ޕީޕީއެމް

މުއާޒު ޝަރީފަށް: ބިރެއް ނުގަނޭ، ފަހަތަކަށް ނުޖެހޭނެ

މުހައްމަދު އައުޒަމް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އޭނާއާ ދެކޮޅަށް އެކި މުއައްސަސާތަކަށް މައްސަލަ ހުށަހެޅުއްވި ނަމަވެސް ބިރެއް ނުގަންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

"އޮޅުވާލި ވޯޓު" ގެ ނަމުގައި ޕީޕީއެމް އިން ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ ކިތަންމެ ވަރަކަށް އޭނާގެ މައްސަލަ ހުށަހެޅިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ބިރެއް ވެސް ނުގަންނާނެ ކަމަށެވެ.

"މިއަދު ދިވެހިރާއްޖޭގެ ނޫސްތަކުގައި އޮތީ އަޅުގަނޑުގެ ވާހަކަ. ދިވެހިރާއްޖޭގެ މުއައްސަސާއަކުން ދައްކާފަ އޮތީ އަޅުގަނޑުގެ ވާހަކަ. ގާއިމު ރަޖާ ލަންޏާ ރަޖާލާންވީ އަޅުގަނޑެއް ނޫން. ނުގަންނާނެ ބިރެއް. ހަމަހިލާ ނުގަންނާނެ ބިރެއް. އެހެންވެގެން ނޫންތޯ މިރޭވެސް މިހުރީ،" މުއާޒު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް މުއާޒު ވަގަށް ގޮވި ކަމަށް ބުނެ އެ މައްސަލަ އިއްޔެ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން މުއާޒު ވިދާޅުވީ އޭނާ މުޒާހަރާގައި ވާހަކަ ދައްކަން ހުއްޓާ ފުލުސް އޮފީހަށް ގެންގޮސް ސުވާލު ކުރިޔަސް މައްސަލައެއް ނެތް ކަމަށާއި ފިސާރި ކެރިގެން ޖަވާބު ދެއްވާނެ ކަމަށެވެ.

"ޖަވާބުދޭނީ ފިސާރި ކެރިހުރެގެން. ގާނޫނީ ވަކީލަކުވެސް ނުލާ އަމިއްލަ އަށް ޖަވާބު ދޭނީ،" މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަޕޯޓަރުންނަކީ މީހަކު ކޮށްފާނެ ދައުވާއަކަށް ބިރުންތިބި ބައެއް ނޫން ކަމަށާއި މިހާރު ފަށާފައިވާ މަސައްކަތަކީ ﷲގެ ހަޒުރަތުން ވާތްގަށް އެދިގެން ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އަދި ކޮންމެ ރެއަކު އޭނާ ހުށަހަޅާ ގަރާރުގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބޭގަރާރު ވިޔަސް ކުރާނެ ކަމެއް ނެތް ކަމަށް މުއާޒު ވިދާޅުވިއެވެ.

"ދެން އޮތީ އަޅުގަނޑު ހުށަހަޅާ ގަރާރު. މިގަރާރުގެ ސަބަބުން ތިޔަބޭފުޅުން ބޭގަރާރުވާ ކަމަށް ވަންޏާ އަޅުގަނޑު ކީއްތޯއޭ ކުރާނީ. އަޅުގަނޑަށް ދެންނެވޭނީ ކޮންމެ ރެއަކުވެސް ތި މަސައްކަތް ކުރައްވާ ގޮތަށް ޓީވީ ޓިއުން ކުރައްވައިގެން އަޅުގަނޑުގެ ގަރާރު އައްސަވަން ތިއްބަވާށޭ. ގަރާރު އަޑުއައްސަވާތި. ފޯނުން ރެކޯޑު ވެސް ކުރައްވާތި. މަންޒަރު ވެސް ނަންގަވާތި. ޓްވީޓްވެސް ކުރައްވާތި،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ އޭނާއާ ދެކޮޅަށް ދައުވާކުރެވޭނެ އެއްވެސް ހަމައެއް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދީފައި ނުވާނެ ކަމަށެވެ.

"ދެން ތަންތަނަށް މައްސަލަ ލާން ޝައުގުވެރިކަން އޮތިއްޔާ މައްސަލަވެސް ލައްވަންވީ. ބަލަ ޝަރީފޫ. ބަލަ ޝަރީފޫ. ބަލަ އަކުރަމޫ. ދެން މިހެން ބުނާތީ އަޅުގަނޑު ގޮވައިގެން ކޯޓަށް ދެވޭނެ އެއްވެސް ހަމައެއް ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދީފަ ނޯންނާނެ،" މުއާޒު ވިދާޅުވިއެވެ.

ކޮންމެ ރެއަކު ޕީޕީއެމް އޮފީސް ކައިރީ މުޒާހަރާ ކުރަނީ ރިޔާސީ އިންތިޚާބުގެ ވޯޓާ މެދު ކަށަވަރުވާ މިންވަރަށް ޝައްކު އުފެދުނީމަ ކަމަށާއި އެ މުޒާހަރާތަކަށް ވުރެ ސުލްހަވެރި އެއްވުމެއް ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާފައި ނޯންނާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.