ހައުސިން މިނިސްޓްރީ

ގޯތި ދޫކުރަން އުޅެނީ އޭސީސީން އެންގި ކަންކަން ފުރިހަމަނުކޮށް!

ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް ހުޅުވާލުމުގެ ކުރިން ވަކި ކަންތައްތަކެއް ފުރިހަމަ ކުރުމަށް މިއަދު ވަނީ ހައުސިން މިނިސްޓްރީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފައެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ގޯތި ދޫކުރުމަށް މިއަދު އަލުން ހުޅުވާލާފައިވަނީ އެ އެންގުމުގައިވާ ކަންތައްތައް ފުރިހަމަނުކޮށް ކަން ވަނީ ފާހަގަވެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ހަމަޖެހިފައިވަނީ މާލޭ ރައްޔިތުންނާއި މާލޭ މުނިސިޕަލްޓީ ހާއްސަ ދަފްތަރުގައި ތިބި މީހުންނަށެވެ. ނުއަގުގައި ގޯތި ވިއްކާ ކަމަށް ބުނެ، ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މަސައްކަތްކުރަން ހައުސިން މިނިސްޓްރީން އިއުލާންކުރި ދުވަހު އޭސީސީން ވަނީ އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަލުން އެ މަސައްކަތް ފެށުމުގެ ހުއްދަ އޭސީސީން ދީފައިވާ ކަމަށާއި އެކަންކަން ކުރިއަށްގެންދަނީ އޭސީސީގެ އެންގުމާ އެއްގޮތަށް ކަމަށެވެ.

އޭސީސީން މިއަދު އެއް ކަމެއްގެ ގޮތުގައި އަންގާފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އާ އުސޫލެއް އެކުލަވާލައި އެ އުސޫލު އާންމުކުރުމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު އެ މަސައްކަތް އަލުން ފަށާފައިވަނީ އާ އުސޫލެއް އެކުލަވާނުލައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފޯމް ހުށަހެޅުމަށް ކުރިން ވަކި އަދަދަކަށް ނަންބަރު ދޫކުރަން ހަމަޖައްސާފައި ނުވި ނަމަވެސް، ދުވާލަކަށް 500 ނަންބަރު ދޫކުރާ ގޮތަށް މިއަދު ވަނީ ހަމަޖައްސައިފައެވެ.

އަނެއް ކަމެއްގެ ގޮތުގައި އޭސީސީން އަންގާފައިވަނީ ގޯއްޗަށް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށެވެ. ބުރާސްފަތި ދުވަހާ ހަމައަށް ކުރިން ފުރުސަތު ހުޅުވާލި އިރު، މިހާރު ފުރުސަތު ބަންދުވާ ގޮތަށް ހަމަޖައްސާފައިވަނީ އާދީއްތަ ދުވަހުއެވެ. ނަމަވެސް ދެ ދުވަސް އިތުރުކުރީ އޭސީސީން ވަގުތީގޮތުން އެ މަސައްކަތް ހުއްޓާލުމަށް އެންގުމުން، އެކަމާ ގުޅިގެން ދެ ދުވަސް ގެއްލުމުންނެވެ. އެހެންކަމުން ހުށަހެޅުމުގެ މުއްދަތަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ކުރިން ވެސް އޮންނަ ގޮތަށް ޝަރުތު ހަމަވާ ހުރިހާ މީހުންގެ ތެރެއިން 400 މީހުން ނެގުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެންނެވެ. އެކަން ކުރިއަށްދާނީ ދަރުބާރުގޭގައި އޮންނަ ރަސްމިއްޔާތެއްގައި ކަމަށާއި ޓީވީން ވެސް އެ ރަސްމިއްޔާތު ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މުއިއްޒު މިއަދު ވިދާޅުވިއެވެ.

ހުޅުމާލެ އިން ގޯތި ވިއްކުމަށް ހަމަޖެހިފައިވަނީ ގޯއްޗެއް 400،000 ރުފިޔާއަށް، ދިހަ އަހަރުގެ ތެރޭގައި ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށެވެ. އޭސީސީން ބެލި ބެލުމުގައި ދެވަނަ ފިޔަވަހިން ގޯތިތައް ވިއްކުމުގެ މަގްސަދަކީ އެޗްޑީސީއަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ ހައްލު ހޯދަން ކަން ފާހަގަވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޭސީސީން ބުނީ "މީޑިއަމް-ހައި އެންޑް"އަށް ހާއްސަކޮށްގެން ބީޗް ފްރަންޓް ސަރަހައްދުން 100 ބިން، ފެށޭ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2،000 ރުފިޔާގެ ރޭޓުން ބީލަމަށް ހުޅުވާލައިގެން ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށާއި ސޯޝަލް ހައުސިންއަށް ވިއްކާ ފަރާތްތަށް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީން ކަމަށް މިމަހުގެ ތިންވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލެއިން ގޯތި ވިއްކުމުގެ ކަންކަން ހައުސިން މިނިސްޓްރީއަށް ކުރިއަށް ގެންދެވޭނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ އެކުގައި ކަން ފާހަގަވެފައިވާ ކަމަށާއި އެ ނިންމުމުގައި ރައީސް އޮފީހުން ކަނޑައެޅި ބިންތަކަކީ ސޯޝަލް ހައުސިން ގޮތުގައި ދޫކުރަން ނިންމައި ޕްރޮސެސް ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ޖެހޭ ބިންތަކެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.