2018 ވަނަ އަހަރު އައިޝްވަރިޔާ ރާއީ ބަޗަން (އައިޝް) ކުޅުނު ފިލްމު "ފޭންއީ ޚާން"އަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އޭގެ ފަހުން އަޑު އިވިގެން ދިޔައީ ފިރިމީހާ އަބީޝެކް ބަޗަންއާ އެކު "ގުލާބް ޖާމުން" ކިޔާ ފިލްމެއް ކުޅެން އުޅޭ ވާހަކައެވެ.
އެ ފިލްމު ކުޅުމަށް ދެމަފިރިން އެއްބަސްވެ އިއުލާންވެސް ކޮށްފައިވަނިކޮށް ދެމަފިރިން އެކީ ފިލްމު ދޫކޮށްލީ އޭގެ ސްކްރިޕްޓްގައި ހުރި މައްސަލަ ތަކަކާ ހެދި ކަމަށް ބުނެ އެވެ.
ކުވެއިތުގައި އައިޝް ދީފައިވާ އިންޓަވިއުއެއްގެ ވީޑިއޯ މިހާރު ވައިރަލް ވެފައިވާއިރު އެހެން ފިލްމެއް ކުޅުމަށް އައިޝް އެއްބަސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން މީ އައިޝްގެ ފިލްމެއް ނުފެނި ގިނަދުވަސް ވަމުންދާތީ މާޔޫސްވެފައިވާ އޭނާގެ ފޭނުންނަށް ލިބުނު އުފާވެރި ހަބަރެކެވެ.
ވީޑިއޯގައި އައިޝް ބުނެފައިވާ ގޮތުގައި ވަރަށް ފަހުން ވަނީ ހިތްހަމަޖެހޭ ސްކްރިޕްޓަކަށް އެއްބަސްވެފައިކަމެވެ. އަދި ގިނަ ފަހަރު އޭނާ ކުޅޭ ފިލްމުތަކުގެ ވާހަކަތައް އަމިއްލައަށް ހިއްސާ ކުރުމުގެ ބަދަލުގައި ޕްރޮޑިއުސަރު ނުވަތަ ޑައިރެކްޓަރަށް އެކަން ދޫކޮށްލާފައިވާ ކަމަށާއި އެބައި މިފަހަރުވެސް އެމީހުނަށް ދޫކޮށްލީ ކަމަށެވެ. ނަމަވެސް އެއްބަސް ވެފައިވާ ފިލްމުގެ ޝޫޓިން ފަށަން އޮތީ މިއަހަރު ފަހުކޮޅު ކަމަށާއި އެއީވެސް ހަގީގީ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެއް ކަމަށް އައިޝް ބުންޏެވެ. މީގެ އިތުރުން ފިލްމުގެ ވާހަކައަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައިވާ ކަމަށާއި ފިލްމު އުފައްދާ ފަރާތުން ފިލްމާ ބެހޭ އިތުރު ތަފްސީލުތައް ހާމަކުރާނެ ކަމަށް އައިޝް ވަނީ ބުނެފައެވެ.