މުހައްމަދު އައުޒަމް
ތިރީހަކަށް މީހުން އެއްވެ އޭނާ އިލެކްޝަންސް ކޮމިޝަނުން ވަކިވެއްޖެ ކަމަށް ބުނުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ އޭނާ ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރަން ވެސް ވަކި އުސޫލުތަކެއް އޮންނާނެ ކަމަށެވެ. ނަމަވެސް ތިރީހަކަށް މީހުން އެއްވެ އޭނާގެ މަގާމު ގެއްލިއްޖެއޭ ބުނުމަކީ ބޮޑު ޖޯކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ދެން ދިހަ ވަރަކަށް ވިއްސަކަށް ނުވަތަ ތިރީހަކަށް މީހުން އެއްވެލާފަ މާދަމާ އިން ފެށިގެން އެވެނިކަމެކޭ މިހެންނޭ، މަގާމުގަ ނެތޭ ބުނީމަ އެއީ ވަރަށް ބޮޑު ޖޯކެއް ދެއްތޯ. މީސް މީޑިއާ ތެރޭގައި ވެސް އެއީ ޖޯކަކަށް ނަގައިގެން އުޅޭތަން އަޅުގަނޑަށް ފެންނަނީ. ދެން އެބޭފުޅުން އަމިއްލައަށް ޖޯކު ހެއްދެނީހެން އަޅުގަނޑަށް ހީވަނީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރު ޕީޕީއެމް އިން ބާއްވާ ސިލްސިލާ މުޒާހަރާތަކުގައި ކޮމިޝަންގެ މެމްބަރުންގެ އަބުރަށް އަރައިގަންނަ ނަމަ ކަމާ ބެހޭ އިދާރާތަކަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީގެ މައްސަލަ މިއަދު ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަބުރާ ބެހުނު މަންޒަރު އަޑާއެކު ބްރޯޑްކާސްޓް ކުރި ޓީވީ ޗެނަލްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މާދަމާ ފަރުދީ ހައިސިއްޔަތުން ސިވިލް ކޯޓަށް އަބުރުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާއާ މެދު ޕީޕީއެމް އިން ސުވާލު އުފެއްދިނަމަވެސް ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއް އިލެކްޝަންސް ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ވޯޓުލާ މަރުކަޒުގެ އޮފިޝަލެއް ނުވަތަ އެތަނުގައި ހަރަކާތްތެރިވި އޮބްޒާވަރެއްގެ ފަރާތުން ގާނޫނާ ޚިލާފު ކަމެއް ފާހަގަކުރެވިފައިވާ ނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ މީހެއް ނަތީޖާއަށް އަސަރު ކުރާނެ ފަދަ ކަމެއް ކުރި ކަމުގެ ޝަކުވާއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.