ލައިފް ސްޓައިލް

ދުނިޔޭގެ އެންމެ ދުވަސްވީ ދެމަފިރިން، ނަމޫނާ ދެމަފިރިޔަކަށް ވެވޭނީ ލޯބީގެ ހަގީގީ ޝަރަހަ އެނގިގެން

ލޯތްބާ ބެހޭ ގޮތުން އެކި ވާހަކަ ދެއްކުމާއި އަޑުއެހުމާއި ފާޑުކިޔުމާއި މިހެން ގޮސް ތަފާތު އެކިކަންތައް 'ލޯބި' މިބަސް ބޭނުން ކޮށްގެން ކުރިއަށްދެއެވެ. ކޮންމެ ދެމީހަކުވެސް އެކަކު އަނެކަކާ ގުޅެނީ މިބަހުގެ ބާރުގައެވެ. ކޮންމެވެސް އެއް ހައިސިއްޔަތަކުން ކޮންމެވެސް އެއްގޮތަކުން މިބަހުގެ ބާރު ކޮންމެ ގުޅުމެއްގެވެސް ގަދަވާފަށަށް ވެއެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ކޮންމެ ގުޅުމެއް ތަތްކޮށްދޭ ތެރަހަށް ކިޔާ ނަމެކެވެ.

އެކަކު އަނެކަކާ ރައްޓެހި ރަހުމަތްތެރިވެ، ގުޅުމެއްގެ ކުލަ ކައިވެންޏަކަށް ވެގެންދިއުމަށްފަހު އެދެމީހުންގެ ދެމެދުގައި ކުރިން އޮތް ކަންތައް ބަދަލުވެގެންދެއެވެ.

ދެމަފިރިންނަށް ނުވާއިރު ނޭނގޭ އެތައް ކަންތަކެއް ކައިވެންޏަކަށްފަހު އެކަކު އަނެކަކަށް އެނގިދަސްވެގެންދާނެއެވެ. ހަގީގީ ތެދުވެރި ލޯތްބެއްނަމަ ދެމީހުން އެއްވެސް ހާލަތެއްގައި އެކަކު އަނެކަކާ ވަކިނުވެ އުޅުމަށް މަސައްކަތް ކުރާނެއެވެ. ބައެއްފަހަރު މިފަދަ މަސައްކަތްތައް ވަރަށް ހިންމަތް ކުރުމާއެކުވެސް ކާމިޔާބު ނުވެ ދެމީހުން ވަކިވާންވެސް ޖެހިދާނެއެވެ. އެކަމަކު ވަފާތެރި ދެމީހެއް ކަމަށްވަންޏާ އެ ވަކިވުމުގެ އަސްލު މަގުސަދަކަށް ވާނީ ދެފަރާތަށްވެސް އޮތް އެންމެ ރަނގަޅު ގޮތަށް ވަކިވުމެވެ. މިފަދައިން މަސައްކަތް ކޮށް ފަހުނޭވަޔާ ހަމައަށް އެކީގައި އުޅޭ މީހުންވެސް މަދެއް ނޫނެވެ.

ދުނިޔޭގެ ރިކޯޑު ފޮތް، ގީނީސްވޯލްޑް ރެކޯޑު ފޮތުން "އެންމެ ގިނަ ދުވަސްވީ ދެމަފިރިން (ދަ އޯލްޑެސްޓް ކަޕްލް)ގެ ޖާގަ ހޯދާފައިވާ ދެމަފިރިންނަކީ ދުނިޔޭގެ ކޮންމެ ދެމަފިރިޔަކުވެސް އެކަކު އަނެކަކަށް ހިއްސާ ކުރަމުން އަންނަ ވާހަކަތަކުގެ ތެރެއިން އެއްވާހަކައެވެ. ފިރިމީހާ ލިންކެއް ފޮނުވާލައިފައި "އަހަރެމެންވެސް މިފަދައިން އެކުގައި ލައްވާށި، އާމީން!" ނުވަތަ އަނބިމީހާ ފޮޓޯއަކާއެކު "އަހަރެންގެ އުއްމީދު ދެމީހުން މިގޮތަށް، ތާއަބަދަށް ދެމަފިރިންގެ ގޮތުގަ ވުމަކީ އަބަދުގެވެސް ދުއާ!" މިފަދަ މެސެޖެއް ފޮނުވުމުން ކޮންމެ މީހަކަށްވެސް އެވަރުގެ ޝައުގުވެރިވާ ކަހަލަ ވާހަކައެއްވީމަ، ޔޫޓިއުބުން އެވީޑިޔޯ ބަލައިލެވޭނެއެވެ. މިމާނަ ދޭހަވާ މެސެޖުތައް ކައިވެންޏަށް ތައްޔާރުވާ ދެލޯބިވެރިންގެ ދެމެދުގައި ވެސް ބަދަލުވަމުން އަންނަވަރަށް، މިދެމަފިރިންގެ 'ނަމޫނާ' ލޯތްބާއި ނަމޫނާ ކައިވެނީގެ ވާހަކަ މިއަންނަނީ ދެކެވެމުންނެވެ.

16 އޮކްޓޫބަރ 1915މ. ގައި އެކުއެޑޯގެ ވެރިކަން ކުރާ ސިޓީ، ކީޓޯއަށް އުފަން، ވަލްޑްރަމީނަ މެކްލޯވިއާ ކިންޓެރޮސް ރެއިސް، މީގެ އައްޑިހަދެއަހަރެއްހައި ދުވަސް ކުރިން އެއްދުވަހެއްގައި އޭނާގެ ދައްތަގެ ގެއަށް ގޮސް އުޅުމުގެ ތެރޭގައި، ދައްތަގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮ ހޫލިއޯ ސެޒާ މޯރާޓާޕިއާ، އާ ބައްދަލުވެ އެކުވެރިކަން ބަދަހިވެގެންދެއެވެ. ވަލްޑްރަމިނާއަށް ހޫލިއޯ ސެޒާގެ މިޒާޖާއި ޅެންވެރިކަން ކަމުދިޔައިރު ހޫލިއޯސެޒާއަށް ވަލްޑްރަމިނާގެ ފުރިހަމަ ރީތިކަމާއި ދިގު ވާހަކަދެއްކުންތައް ކަމުދިޔައެވެ.

މިކަމުދިޔަ ގަޔާވުން ލޯތްބަށް ބަދަލުވެ އާއިލާގެ މީހުންގެ ނުގަބޫލުގައި، މާބޮޑު ހަފުލާއަކާނުލައި، 7 ފެބްރުވަރީ 1941 ގައި މިދެމީހުން ވަނީ ނުހަނު ރުހި ގަބޫލުވެގެން ކައިވެނިކޮށްފައެވެ.

މިދެމަފިރިންނަކީ ދެޓީޗަރުންނެވެ. މިމީހުންގެ ފަސްކުދިން ތައުލީމީ ހަޔާތް ފުރިހަމަކުރީ ޑިގްރީފާހުންނެވެ. އެހެންނަމަވެސް 58 އަހަރުގައި ދޮށީދަރިފުޅު ވަނީ މަރުވެފައެވެ. ބޮޑު އާއިލާއެއްގެ ނަސީބު ލިބިފައިވާ ހޫލިއޯއާއި ވަލްޑްރަމިނާގެ 11 ކާފަމާމަކުދިންނާއި 21 މުނިކާފަމާމަކުދިން އަދި މުނިމުނިކާފަމާމަ 9 ކުދިން އެބަތިއްބެވެ.

"އިހުތިރާމާއި ގަދަރު، ހަމްދަރުދީއާއި އޯގާވެރިކަމާއެކު ދެނެގަތުން، ފަހުމުވުމާއެކު ސަމާލުކަންދިނުން، މިކަންކަމަކީ އަހަރެމެންގެ ގުޅުމުގައި ހާއްސަކަމަކަށް އޮންނަ ކަންތައްތައް. ދިރިއުޅުން ކުރިއަށް ގެންދެވޭނީ، ހަމަޖެއްސޭނީ މިކަންތައް ހުރެގެން. މިއީ ކޮންމެ ދިރިއުޅުމެއްގައިވެސް ވަރަށް މުހިންމު ކަންތައްތަކެއް، އަހަރެމެން ދުވަހަކުވެސް ޒުވާބުކޮށް ތަޅާފޮޅައެއް ނަހަދަން. އަހަރެމެންގެ ދެމެދުގައިވެސް މައްސަލަތައް ޖެހޭ. އެކަމަކު އެއީ ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް، އެކަންތަކެއް އަހަރެމެންގެ ދަރިންނަކަށް ފާހަގައެއްވެސް ނުވާނެ. އެއީ އެކުދިންނަށްވެސް އަހަރެމެންގެ އިހުތިރާމާއި ގަދަރު ހައްގުވާތީ. ހަޔާތުގެ ހަގީގީ ކާމިޔާބީ އަކީ މިކަހަލަ ކިތަންމެ ކަމެއް އެދެއަކުރުގައި ހިމެނޭ ލަފުޒު، ލޯބި"

2020ވަނަ އަހަރުގެ އޮކްޓޯބަރު މަހުހެ 22ވަނަ ދުވަހު ހުލިއޯސެޒާ އޭނާގެ އުމުރުން 110އަހަރާއި 7 މަހާއި 16 ދުވަހުގައި ވަނީ މިލޯބިވެތި އަނބިމީހާ ވަލްޑްރަމިނާއާއި އާއިލާއާ އަބަދުގެ އަބަދަށް ވަކިވެފައެވެ. އެހެންނަމަވެސް ހުލިއޯ ދުނިޔޭގައި ހުއްޓާ އޭނައާއި ވަލްޑްރަމިނާއަށް ވަނީ ރިކޯޑު ފޮތުން 'އެންމެ ގިނަ ދުވަސްވެފައިވާ ޖޯޑު، ނުވަތަ އެންމެ ގިނަދުވަސްވަންދެން އިނދެގެން އުޅުނު ދެމަފިރިންގެ ނަމާއި ރިކޯޑު ލިބިފައެވެ.

މިދެމަފިރިންގެ ވާހަކަ ސޯޝަލް މީޑިޔާގައި ތަފާތު ގޮތްގޮތަށް މިހާރުވެސް އަންނަނީ ދެކެވެމުންނެވެ. އެތައް ބަޔަކު މިއީ ނަމޫނާ ގުޅުމެއްގެ ގޮތުގައި، އަދި 'އައިޑިއަލް ކަޕްލް'ގެ ގޮތުގައިވެސް މިދެމީހުންގެ ނަން ބޭނުންކުރެވެއެވެ.

ދެމީހަކު އެކަކު އަނެކަކަށް ދަނެދެކެ ފަރިތަވެ ކައިވެންޏާ ހަމައަށް ދާނީ މުޅި އުމުރު އެކުގައި އުޅުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެކަމަކު ބައެއް ފަހަރު ހާލަތާއި ވަގުތު އެންމެ ބޭނުން ނުވާ ގޮތަށް ކަންތައް ކުރަން މަޖުބޫރުވާ ފަހަރުވެސް ދެއެވެ. އެހެންވިޔަސް ކައިވެންޏަކީ ކުޅިވަރަކަށް ނުހަދައި އެއީ ހަޔާތުގައި ކުރިއަށް އަޅާ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ހަދާން ޖެހެއެވެ. ހުލިއޯސެޒާ އާއި ވަލްޑްރަމިނާއަށްވުރެ މާފުރިހަމަ ބައިވެރިންނަށްވެސް ވެވިދާނެއެވެ. އިހުތިރާމާއި ގަދަރާއިއެކު، ދެނެގަތުމާއި އަޑުއެހުމާއި ފަހުމުވުން ހިމެނޭހެން ލޯބިވާށެވެ! ލޯތްބަކީ މިހުރިހާ ސިފަތަކެއް ހިމެނޭ އިހުސާސެއްކަން ދެނެގަންނާށެވެ!

ކޮންމެ ދެމީހަކަށްވެސް ވަލްޑްރަމިނާ އާއި ހޫލިއޯ ސެޒާ އަކަށް ވެވިދާނެއެވެ. ނުވަތަ އެއަށްވުރެ މާބޮޑަށްވެސް ރަނގަޅު ދެމަފިރިއަކަށްވެވިދާނެއެވެ. އެކަމަކު އެހެން އެކަން ކުރެވޭނީ ތިމާގެ ބައިވެރިޔާއަށް އެންމެ ފުރިހަމައަށް ލޯބިދީ، ލޯބިވެގެންނެވެ. އެއްވެސް ދިރިއުޅުމެއްގައި މައްސަލައެއް ނުޖެހި ކުރިއަކަށް ނުދާނެއެވެ. އެހެން ނަމަވެސް މައްސަލަ ޖެހުމާއި ޒުވާބުކުރުމާއި ހަނގުރާމަ ކުރުމާ މިއީ މުޅިން ތަފާތު ކަންތައްތަކެވެ. ބައިވެރިޔާއާ ޒުވާބުކޮށް ޖަދަލުކޮށް ރުޅިމައްޗަށް ރުޅި އިތުރުވެ ތަޅާފޮޅުމަކާ ހަމައަށް ދިއުމުގެ ކުރިން ވިސްނާލާށެވެ. އެކަމުން އަސަރު ކުރާނީ ހަމައެކަނި ތިދެމީހުންނަށް ހެއްޔެވެ؟ އެހެން ބަޔަކަށް އަސަރެެއް ނުކުރާނެހެއްޔެވެ؟ އެންމެ ރަނގަޅެވެ. އެކަކަށްވެސް ނުފެންނާނެހެން ދެމީހުން ޒުވާބުކޮށް ތަޅާފޮޅުމަކަށް ދަނީއެވެ. އެހެންވިއްޔާ އެކަކަށް ނުފެނުނަސް ތިދެމީހުން އެކަކު އަނެކަކަށް ކުރާ އިހުތިރާމަށް ބުރޫ އަރާނެކަމާމެދު ވިސްނައިނުލަން ހެއްޔެވެ؟

ހައްތާވެސް ތަފާތު އެކި ކަންތަކެވެ. މިއިން ކޮންމެ ކަމެއްގައިވެސް އަނެކާއަށް އޯގާތެރިވުމުން ތިމާއަށް ލިބޭނެ ކުރިއެރުމަކާއި ހަމަޖެހުމަށް ވިސްނާލާށެވެ. ދުނިޔޭގައި ކޮންމެ މީހަކުވެސް ދިރިއުޅެނީ އުފަލާއި ހިތްހަމަޖެހުން ހޯދުމަށެވެ. ރެއާއިދުވާލު މަސައްކަތް ކުރަނީ މިބޭނުމުގައެވެ. އެކިކަހަލަ ނަމުގައިވިޔަސް ނަތީޖާ ހޯދަނީ އެއްނަމެއްގައެވެ. އުފަލާއި ކާމިޔާބަށް އެދިއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމަށް ބޭނުންވެގެންނެވެ. ފިރިމީހާވިޔަސް އަނބިމީހާވިޔަސް އަދި އެހެން މީހެއްވިޔަސް މިހަގީގަތް އޮންނާނީ މިހެނެވެ.

ވީމާ ކައިވެންޏެއް ކުރާއިރު އެކައިވެނި ދަމަހައްޓަން ކަނޑައަޅާ އަޒުމުގައި ހަރުދަނާ ވާށެވެ. އަނބިމީހާއަށް އޯގާތެރިވާށެވެ! އަދި ފިރިމީހާއަށް ކަމޭހިތާށެވެ! ދެމީހުންގެ ދެމެދުގައި އެހެން މީހެއްގެ ފަރާތުން އިވޭނެވަރުގެ ސިއްރެއް ނުބާއްވާށެވެ. ދެމެދަށް ތިންވަނަ މީހަކަށް ވަންނާނެ ފުރުސަތު އެއްވެސް ވަރަކަށް ނުދޭށެވެ! ދެމީހެއްގެ ގުޅުމަކަށް ތިންވަނަ މީހާ އައުމަށްފަހު އެގުޅުން ދާނީ ހީނަރުވަމުން އެކަކު އަނެކަކަށް މައްސަލަތައް ގިނަވަމުންނެވެ. ދެން އެންމެ ފަހުން އޮތް އެންމެ ރަނގަޅު ގޮތަކީ ވަކިވުން ކަމަށް ނިންމާ ހިސާބަށްވެސް ކަންތައް ހިނގައިދާނެއެވެ. އެހެންކަމުން އެވަރު ދަނެގެން ހޭލުންތެރިކަމާއެކު ލޯ ހުޅުވައިގެން ދިރިއުޅުމައިގެން ކުރިއަށް ދާށެވެ!

ވަލްޑްރަމިނާ ބުނެފައިވެއެވެ. "ލޯބީގެ މާނައަކީ ހަމައެކަނި ތެދުވެރިކަމާއި ވަފާތެެރިކަމެއްނޫން. ހަމައެހެންމެ ލޯބި މިބަހުގެ ޝަރަހައަކީ ވަރަށް ދިގު ތަފުސީލެއް. އެޝަރަހަ އެނގުމުން ލޯބި އިހުސާސް ކޮށްދޭންވެސް އެނގޭނެ."

ކޮންމެ އިންސާނަކަށްވެސް ލޯތްބާއި އޯގާތެރިކަމާއި އަޅައިލުން ވަރަށް މުހިންމެވެ. އިންސާނަކަށް ވީތީ އެކަންޏެއްވެސް ނޫނެވެ. ދިރޭ މަހުލޫގަކަށްވީތީއެވެ. ކޮންމެ ދިރޭ ފުރާނައަކަށްވެސް ލޯތްބާއި އޯގާތެރިކަން ބޭނުންވާނެއެވެ. ސަމާލުކަން ލިބުމަށް އެދޭނެއެވެ. މިއީ ފިތުރަތުގައި ލައްވާފައިވާ ކަމެކެވެ. އޭގެތެރެއިން އިންސާނުންނަށް ދެއްވި ބުއްދިން ހެވާއި ނުބައި ދެނެގަނެ ތަފާތު ކުރެވޭ ގޮތަށް ލޯތްބާއި އަޅާލުމާއި ސަމާލުވުންވެސް ދެނެގަނެވޭނެއެވެ. އަދި އެންމެ މުނާސަބު ފުރިހަމަ ގޮތުގައި އެއިހުސާސްތައް ގެންގުޅެވޭނެއެވެ. އަވަހަށް، ލަސްނުވަނީސް ދިރިއުޅުމުގެ ކުރިއަށް އޮތްތަން ސަލާމަތްކުރަން ހިތްވަރުކޮށްލާފައި ތެދުވާށެވެ! ލޯބިވާވަރު ބައިވެރިޔާއަށް އިހުސާސްކޮށްދޭށެވެ. ކިތަންމެ ގިނަގިނައިން ދުލުންނާއި ގަލަމުން ބުންޏަސް އަމަލުން ނޫނީ އެއިހުސާސް ކޮށެއް ނުދެވޭނެއެވެ. ބުއްދިވެރި ބުނުމުގައި ވާގޮތަށެވެ.

"ލޯބިވާކަން އެއީ ބުނުމުން ހާމަވާކަމެއް ނޫނެވެ، އެކަމަކު އެއީ އިހުސާސްކޮށްދޭ ކަމެކެވެ!"