އިންޑިއާގެ ކެރެލާގައި ފުއްޕާހަން ވިއްކަން އުޅުނު ކުއްޖެއްގެ ރީތިކަމަށް މިފަހުން ވަނީ މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައެވެ.
ޕްރޮފެޝަނަލް ފޮޓޯގުރާފަރެއް ކަމަށްވާ އަރްޖުން ކްރިޝްނަންގެ ކެމެރާއަށް ކިސްބޫ އަރާފައިވަނީ ކެރަލާގެ އަންދަލޫރުގެ މަގުމަތީ ފުއްޕާހަން ވިއްކަން އުޅެނިކޮށެވެ. އަދި ކިސްބޫގެ ފޮޓޯތައް އަރްޖުންގެ އިންސްޓަގުރާމުގައި ދޫކޮށްލި ހިސާބުން މިފޮޓޯ ވަނީ ގިނަބަކަށް ކަމުގޮސްފައެވެ.
އެ ފޮޓޯތަކަށް ލިބުނު ސަމާލުކަމާއެކު ޕްރޮފެޝަނަލް ފޮޓޯ ޝޫޓެއް ޖެއްސުމަށް ކިސްބޫގެ އާއިލާގެ ގާތުން އަރްޖުން ވަނީ އެދިފައެވެ. މި ފޮޓޯ ޝޫޓުތަކަށް ތައްޔާރުވުމަށް މޭކަޕް އާޓިސްޓެއް ކަމަށްވާ ރާމްޔާ ޕްރަޖުލް ވަނީ ކިސްބޫގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ.
ކިސްބޫ މޮޑެލްކޮށް ނަގާފައިވާ ފޮޓޯތައް އަރްޖުން އިންސްޓަގުރާމުގައި ހިއްސާކުރުމާއެކު 10،000 އަށްވުރެ ގިނަ ލައިކް ލިބި ގިނަ ބަޔަކު ކިސްބޫގެ ރީތިކަމަށް ތައުރީފުކޮށް އެ ފޮޓޯތައް މިވަނީ އިންޓަނެޓުގައި ވައިރަލް ވާން ފަށާފައެވެ.
ރާޖަސްތާނުން ކެރެލާއަށް ދިރިއުޅުން ބަދަލުކޮށް ފަގީރު ދިރިއުޅުމެއް އުޅެމުން އަންނަ ކިސްބޫއަށް ލިބުނު މަގުބޫލުކަމާއެކު އޭނާ ވެސް މިވަނީ ކެރެލާގެ މަގުތަކުގައި މަސައްކަތްކުރަން އުޅުނު 60 އަހަރުގެ މަމީކާ ފަދައިން އިންޓަނެޓުގެ ތަރިއަކަށް ވެފައެވެ. ކިސްބޫ މަޝްހޫރުވުމުގެ ފަހަތުގައި ހުރި އަރްޖުން އާއި އޭނާގެ ޓީމަށް ކިސްބޫގެ މަންމަ ވަނީ ޝުކުރު އަދާކޮށްފައެވެ.