މުނިފޫހިފިލުވުން

އިލޮން މަސްކާއި ގްރައިމްސްއަށް އިތުރު ދަރިއަކު ލިބިއްޖެ

ޓެސްލާ ކުންފުނީގެ ސީއީއޯ އަދި ބިލިއަނަރު އިލޮން މަސްކް އާއި ލަވަކިޔުންތެރިޔާ ގްރައިމްސްއަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.

ދެވަނަ ދަރިއަކު ލިބިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސަރޮގަސީ މެދުވެރިކޮށް ކަމަށް ވެނިޓީ ފެއާއަށް ގްރައިމްސް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. އިލޮން އާއި ގްރައިމްސްއަށް ދެވަނައަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އެކްސާ ޑާކް ސައިޑިއާއީއެލްގެ ނަން ދީފައިވާ މި ކުއްޖާއަށް ލޯބިން ކިޔައި އުޅެނީ "ވައި" ކަމަށްވެސް ގްރައިމްސް ވަނީ ބުނެފައެވެ.

ގްރައިމްސް އާއި އިލޮންއަށް ދެވަނަ ދަރިއަކު ލިބުނުކަން އެމީހުން ތިބީ މީޑިއާއަށް ހާމަކުރަން ނިންމައިގެނެއް ނޫނެވެ. ނަމަވެސް ގްރައިމްސްގެ އިންޓަވިއު ނަގަމުން ދިޔަ ނޫސްވެރިޔާ ޑޭވިޑް ގޯޑަންއަށް ގޭތެރެއިން ތުއްތު ކުއްޖަކު ރޯ އަޑު އިވިގެން ސުވާލުކުރުމުން އެ މައުލޫމާތުތައް ހިއްސާކުރަން ގްރައިމްސްއަށް ވަނީ މަޖުބޫރުވެފައެވެ.

ދަރިއަށް ތަފާތު އާދަޔާ ހިލާފު ނަމެއް ދީފައިވާތީ އެކަމާ ސުވާލުކުރުމުން ގްރައިމްސް ވަނީ ނަން ދެވުނު ގޮތް ވެސް ކިޔައިދީފައެވެ. ކޮމްޕިއުޓިންއާއި ޓެކްނިކަލް އަދި ޖައްވާ ގުޅުންހުރި ކަންކަމާ ގުޅުވައިގެން ދެވިފައިވާ ނަމުގައި ގްރައިމްސްއަށް އެންމެ ކަމުދާ ލޯޑް އޮފް ދަ ރިންގްސްގެ ކެރެކްޓާއަކާވެސް ނަމުގެ ބައެއް ގުޅުވިފައިވާ ކަމަށް ގްރައިމްސް ބުނެއެވެ.

ދަރިއަށް އެ ނަން ދީފައިވީ ނަމަވެސް ގްރައިމްސް ދޭން ބޭނުންވި ނަމަކީ އޮޑިސަސް މަސްކު ކަމަށާއި، އޮޑިސަސް ކިޔާ އަންހެން ކުއްޖަކު ހުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމުގައި ގްރައިމްސް ވަނީ ބުނެފައެވެ.

މިއީ އިލޮންއަށް ލިބުނު އަށްވަނަ ދަރިފުޅަށްވާ އިރު، ގްރައިމްސްގެ މިއީ ދެވަނަ ދަރިފުޅެވެ. އިލޮން އަދި ގްރައިމްސްއަށް އެންމެ ފުރަތަމަ ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. 2020 ވަނަ އަހަރުގެ މެއި މަހުގެ ހަތަރުވަނަ ދުވަހު ލިބުނު ދަރިފުޅަށްވެސް ކިޔާފައިވަނީ އެހާމެ ތަފާތު ނަމެކެވެ. އެކުއްޖާއަށް އެކްސް އޭޝް އޭ 12ގެ ނަން ދެވިފައިވާ އިރު، އެ ނަން ލިޔެވިފައިވަނީ އަކުރުތަކަކާއި ނަންމަބުތަކެއްގެ ގޮތުގައެވެ.

އިންޓަވިއުއަށްފަހު ގްރައިމްސް ވަނީ ޖެހިޖެހިގެން ޓުވީޓުތަކެއްވެސް ކޮށްފައެވެ. އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިންޓަވިއު ދިނީ އޭނާގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަން ކަމަށާއި ދަރިފުޅު ލިބުނުކަން ހާމަކުރަން ނޫން ކަމަށެވެ. އަދި ދަރީގެ ޕްރައިވަސީއަށް އިހުތިރާމުކުރަން އޭނާ ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

އޭނާ ކުރި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ އިންޓަވިއު އާންމުކުރި ހިސާބުން އިލޮން އަދި ގްރައިމްސްގެ ގުޅުން އަނެއްކާވެސް ކެނޑިފައިވާ ކަމަށެވެ. ނަމަވެސް ދެމީހުންނަކީ އަބަދުވެސް ގާތް ދެ ރަހުމަތްތެރިންނަށްވެފައި އެއީ އެންމެ ލޯބިވާ މީހާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.