ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ އެހެންމީހުންގެ މަސްލަހަތު އިސްކޮށް، އެމީހުންނަށް އަޅާލައި އިހުސާންތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުތުބާގައި ބުނީ ކޮންމެ މީހަކުވެސް އަނެކުންނަށް އަޅައިލައި އިހުސާންތެރިވުމަކީ އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއް ކަމަށާއި އެފަދަ މީހަކަށް މާތްالله ގެ ރުއްސެވުމާއި މަދަދު ލިބިގެންވާ ކަމަށެވެ.
"މިއީ އަހުވަންތަކަމާއި އެއްބަނޑު އެއްބަފާކަން އަޅުގަނޑުމެން މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގޮތެވެ. ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ އެހެންމީހުންގެ މަސްލަހަތު އިސްކޮށް, އެމީހުންނަށް އަޅާލައި އިހުސާންތެރިވުމެވެ. ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ, އެއާ ވަކިނުކުރެވޭ ފަދަ ގުނަވަނެކެވެ. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއް, ކޮންމެ ވޭނެއް ހުރިހާ ގުނަވަންތައް ހިއްސާކުރަން ޖެހެއެވެ. މިއީ މުސްލިމުންގެ މިސާލެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފާކަމެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މާތްالله އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެއްބަޔަކު އަނެއްބައެއްގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށް ވެސް ބުންޏެވެ.
"އެހެންކަމުން މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ, އަޅައިލުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފައެކެވެ. މާތްالله އިންސާނުން ހައްދަވާފައިވަނީ އެކަކު އަނެކަކަށް އެހީތެރިވެ, އިޖުތިމާއީ ދިރިއުޅުމެއް އުޅޭގޮތަށެވެ. އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ, އެއްބަޔަކު އަނެއްބައެއްގެ އެހީތެރިކަން ބޭނުންވާ ގޮތުގައެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ އިސްލާމީ މުޖުތަމައުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއް ކަމުގައި ކަމަށާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައި އަދި އެކަކު އަނެކަކަށް އަޅައިލުމާއި އޯގާތެރިވުމުގައި ކަމަށެވެ. މިކަމަކީ އިންސާނިއްޔަތުކަމުގެ އިތުރުން މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.