މުޙައްމަދު ޝަމްޢޫން
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން ބުރުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ޒޯން ހަތަރެއްގެ މެޗުތައް މ. ދިއްގަރާއި އދ. މާމިގިލިން ކާމިޔާބުކުރި އިރު، ޒޯން ހައެއްގެ މެޗުތައް ލ. ގަމާއި ގދ. ވާދޫން ކާމިޔާބު ކޮށްފިއެވެ.
މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު ރޭ ކުޅެފައިވާ އިރު، ރޭ ކުޅުނީ ޒޯން ހައެއްގެ ދެމެޗާއި، ޒޯން ހަތަރެއް އަދި ޒޯން ހައެއްގެ ދެމެޗެވެ. ޒޯން ހައެއްގެ ފުރަތަމަ މެޗުގައި ދ. ކުޑަހުވަދޫން ތ. ތިމަރަފުއްޓާ އެއްވަރު ކުރި އިރު، އަނެއް މެޗުގައި ފ. ބިލެއްދޫން ވަނީ ތ. އޮމަދޫ ބަލިކޮށްފައެވެ.
ޒޯން ހަތަރެއްގެ މެޗުތައް ފޯރިގަދަކޮށް ފެނުނު އިރު، އެންމެ ފާހަގަކޮށްލެވުނީ މ. އަތޮޅުގެ ފައިނަލް ކުޅުނު ދެޓީމު ކަމަށްވާ މުލަކާއި ދިއްގަރު ވާދަކުރި މެޗެވެ. އެ އަތޮޅު ފައިނަލްގައި މުލަކުން ދިއްގަރު ބަލިކޮށްފައި އޮތް ނަމަވެސް ރޭގެ މެޗަށް ނުކުމެ، ދިއްގަރުން ވަނީ 2-0 އިން މުލައް ބަލިކޮށްފައެވެ.
ރޭގެ މެޗުގައި ދިއްގަރުން ގޯލުތައް ޖަހައިދިނީ އަލީ މާޖިދާއި އާދަމް ހަލީލެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ދިއްގަރުގެ އިބްރާހީމް ރިއްފަތެވެ.
އެ ޒޯނުގައި ރޭ ކުޅުނު އަނެއް މެޗުގައި އދ. މާމިގިލިން ވަނީ އެ އަތޮޅު އޮމަދޫ ކައިރިން 2-1 އިން މޮޅުވެފައެވެ. މާމިގިލީގެ ގޯލުތައް އިބްރާހީމް މައިސަން (މައި) ގެ އިތުރުން އަހުމަދު އަޔާޒް ޖަހައިދިން އިރު، އަޔާޒް މެޗުގައި ދެ ގޯލު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މައި އެވެ. އޮމަދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ މޫސާ އަރީފެވެ.
ޒޯން ހަތަރެއްގައި ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެފައިވާ އިރު، މާމިގިއްޔާއި ދިއްގަރުން ވަނީ ހަތަރު ޕޮއިންޓް ހޯދައިފައެވެ. މުލައް ދެމެޗުން ބަލިވެ ކަޓައިފައި އޮތް އިރު، ތިން ޕޮއިންޓާއެކު އޮތް އޮމަދުއަށް އަދި ފުރުސަތު އެބައޮތެވެ.
ޒޯން ހައެއްގައި ރޭ ދެ މެޗު ކުޅުނު އިރު، ފުރަތަމަ މެޗުގައި ވާދޫން ކޮނޑޭ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ދެ ގޯލު ޖެހި އިރު، މޮޅު ކުޅުންތެރިޔަކީ ވާދޫގެ ގޯލްކީޕަރު ލީވާން މުހައްމަދެވެ.
އެ ޒޯނުގައި ލ. ގަމުން ރޭ ކުޅުނު މެޗުގައި 1-0 އިން ގއ. މާމެންދޫ ބަލިކުރި އިރު، ގަމުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހުމަދު ހަލީމެވެ. އެ ޒޯނުގައިވެސް ކޮންމެ ޓީމަކުން މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު، ގަމާއި ވާދޫން ވަނީ ހަތަރު ޕޮއިންޓް ހޯދައިފައެވެ. މާމެންދޫ ކުޅުނު ދެމެޗުންވެސް ބަލިވެ އެޓީމު ކަޓައިފައިވާ އިރު، ކޮނޑޭއަށް އަދި ގަދަ 16 އަށް ދާން ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެއީ ފަހު މެޗުގައި ގަން ބަލިކޮށްގެންނެވެ.
ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ.
20:15 މާލެގަން - ސ. ފޭދޫ (ޒޯން 7)
20:15 ބ. އޭދަފުށި - ނ. ކުޑަފަރި (ޒޯން 2)
21:15 ވިލިމާލެ - ހެންވޭރު (ޒޯން 8)
21:15 ހއ. އިހަވަންދޫ - ށ. މިލަންދޫ (ޒޯން 1/ ގްރޫޕް ބީ)
22:15 މާފަންނު - ހުޅުމާލެ (ޒޯން 8)
22:15 ހދ. ވައިކަރަދޫ - ށ. ކަނޑިތީމް (ޒޯން 1/ ގްރޫޕް އޭ)