ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޅ. އަތޮޅުގެ ޗެމްޕިއަންކަން ހިންނަވަރު، މ. އަތޮޅުގެ ޗެމްޕިއަންކަން މުލަކުން އަދި އދ. އަތޮޅުގެ ޗެމްޕިއަންކަން މާމިގިލިން ހޯދައިފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ނިމުމަކާ ގާތްވެފައިވާ އިރު، ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޮވީ އެ އަތޮޅުން މުބާރާތުގައި ބައިވެރިވެ ދެ ރަށް ކަމަށްވާ ޅ. ހިންނަވަރާއި ކުރެންދޫ ކުޅުނު ދެ މެޗުގެ ނަތީޖާއަށް ބަލައިގެންނެވެ. ފުރަތަމަ މެޗުގައި ދެޓީމު 0-0 އިން އެއްވަރުވި އިރު، ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގައި ހިންނަވަރުން ވަނީ 3-1 އިން ކުރެންދޫ ބަލިކޮށްފައެވެ.
މެޗުގައި ހިންނަވަރުގެ ގޯލުތައް އަހުމަދު އަވީން މުހައްމަދާއި އަލީ އަކްރަމް އަދި ހުސައިން އައްފާޝް ޖަހައިދިން އިރު، ކުރެންދޫގެ ގޯލު ޖެހީ ހުސައިން ޒާހިރެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ފުރަތަމަ ލެގުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހިންނަވަރު ގޯލްކީޕަރު ފިރުދައުސް އިބްރާހީމް ދީދީއެވެ. ފިރުދައުސްއަކީ ޅ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.
ޅ. އަތޮޅު ބުރުގައި ކުޅުނު ދެ މެޗަށް ބަލައި، ރޭގެ މެޗުގެ ގޯލުތައް ޖެހި ކުޅުންތެރިންނަކީ އެ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ހަތަރު ކުޅުންތެރިންނެވެ.
މ. އަތޮޅުގެ ޗެމްޕިއަންކަމާއި އދ. އަތޮޅުގެ ޗެމްޕިއަންކަން ހޮވީ ރޭ ކުޅުނު ފޯރިގަދަ ދެ ފައިނަލުންނެވެ. އޭގެން ކޮންމެ އަތޮޅަކުންވެސް ފަސް ޓީމަށް ވުރެ ގިނައިން ޓީމުތައް ބައިވެރިވެފައިވުމާ އެކު ދެ ގުރޫޕުގައި ކުޅެ ފައިނަލަށް ޓީމުތައް ދަތުރު ކޮށްފައިވާ އިރު، ރޭގެ ފައިނަލުގައި ކުޅުނު ޓީމުތައް ވަނީ ޒޯނަށް ކޮލިފައިވެފައެވެ.
މ. އަތޮޅު ޗެމްޕިއަންކަން މުލަކުން ނެގީ ފައިނަލްގައި 2-0 އިން ދިއްގަރު ބަލިކޮށްގެންނެވެ. މެޗަށް ދެޓީމުންވެސް ނުކުތީ ތަފާތު ރޫހެއްގައެވެ. ދަނޑުގެ ވަށައިގެން ދެ ރަށުގެ ސަޕޯޓަރުންވެސް ފުރިފައި އޮތް އިރު، ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވަނީ ދެ ޓީމުގެ ގޯލްކީޕަރުންގެވެސް ހުނަރުވެރި ސޭވްތަކަކުންނެވެ.
މުލަކުގެ ގޯލްކީޕަރު މިފްދާދު އަހުމަދާއި ދިއްގަރު ގޯލްކީޕަރު އަބްދުﷲ ހުނައިން އަބްދުލްޣަފޫރުގެ މޮޅު ސޭވްތަކެއް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، މުލަކުން ފުރަތަމަ ގޯލު ޖެހީ މެޗު ނިމެން ތިން ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އެ ގޯލު ޖަހައިދިނީ ސުޖުއަން ހުސެއިންނެވެ.
މެޗުގައި ދިއްގަރަށް ލިބުނު ހުސް ފުރުސަތުތަކެއްގައި އެޓީމަށް ގޯލެއް ޖަހަން އުނދަގޫތަކަކާ ކުރިމަތިވި އިރު، މުލަކުގެ ދެވަނަ ގޯލު، މެޗުގެ ފަހު މިނެޓުގައި ޖަހައި އެޓީމަށް މޮޅު ޔަގީން ކޮށްދިނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.
މ. އަތޮޅުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ދިއްގަރުގެ އާދަމް ހަލީލް ހޮވުނު އިރު، އޭނާ ވަނީ މުބާރާތުގައި ހަ ގޯލު ޖަހައިދީފައެވެ. އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މުލަކޭއެވެ.
ރޭ ކުޅުނު އދ. އަތޮޅުގެ ފައިނަލުގައި މާމިގިލިން އޮމަދޫ ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ. މެޗުގައި އޮމަދޫގެ ގޯލުތައް އަލީ އަޒުމީ ޖަހައިދިން އިރު، މާމިގިލީގެ ގޯލުތައް ޖަހައިދިނީ އަހުމަދު އަތީފާއި އިސްމާއީލް ސާއިފްގެ އިތުރުން ހައިޝަމް އަރީފާއި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމްބެ ޖެހި ގޯލަކީ ޕެނަލްޓީއެކެވެ.
އދ. އަތޮޅުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށާއި އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނު މާމިގިލީގެ ހައިޝަން އަރީފެވެ.
މުބާރާތުގައި ރޭ ދެން އިތުރަށް ކުޅުނީ ގދ. އަތޮޅުގެ ފަހު މެޗުތަކެވެ. އެ އަތޮޅުން ރޭ ކުޅުނު މެޗުތަކަށް ނުކުތް އިރު، މީގެ ކުރިން އެންމެފަހުން ވާދޫން ކުޅުނު މެޗުގައި ވާދޫން ވަނީ އަތޮޅު ޗެމްޕިއަންކަން ޔަގީންކޮށްފައެވެ. އެ މެޗަށްފަހު ވާދުއަށް ތަށިވެސް ދިނެވެ. ނަމަވެސް އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދިނީ ރޭގެ މެޗުތަކަށް ފަހުއެވެ.
ރޭ ކުޅުނު ގދ. މެޗުތަކަށް ބަލައި އިރު، ތިނަދޫން 8-4 އިން މަޑަވެލި ބަލިކުރި އިރު، އަނެއް މެޗުގައި ހޯޑެއްދޫން ވަނީ 5-2 އިން ގައްދޫ ބަލިކޮށްފައެވެ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޯޑެއްދޫގެ އާދަމް ލަރީފް (ރޮނާ) ހޮވުނު އިރު، އަތޮޅު ބުރުގެ މޮޅު ކުޅުންތެރިޔަކީ ވާދޫގެ މުސައްނިފް މުހައްމަދެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
މުބާރާތުގައި މިރޭ އޮންނާނީ މިހާރު ކުރިއަށްދާ ރަށް ރަށުގެ އަތޮޅު ބުރުގެ ފަހު މެޗުތަކެވެ. އެއީ ލ. އަތޮޅުގެ ފަހު މެޗުތަކާއި، ތ. އަތޮޅުގެ ފައިނަލްގެ އިތުރުން ގއ. އަތޮޅުގެ ފައިނަލާއި ބ. އަތޮޅު އަދި ރ. އަތޮޅުގެ ފަހު މެޗުތަކެވެ.
21:15 ތިމަރަފުށި - އޮމަދޫ
22:15 ކޮނޑޭ - މާމެންދޫ
20:15 ކަލައިދޫ - މާމެންދޫ
20:15 ގަން - އިސްދޫ
21:15 އިނގުރައިދޫ - އިންނަމާދޫ
22:15 ހިތާދޫ - އޭދަފުށި