ޕޮލިސް

"އައިޖީއެމްއެޗްގައި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާނީ އެ ހާލަތުގައި ބޭނުންކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަޕޯޓަރުން އައިޖީއެމްއެޗްއަށް ވަނުމުން، އެ ސަރަހައްދުގައި ހިނގަން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާނީ އެ ހާލަތުގައި ބޭނުންކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި އެހެން ބުނެފައިވާ އިރު، މިއަދު ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންދިއުމާ ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުން އައިޖީއެމްއެޗް ތެރެއަށް ވަނުމުން ރައީސް ޔާމީންގެ ސަޕޯޓަރުންނާ ދިމާއަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން ޑޮކްޓަރަށް ދެއްކެވުމަށް އައިޖީއެމްއެޗްއަށް ގެންދެވުނު ވަގުތު އެ ހޮސްޕިޓަލުގެ ހުޅުނގު ގޭޓުން ވަދެ، "ކާޑިއޮލިޖީ ސެންޓަރ"ގެ ތެރެއަށް ވަންނަން މަސައްކަތްކުރުމުން ފުލުހުން ތަކުރާރުކޮށް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނުވަމުން އެންގުމުންވެސް ނުކިޔަމަންތެރިކަން ދައްކައި އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓަލުގެ ތެރެއަށް ވަދެގަތުމަށް އުޅުނު ކަމަށެވެ.

"އެކަން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކުރަން ޖެހުނެވެ. އެ ސަރަހައްދުގައި ހިނގަން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާނީ އެ ހާލަތުގައި ބޭނުންކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށެވެ..،" ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ ހޮސްޕިޓަލް ފަދަ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި އެއްވެ، އަޑުގަދަކޮށް، ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ކުރުމަކީ އެ ތަންތަނުގައި ތިބޭ ބަލި މީހުންނަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ދަތި އުނދަގޫވެ، ހިދުމަތް ދިނުމަށް ހުރަސްއެޅޭ ކަމެއް ކަމަށްވާތީއާއި ހޮސްޕިޓަލްތަކަކީ އެއްވެ އުޅުމާ ބެހޭ ގާނޫނުގައި ވެސް އެއްވުން މަނާ ތަނެއް ކަމަށް ކަނޑައަޅާފައިވާ ތަންތަނަށް ވާތީ އެއްވެސް ފަރާތަކުން ހޮސްޕިޓަލުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ ނުހެދުމަށް ދަންނަވާ ކަމަށެވެ.

"އަދި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ވެސް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް މި ސާވިސް އިން އިލްތިމާސްކުރަމެވެ..،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ބާރު ބޭނުންކުރެވުނު ގޮތް ރިވިއުކުރުމަށް އެކުލަވާލެވިފައިވާ "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އިން މިއަދުގެ ހާދިސާގައި ވެސް ފުލުހުން ބޭނުންކުރި ބާރާއި އެ ބާރު ބޭނުންކުރެވުނު ހާލަތު ދިރާސާކޮށް ރިވިއުކުރާނެ ކަމަށެވެ.