ފެޝަން

ހުއްދަ ނުހޯދާ ކިމްގެ ފޮޓޯ ބޭނުންކޮށްގެން ހެދުން ވިއްކާތީ ދައުވާ ކޮށްފި

ހުއްދަ ނުހޯދައި ކިމް ކާޑިޝަންގެ ފޮޓޯ ބޭނުން ކުރާތީ ހެދުން ވިއްކާ އޮންލައިން ސްޓޯއަކާ ދެކޮޅަށް އޭނާ ދައުވާ ކޮށްފިއެވެ.

މިސްގަޑިޑެޑް ޔޫއެސްއޭ ކިޔާ އޮންލައިން ރީޓެއިލް ސައިޓަކީ ތަރިންލާފައި ހުންނަ ހެދުންތަކާ ވައްތަރުގެ ހެދުންތައް ވިއްކުމަށް އެ ތަރިންގެ ފޮޓޯ ބޭނުންކޮށްގެން ޕްރޮމޯޓް ކުރާ ބައެކެވެ.

ކޯޓަށް ކިމް ހުށަހަޅާފައިވާ ދައުވާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ ލާފައި ހުންނަ ހެދުންތައް މަދު ދުވަސްކޮޅެއް އަދި ބައެއް ފަހަރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައިވެސް ނަކަލް ކުރުމަށްފަހު ވިއްކަން ލާފައި ހުންނަކަން ވަނީ ފާހަގަވެފަ އެވެ.

ދައުވާގެ ރިޕޯޓުގައި ކިމް ވަނީ އޭނާ އިންސްޓަގްރާމު ޕޯސްޓާއި އެ ފިހާރައިގެ އިންސްޓަގްރާމު ޕޯސްޓުގެ ސްކްރީން ޝޮޓްވެސް ހިމަނާފައެވެ.

މީގެ އިތުރުން ރިޕޯޓުގައި ބުނެފައިވަނީ އެސައިޓުން ޕޯސްޓުކުރާ ފޮޓޯތަކުގައި އޭނާ ޓެގްވެސް ކުރާ ކަމަށާއި، އޭގެން ޕަބްލިކަށް ކިމް އެމީހުނާ އެކީ މަސައްކަތް ކުރާ ކަމަށް ދޭހަވާ ކަމަށެވެ.

މީގެ ދެދުވަސް ކުރިން ކިމް ވަނީ ފެޝަން ނޯވާ ކިޔާ ސައިޓަކާ ދެކޮޅަށް ވެސް ދައުވާ ކޮށްފައެވެ. އެ ސައިޓުން ކިމް ލާފައިވާ ވިންޓޭޖް މުގްލާގެ ހެދުން "ބޫބް ބެލްޓް" ހެދުމުގެ ނަކަލެއް ވިއްކަން ލާފައިވާތީ ކިމް ބުނީ މިގޮތަށް ތަރިންގެ ހެދުންތައް އެހާ އަވަހަށް ނަކަލު ކުރާ ކުންފުނިތަކާ މެދު ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ. ނަމަވެސް ފެޝަން ނޯވާއިން ހެދުން ވިއްކުމަށް ކިމްގެ ފޮޓޯ ބޭނުން ކޮށްފައެއް ނުވެއެވެ.

ކިމްގެ ދައުވާގައި އޭނާގެ ފޮޓޯތައް މިސްގައިޑަޑް ސައިޓުން ވަގުތުން ނެގުމަށް އެދިފައި ވެއެވެ. މީގެ އިތުރުން އޭނައަށް އޭގެން ލިބިފައިވާ ގެއްލުމުގެ ބަދަލުގައި 10 މިލިއަން ޑޮލަރަށްވެސް އެދިފައިވެއެވެ.