ލައިފް ސްޓައިލް

ބުޅަލަކީ ރީތި، ލޯބި އެއްޗެއް، އެކަމަކު މުޅި މާލެ ބުޅާ ހާއްޔަކަށް ވުން އޯކޭތަ؟

1

އާންުމުކޮށް އެކުގައި ތަނަކަށް ދަންޏާ ރައްޓެހިން އަޑުލައި ނަސޭހަތްދޭން ޖެހޭ މައްސަލައެކެވެ. އެހެންނަމަވެސް މިއާދަ ބަދަލުކޮށްލަން ފަސޭހައެއް ނޫނެވެ. ބައެއް ފަހަރު ބުޅާ ފެނުނީމަ ވަރަށް އުފާވެއެވެ. އަނެއްބައި ފަހަރު ވަރަށް ބޮޑަށް ހިތުގައި ޖެހި ދެރަވެސްވެއެވެ. އެހެންވެ، ބުޅަލެއް ފެނުނީމަ ކާންނުދީ ދާކަށް ހިތަކަށް ކެތެއް ނުވެއެވެ. އަތުގައި އެއްޗެއް ނެތްނަމަ ކައިރިން ލިބެން ހުރި ތަނަކުން ގަނެފައިވެސް ދޭހިތްވެއެވެ. އެގޮތަށް ދެވެންވެސް ދެވެއެވެ. ބައެއްފަހަރު ލޯބިލޯބި ބުޅަލެއް ފެނުނީމަ އޭތި ނަގައި އަތަށް ލައިގެންވެސް އުޅެވެއެވެ. މިކަހަލަ ކިތަންމެ މީހުންނެއް އުޅޭނެއެވެ. ރާއްޖޭގައި ހާއްސަކޮށް ފުރަމާލޭގައި މިހާރު ބުޅަލުގެ އާބާދީ ގިނަވަމުން މިއަންނަނީ ވިސްނާލަން ޖެހޭފަދަ ހަލުވި މިނެއްގައެވެ.

ބުޅަލަކީ ލޯބި އަދި ރީތިވެސް އެއްޗެކެވެ. އެއްވެސް ދިރޭ އެއްޗަކަށް ގެއްލުންދޭން ނުވާ ގޮތަށް އެއަށްވެސް ގެއްލުންދީ ގޯނާކުރާކަށް ނުވާނެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް ބުޅާ ގިިނަވަމުންދާ އަދަދާމެދު ކޮންމެވެސް ވަރަކަށް ވިސްނާލަން އެބަޖެހެއެވެ.

ދުވާލެއްގެ މައްޗަށް އެތައް ބައިވަރު ކުދި ބުޅާތަކެއް ވިހައި އާބާދީ ބޮޑު ވަމުން އަންނައިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ބުޅަލުގެ ގެދޮރު ބިނާކުރެވިފައި އެބަހުއްޓެވެ. ތަނެއްގައި ސައިކަލުތަކެއް ހަފުތާއެއްހައި ދުވަހަށް ބަހައްޓާފައި ހުރެއްޖެނަމަ ދެން ފެންނާނީ އެތަނެއްގައި ބުޅާ ދަރިންކޮޅު ގޮވައިގެން ޖަގަހަ ޖަހާނެއެވެ. ތަނެއްގައި ކުނިކޮތަޅެއް ބާއްވާފައި އޮތްކަމުގެ ވަސްޖެހޭ އިރަށް ރައްޓެހި އެކުވެރިން ގޮވައިގެން ނުވަތަ އެވަގުތު ބޮޑުވަމުން އުނގަންނައިދެމުން އަންނަ ދަރިންކޮޅު ގޮވައިގެން އައިސް އެކޮތަޅުތަކަށް ހަމަލާދީ، ބަނޑުފުރޭ ކަހަލަ އެއްޗެއް ހުރިތޯ ޗެކުކޮށް އެތަކެއްޗެއް ކޮތަޅުން ބޭރަށް ނެރެ މުޅި ސަރަހައްދު ކުނިކާތަކެތިން ހަޑިކޮށްލައެވެ.

އެއީ ބުޅަލުގެ މައްސަލައެެއް ނޫނެެވެ. ސަބަބަކީ ބުޅަލުގެ ސިކުނޑީގައި އަހަރެމެން އިންސާނުންގެ ސިކުނޑީގައި މިހުންނަ ބުއްދީގެ ބާރެއް ނުހުރެއެވެ. އެހެންކަމުން ބުޅަލަށް އެނގޭނީ ބަނޑުހައިވީމަ، ތަނެއްގައި އެއްޗެއްހުރީމަ، އެއެއްޗެއް ލިބެން ހުރި ގޮތަކަށް ހޯދައިގެން ކާށެވެ.

ދައްކަން މިއުޅެނީ ބުޅަލުގެ ލޯބި ވާހަކައެއް ނޫނެވެ. އެކަމަކު ބުޅަލުގެ ސަބަބުން ނުކުންނަ މައްސަލަތަކުގެ ވާހަކައެވެ.

އެންމެ ބޮޑު ސަބަބަކީ ކުރިއަށް މިއޮތީ ރޯދަމަސްކަމަށް ވެފައި އަދި ހަމައެހެންމެ އިރުވައިގެ ހޫނު މޫސުން ނިމި ހުޅަނގުގެ ވިއްސާރަ މޫސުމަށްވެސް ފެށެން ދުވަސް ކައިރިވެފައި އޮތުމުން ބުޅަލުން ނުކުމެދާނެ ދެރަ މައްސަލައަކަށް ވިސްނާލަމާތޯއެވެ؟

މާލެއަކީ ވާރޭ ވެހުމާއެކު މާގިނަ އިރުތަކެއް ނުވެ މަގުތައް މަތީގައި ފެންގަނޑު ބޮޑުވެފައި އޮންނަ މަންޒަރު އަބަދުވެސް ފެންނަ ރަށެކެވެ. ބުޅަލުގެ ނަޖިސް ފެނައި އެކުވެ، އޭގައި ހުރި ފަނިތައް ފެނާ އެކުވެފައި ވަނިކޮށް ކުޅެން ނުކުމެ އުޅޭ ކުއްޖަކަށް ނުވަތަ މަގުމަތިން ދާ މީހަކަށްވެސް މިތަން ހުރަސްކުރަން މަޖުބޫރުވެދާނެއެވެ. އެއްކަލަ ފެންގަނޑަށް ފޭބި މީހުންގެ ގައިގެ ދެހަމުގެ ދޭތެރެއަށް ފެނުގައި ހުރި ފަނިތައް ވަދެފާނެއެވެ. އެހިސާބުން އެތައް ބައިވަރު ފަރުވާއެއް ދިނަސް އެއްކަލަ ގަދަފަދަ ފަނި އުޅޭނީ އޭތީގެ މިނިވަންކަމުގައެވެ.

"ޔާރައްބީ.. ވަރަށް ކަހާނެ. ހީވާނީ އަލިފާން ޖެހޭހެން. އެހާ ތަދުވާނެ. ނުކުރާކަށް ކަމެއް ނެތް. ކްލޮރިންވެސް އެޅިން. ދެން ޑޮކްޓަރަށް ދެއްކީ. މިއީ އާދައިގެ ކަމެއް ނޫންކަން އެނގިގެން." މިފަނީގެ ވޭނުގައި އުޅެފައި ހުރި ބާވީހަކަށް އަހަރުގެ އަންހެނަކު ކިޔައިދިނެވެ.

ބުޅަލުގެ ނަޖިހުންނާއި ކެހެރިން އަދި ބުޅަލުގެ ހޮޑުން ފެތުރޭ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހުރިހާ ބުޅަލަކަށް ވެކްސިން ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ބުޅާ ގެންގުޅޭ މީހުންވެސް ރާއްޖޭގައި މަދެއް ނޫނެވެ. އެހެންނަމަވެސް މަގުތައް މަތީގައި ގިނަވަމުން މިދާ ބުޅާތަކަކީ ވަޒަނެއް އާއިލާއެއް ނެތި ތިބި މަގުމަތީ ބުޅާތަކެކެވެ. މި ބުޅާތައް މިހާރުވެސް ވަނީ މިތަނުގައި ދިރިއުޅޭ މީހުންނަށް އާންމު އުނދަގުލަކަށް ވެފައެވެ.

ބުޅަލަކީ އޭގެ ޒާތުގައި ވަަރަށް ލޮބުވެތި ނަލަ އެއްޗެކެވެ. އެހެނަސް ރައްކާތެރިކަމެއް ނެތް، ގެދޮރު ނެތިފައި ތިބި ބުޅާތަކަށް ރާއްޖޭގެ ވެރިރަށް މާލެއަކީ އެންމެ ރައްކާތެރި ރަނގަޅު ތަނަކަށް ނުވާ ފަދައިން މިތަކެއްޗާއި ހެދި މިތަނުގައި ދިރިއުޅޭ މީހުންނަށްވެސް ނުހަނު ބޮޑު ވޭނަކަށް މިވަނީ ވެފައެވެ. އެހެންކަމުން އެންމެ ރީތި، ރަނގަޅު ގޮތުގައި މިބުޅަލުގެ ކަންތައް ހަމަޖައްސަން އެބަޖެހޭ ނޫންތޯއެވެ؟

އިހަށްނުވި ރައްކަލެއް ފަހަކުން ނުވާނެއެވެ. ހަމައެހެންމެ ރައްކާވެ ތިިބިއްޔާ ދަތުރުމެއެވެ. ވަރަށް ލޯބިން މިގޮތަށް މަގުމަތީ ތަންތަނުން ފެންނަ ބުޅާތަކަށް ހަމްދަރުދީ ވެގެން ކާންދީ އުރައި ނަގައި ކިހިލި ޖަހައި ކަންތައް ކުރަމުން ދަނިކޮށް ނުރައްކާތެރި ވައިރަހެއްގެ ޝިކާރައަކަށްވެދާނެއެވެ.

ހަމައެހެންމެ، ވިސްނާނުލައި މިގޮތަށް އެތަންމިތަނުން ގެންނަ ބުޅާތައް ވެކްސިނާއި ރައްކާތެރި އެހެން ފިޔަވަޅުތައް ނާޅައި ގެނެސް ގެންގުޅެ ހަދަމުން ދަނިކޮށް އަހަރެމެންގެ ތެރެއަށް 'ރޭބީސް' ފަދަ ބިރުވެރި ބައްޔެއް ބުޅަލުގެ ފަރާތުން ފެތުރިއްޖެނަމަ ކުރާނޭ އެއްވެސް ކަމެއް ނޯންނާނެއެވެ. ރޭބީސް އަކީ ޖަނަވާރު ދަތް އެޅުމުން ޖެހޭ ބައްޔެކެވެ. ބުޅަލަށް މިބަލި ޖެހެނީ މަދުންނަމަވެސް މިބަލި ޖެހިއްޖެނަމަ ވަރަށް އަވަހަށް ފެތުރި އެހާ އަވަހަށް މަރާ ހަމައަށް ގެންދާނެއެވެ. ފަރުވާކުޑަކޮށް ޖަނަވާރު ގެންގުޅޭނަމަ މިކަހަލަ ކިތަންމެ ބައްޔެއްވެސް ފެންނާނެއެވެ. ދުއާއަކީ އެހެންނުވުމެވެ. އުއްމީދަކީ ބުޅާތަކަށް ރައްކާތެރި ކޮންމެވެސް އަމާން ގޮތެއް މެދުވެރިވުމެވެ. އިންސާނީ ސިއްހަތަށާއި މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކަށް ކަންތައްވުމެވެ.