ދުނިޔެ

ޝަޚުސިއްޔަތު: ރައީސް ޕުޓިން އާދަޔާ ޚިލާފު ގޮތަކަށް ހިންގެވުމުގެ ސިއްރަކީ ކޮބާ؟

އިމާދު ލަތީފު

ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންގެ އުމުރުފުޅަކީ މިހާރު 69 އަހަރެވެ. މިއަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު 70 އަހަރު ފުރޭނެއެވެ. މިދުވަސްވަރު ޕުޓިންގެ އުމުރުފުޅާމެދު ދެކެވޭ ވާހަކަތަކަށްވުރެ ގިނައީ އޭނާ ހިންގަވާއިރު ގެންގުޅުއްވާ އާދަޔާ ޚިލާފު ގޮތެއްގެ ވާހަކައެވެ. ޕުޓިން ހިންގަވައިފައި ވަޑައިގަންނަވާއިރު އޭނާގެ ކަނާއަތްޕުޅަށް އެއްވެސް ހަރަކާތެއް ނުގެންނަވައެވެ. އެއަތްޕުޅަށް ގެންނަންވާ ހަރަކާތްވެސް ފެންނަނީ އުނަގަނޑުންނެވެ. މިހެން ހިންގެވީމާ ވަރަށް އައިބުގޮތެއް ހުރެއެވެ. އެހެން އެހިންގަވާ ސަބަބާމެދު ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އެއްބަޔަކު ބުނާގޮތުގައި އެއީ ޝަޚުސިއްޔަތާއި ގުޅިފައިވާ ޚާއްސަ ހިންގެވުމެކެވެ. ވަރަށް ސީރިއަސް އާލާސްކަންފުޅެއްގެ އަސަރޭވެސް ކިޔައެވެ. އަސްކަރީ ތަމްރީނަކާއި ގުޅިގެން އައިސްފައިވާ ބަދަލެކޭވެސް ކިޔައެވެ.

ރައީސް ޕުޓިންއަށް ތާއީދުކުރާ ގިނަ މީހުން ގަބޫލުކުރާ ތިއަރީއަކީ އެއީ އަސްކަރީ ތަމްރީނަކާއި ގުޅިގެން ޕުޓިންގެ ހިންގެވުމަށް އައިސްފައިވާ ބަދަލެއް ކަމުގައެވެ. ޕުޓިންއަކީ ޒުވާން އުމުރުފުޅުގައި ރަޝިޔާގެ ޖާސޫސީ އިދާރާ ކަމަށްވާ ކޭޖީބީގެ އޮފިސަރެކެވެ. އެޖެންޓެކެވެ. ޕުޓިންގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ކޭޖީބީގެ ތެރެއިން ޕުޓިން ހޯއްދެވި ތަމްރީނުތަކުގައި ކަނާއަތް ވީހާވެސް އުނަގަނޑާއި ކައިރީގައި ބާއްވައި ކޮންމެ ވަގުތަކުވެސް އުނަގަނޑުގައި ހުންނަ ފިސްތޯލަޔަށް ސަމާލުވެ އޭގެ ބޭނުން ހިފުމަށް ތައްޔާރަށް ހުރުމަށް ހޭނުނީއެވެ. އެގޮތް އާދަވެސްވީއެވެ. އެކަމަކު މިތިއަރީ ނަފީކުރެވޭ ވަރަށް ބޮޑު ސަބަބެއް އެބައޮވެއެވެ. ކޭޖީބީގެ އެހެން އެއްވެސް އެޖެންޓަކު އަދި ލީޑަރުން ހިމާޔަތް ކުރުމަށް ތިބޭ ހަށިފާރަވެރިންގެ ތެރެއިން އެކަކުވެސް ޕުޓިން އެ ހިންގަވާ ގޮތަކަށް ހިނގައެއް ނޫޅެއެވެ.

މިތިއަރީ ގަބޫލުކުރަން ދަތިވާ އެހެން ދެ ސަބަބެއްވެސް އެބައޮތެވެ. އެއްވެސް ޖާސޫސަކީ ނުވަތަ އޭޖެންޓަކީ ހިނގާފައިދާއިރު ތިމަންނާގެ އަތުގައި ފިސްތޯލައެއް ނުވަތަ ބަޑިއެއް އެބައޮތްކަން އެހެން މީހުންނަށް މޭރުންވާނޭ ބީދަޔަކުން އެކަން އިޝްތިހާރުކުރަމުން ހިނގާނޭ މީހެއް ނޫނެވެ. އަނެއް ސަބަބަކީ ރަޝިޔާގެ އަސްކަރިއްޔާގައި ޕުޓިން އުޅުއްވާފައި ނެތުމާއި ހަށިފާރަވެރިކަންވެސް ކުރައްވާފައި ނެތުމާއި ބަޑިޔާއި ފިސްތޯލަ ގެންގުޅުމުގެ ވަރުގަދަ ތަމްރީނުތަކެއް ހައްދަވާފައިވާކަން އެއްވެސް ރިކޯޑަކުން އެއްވެސް ގޮތަކަށް ފެންނާން ނެތުމެވެ. އެފަދަ ކަމަކަށް ހެކިވާނޭ މީހަކުވެސް ފެނިފައިނެތުމެވެ. މީހެއްގެ ހިނގުމާއި އުޅުމަށް މިވަރުގެ ބަދަލެެއް އަންނައިރު އެކަމަށް ހެކިވާނޭ ބަޔަކުވެސް ތިބެންވާނެތާއެވެ. އެބުނާ ކޭޖީބީއަކީ ޕުޓިން ގިނިކަންޏާ އުޅުއްވި ތަނެއްވެސް ނޫނެވެ.

ޕުޓިންގެ އާދަޔާ ޚިލާފު ހިންގެވުމަކީ ބަޑި ގެންގުޅުމުގެ ތަމްރީނާއި ގުޅިފައިވާ ކަމެއްކަން ސާބިތުކޮށް ދިނުމަށްޓަކައި ބައެެއް މީހުން ބުނެއެވެ. ރަޝިޔާގެ އިހުގެ ރަސްރަސްކަލުންގެ އަރިހުގައި ތިބޭ ހަނގުބޭކަލުން ރަސްމީ އިއްޒަތުގެ ހިނގުމެއްގައި ހިނގާއިރު އެމީހުންގެ އެއް އަތް ހަރަކާތެއް ނުކުރާނެއެވެ. އެއަތް އޮންނާނީ ކަމަރުގައި އޮންނަ ކަނޑިއާ ގާތުގައި ކަނޑިއަށް ޚާއްސަ ކުރެވިފައެވެ. ރޫސީ ޝެހެންޝާހުންގެ އަރިހުގައި ހިނގާ ހަނގުބޭކަލުންގެ ވާހަކަ އެއްގޮތަކުން ސައްހައެވެ. އެކަމަކު ރައީސް ޕުޓިންގެ ހިންގެވުމާއި ހަނގުބޭކަލުންގެ ހިނގުން މުޅިން ތަފާތެވެ. ހަނގުބޭކަލުންގެ ހިނގުމުގައި ހަރަކާތެއް ނުގެންނަނީ ވައަތަށެވެ. ޕުޓިންގެ ހިންގެވުމުގައި ހަރަކާތެއް ނުފެންނަނީ އޭނާގެ ކަނާއަތްޕުޅުންނެވެ. އެހެންވީމާ މި ދެކޭސް ވަރަށް ތަފާތެވެ.

ޕުޓިންއަށް ނަފްރަތުކުރާ ބައެއް މީހުން ގެންގުޅެނީ އަދިވަރަށް ތަފާތު އެހެން ތިއަރީއެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ވަރަށް ބަރު ބްރީފްކޭސްތަކެއް ގިނައިރުތަކެއް ވާންދެން އުފުއްލަވަން ޖެހިވަޑައިގަތުމުން ޕުޓިންގެ ކަނާއަތްޕުޅަށް ސީރިއަސް ގެއްލުންތަކެއް ވެފައިވަނީއެވެ. ޕުޓިންއާ ވަރަށް ގާތް ބޭފުޅެއް ކަމުގައިވާ އެނަޓޮލީ ސޮބްޗަކްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި ސެންޓް ޕީޓާރސްބާގުގެ މޭޔަރުކަމުން ވަކިކުރެވި ހައްޔަރުކުރާން އުޅެނިކޮށް ފިއްލަވައިގެން ފަރަންސޭސިވިލާތަށް ވަޑައިގަތުމަށް އެހީތެރިވެދެއްވީ ޕުޓިންއެވެ. އެއްކަލަ ބަރު ބްރީފްކޭސްތަކަކީ ސޮބްޗަކްގެ ބްރީފްކޭސްތަކެކެވެ. އެތެރޭގައި ހުރީ މުޅިންވެސް ފައިސާޔާއި ރަނާއި ޖަވާހިރެވެ. މިހާރު އެފެންނަނީ އެތަކެތި ގިނައިރު އުފުއްލަވަން ޖެހިވަޑައިގަތީމާ ލިބިވަޑައިގެންނެވި އަނިޔާގެ އަސަރެވެ.

ރައީސް ޕުޓިން ހިންގަވާއިރު އެފެންނަ އަސަރަކީ ތުއްޕުޅުއިރު ޕޯލިއޯގެ ޝިކާރައަކަށް ވުމުގެ ނަތީޖާ ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ. އަދި މިއީ އުފަންވެވަޑައިގެންނެވިއިރު ކަނާތްފަޅީގެ ހަރަކާތްތަކަށް އަސަރުފޯރާ ހާލަތެއް ހުރެގެން ދިމާވެފައިވާ ކަމެކޭ ބުނާ މީހުންވެސް އުޅެއެވެ. ޕޯލިއޯގެ ތިއަރީ އާއި އުފަންވުމުގައި ދިމާވި ހާލަތުގެ ތިއަރީވެސް ސައްހަކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ޕުޓިންގެ މަދުރަސީ ދައުރުގައި އޭނާގެ ހިންގެވުމުން މިއަސަރު ފެނުނު މީހަކު ނެތުމެވެ. އެކަމަށް ހެކިދޭނޭ މީހަކު މިހާތަނަށް ފެނިފައިނެތުމެވެ. ޕުޓިންގެ ސްކޫލް ދައުރުގައި ލައްކަ ގިނަ މީހުންނަށް އޭނާ ފެންނާނެތާއެވެ. އޭގެތެރެއިން ގިނަ ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އެއިން މީހަކު މިޒާތުގެ އެއްޗެެއް ބުނެގެން އަދި ދުވަހަކުވެސް ރިޕޯޓްކުރެވިފައެއް ނެތެވެ.

ވަކިއަތަކަށް ނުޖެހި މިކަން ދިރާސާކުރާ މީހުން ބުނަނީ އަދި އެހެން ވާހަކައެކެވެ. ކޭޖީބީގެ ދައުރަށްވުރެ ފަހުން ނުވަތަ ކޭޖީބީގެ ދައުރުގައި ޕުޓިންގެ ބުރަކަށިފުޅަށް ކޮންމެވެސް ގެއްލުންތަކެއް ކުރިމަތިވީއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އަތްޕުޅުގެ ބައެއް ހަރަކާތްތަކާއި އެނޫންވެސް ބައެއް ހަރަކާތްތަކުގައި ވޭން އެކުލެވެނީއެވެ. އިށީދެވަޑައިގެން އިންނަވާއިރު ގިނަގިނައިން ފައިންޕުޅަށް ގެންނަވާ ހަރަކާތާއި ދެއަރިމައްޗަށް ބަދަލުވެވަޑައިގަތުން ގިނަވުމަކީ މިކަމަށް ދަލީލުކުރާ ހެކިކަމަށްވެސް އެމީހުން ބުނެއެވެ.

ކޮންމެއަކަސް ހުރިހާ ތިއަރީއެއްގެ ތެރެއިން ގަބޫލުކުރަން އެންމެ ފަސޭހަ ތިއަރީއަކީ މިއީއެވެ. ޕުޓިންގެ ސިއްހަތާއި ގުޅޭ ރަސްމީ ރިކޯޑުތަކަކީ ދައުލަތުގެ އެންމެ މަތީ ދަރަޖައިގެ ސިއްރެވެ. އެ ރިކޯޑުތައް ހާމަވަންދެން ގަބޫލުކުރަން ފަސޭހައީ މިތިއަރީއެވެ.