާރެވެ. ކްލަބުތަކާއި ކުންފުނިތައް، އަދި ރަށްރަށުގެ މުބާރާތްތަކުންވެސް ޖުމާނަށް ބަލަމުންދާނެކަން ޔަގީނެވެ. ތަށްޓަށް އަމާޒު ހުރި ޖުމާނުގެ ކާމިޔާބީގެ އިތުރު ބޮޅަކަށް، ގަދަ 16 އަށް އިންތިޒާރުކުރަމާ ހިނގާށެވެ.