ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ގާފަރުން ހޯދި އިރު، ދ. އަތޮޅުގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދައިފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ރޭ ގާފަރުން ޔަގީންކުރީ އަތޮޅު ފައިނަލުގައި ކާށިދޫ 2-1 އިން ބަލިކޮށްފައެވެ. މިފަހަރުގެ މުބާރާތުގައި ކ. އަތޮޅު ޖުމުލަ ހަ ޓީމު ބައިވެރިވެފައިވާ އިރު، އެ އަތޮޅު ފައިނަލަށް ޓީމުތައް ދަތުރުކުރީ ދެ ގުރޫޕަކުން މެޗުތައް ކުޅެގެންނެވެ.
ކ. އަތޮޅުގެ ފައިނަލުގައި ކާށިދޫއާއި ގާފަރު ރޭ ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ގާފަރުން ފުރަތަމަ ލީޑު ނެގީ އަލީ މާއިސް (މައްޓު) ޖެހި ގޯލުންނެވެ. މައްޓުގެ ގޯލާ އެކު ގާފަރުން ހަމަޖެހިލި ނަމަވެސް ކާށިދޫގެ ކެޕްޓަން އަބްދުﷲ ސުޒޭރު ގޯލެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
އެހިސާބުން ސަޕޯޓަރުންގެ ފޯރިވެސް ގަދަވިއެވެ. ކާށިދޫން ގޯލު ޖަހަން ކުރި މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށްވީ ފައްޔާޒު ފަޔާޒް (ފައިޓޯ) އާއި ގާފަރުގެ ފަހަތުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ނާއިހް މުފީދެވެ. އަނެއްކޮޅުން މެޗުން ގާފަރު މޮޅު ކޮށްދިން ގޯލު ޖެހީ މާހިރެވެ.
ކ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ކާށިދޫ ސުޒޭރު ހޮވުނު އިރު، އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ނާއިހެވެ. ރޭގެ ފައިނަލަށް ފަހު ގާފަރަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ސޮނީ ސްޕޯޓްސްގެ އެސިސްޓެންޓް މާކޮމް މެނޭޖަރު މަރިޔަމް އަބްދުﷲއެވެ.
މުބާރާތުގައި ދ. އަތޮޅުން ދެޓީމު ބައިވެރިވެފައިވުމާ އެކު ޗެމްޕިއަންކަން ކަނޑައެޅީ ދެ ލެގު ކުޅެގެންނެވެ. ފުރަތަމަ ކުޅުނު މެޗުގައި ކުޑަހުވަދޫން ބަނޑިދޫގެ މައްޗަށް 5-2ގެ ނަތީޖާއަކުން ކުރި ހޯދާފައި އޮވެގެން ރޭގެ މެޗަށް ނުކުތް އިރު، ރޭގެ މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޖުމައިލް ޖަމީލް ދެ ގޯލު ޖަހާފައިވާ އިރު، އަނެއް ގޯލުތައް ޖަހައިދިނީ ހާރޫން އިބްރާހީމްއާއި އަބްދުﷲ މުގުސިތު އަދި ޝައުކަތު އަމީނެވެ. ދ. އަތޮޅުގެ މޮޅު ކުޅުންތެރިޔަކީވެސް އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ޝައުކަތު އަމީނެވެ.
ރޭގެ ފައިނަލަށް ފަހު ކުޑަހުވަދޫއަށްވެސް ތައްޓާއި މެޑަލް ވަނީ ދީފައެވެ. ތަށި ހަވާލުކޮށްދެއްވީ ސޮނީ ސްޕޯޓްސްގެ އެސިސްޓެންޓް މާކޮމް މެނޭޖަރު މަރިޔަމް އަބްދުﷲއެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ދެ ފައިނަލެއްގެ އިތުރުން ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.