ސާރާ އަލީ ޚާން އޭނާގެ މަންމަ އަމްރިތާ ސިންގްގެ ގެއިން ނުކުތް ހަބަރު ވަނީ މިދޭތެރެއަކުން މީޑިއާގައި ވަރަށް ބޮޑަށް ދެކެވިފައެވެ.
ސާރާ ޕެކްކޮށްފައި ހުރި އެއްޗެހިތައް ކާރަކަށް އަރުވާ ފޮޓޯއެއް މިދޭތެރެއަކުން ވަނީ ވައިރަލްވެފައެވެ. އޭގެ ފަހުން އޭނާގެ އަމިއްލަ އިންސްޓަގްރާމުގައި ވަނީ "ހިއާސް ޓު ނިއު ބިގިނިންސް" ކެޕްޝަނުގައި ލިޔެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. މި ހުރިހާ ކަމަކާ ހުރެ ގިނަ ބަޔަކު ތިބީ ސާރާ އޭނާގެ މަންމަގެ ގެއިން ނުކުމެ ވަކިން ދިރިއުޅެން ފެށީކަމަށް ނިންމައިގެންނެވެ.
ނަމަވެސް ސާރާ މިވަނީ އެވާހަކަތައް ދޮގުކޮށް އޭގެ ހަގީގަތް ކިޔައިދީފައެވެ. ބޮމްބޭ ޓައިމްސްއަށް ސާރާ ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އެ ފޮޓޯ ތަކަކީ އިސްތިހާރަކަށް ކުރި ކެންޕެއިނެއް ކަމަށެވެ. އަދި މަންމަގެ ގެއިން ނުނިކުންނަ ކަމަށާއި މަންމައާ ވަކިން ނޫޅެވޭނެ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ވެސް މަންމަގެ ގެއިން ނިކުތުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސާރާ ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ސާރާ ވަނީ ފުރަތަމަ ކުޅުނު ދެފިލްމުންވެސް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޝުޝާންތް ސިންގް ރާޖްޕުޓްއާ އެކު ކުޅުނު ފިލްމު "ކެދަރުނާތް" އާއި ރަންވީރު ސިންގާ އެކު ކުޅުނު ފިލްމު ސިމްބާ ވަނީ މިދިޔަ އަހަރުގެ ބްލޮކްބަސްޓާ ތެރޭގައި ހިމެނިފައެވެ.
ދެން ސާރާ އެންމެ އަވަހަށް ފެންނާނީ އޭނާގެ ބައްޕަ ކުރިން ކުޅެފައިވާ ފިލްމު "ލަވް އާޖް ކަލް"ގެ ރީމޭކްއިންނެވެ.