ރަޝިއާގެ ސަރުކާރުން ފަންޑުކުރާ މީޑިއާތައް ބްލޮކުކުރަން ޔޫޓިއުބުން ނިންމައިފިއެވެ.
ވީޑިއޯ ހިދުމަތް ދިނުމުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމް ޔޫޓިއުބް ހިންގާ އެލްފަބެޓް އިންކް ގޫގުލް ކުންފުނީގެ ފަރާތުން ފަރްޝަދް ޝަދްލޫ ބުނީ ރަޝިއާއިން ޔޫކްރޭނުގައި ހިންގަމުންދަނީ ޖަރީމާއެއް ކަމަށާއި އަނިޔާވެރިކަމަށް ފުށުއަރާ ވީޑިއޯތައް އާއްމުކުރުމަކީ ކުށެއް ކަމަށެވެ.
އެގޮތުން ރަޝިއާގެ ސަރުކާރުން ފަންޑުކޮށް ހިންގާ މީޑިއާތައް ބްލޮކް ކުރަން ނިންމާފައިވަނީ އެކުލަވާލެވިފައިވާ ގަވާއިދާ އެއްގޮތަށް ކަމަށް އެ ކުންފުނިން ވަނީ ބަޔާންކޮށްފައެވެ. މީގެ ކުރިން ޔޫޓިއުބުން ވަނީ ރަޝިއާ ސަރުކާރުގެ މީޑިއާތައް ކަމަށްވާ އާރްޓީ އަދި ސްޕުޓްނިކް ވެސް ޔޫރަޕުގައި ބްލޮކުކޮށްފައެވެ.
ޔޫޓިއުބްގެ މި ނިންމުމާ ގުޅިގެން ސްޕުޓްނިކް އިން ބުނެފައިވަނީ މިއީ ޑިމޮކްރަސީ ގާއިމުވެފައިވާ މުޖުތަމައުއެއްގައި ކަށަވަރުކޮށްދޭންޖެހޭ މިނިވަން ނޫސްވެރިކަމުގެ މާއްދާތަކާ ހިލާފަށް ސީދާ ޔޫޓިއުބުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
ޔޫޓިއުބުން ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ބްލޮކުކޮށްފައިވަނީ ރަޝިއާގެ ސީދާ ކޮން މީޑިއާތަކެއް ކަމެއް އަދި ކިތައް މީޑިއާ ކަމެއްވެސް ޔޫޓިއުބުން ހާމަކޮށްފައެއް ނުވެއެވެ.