ކުޅިވަރު

މުލަށް ފައިނަލަށް، ގަމާއި އިސްދުއަށް ރަނގަޅު ފެށުމެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް، މ. މުލަށް، މ. ނާލާފުށި، ގދ. ވާދޫ، ގދ. ހޯޑެއްދޫގެ އިތުރުން ލ. ގަމާއި އިސްދޫން ކާމިޔާބުކޮށްފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ރޭ ކުޅެފައި ވަނީ މ. އަތޮޅުގެ ދެ ގްރޫޕް ދެމެޗާއި ގދ. އަތޮޅުގެ ލީގު ބުރު އަދި ލ. އަތޮޅު ލީގު ބުރުގެ މެޗުތަކެވެ. ކޮންމެ އަތޮޅަކުންވެސް ރޭ ވަނީ ދެމެޗު ކުޅެފައެވެ.

މ. އަތޮޅުން ހަ ޓީމު ބައިވެރިވެފައިވާ އިރު، ރޭ ކުޅެފައި ވަނީ ގްރޫޕް އެކެއް އަދި ދޭއްގެވެސް ފަހު މެޗުތަކެވެ. ގްރޫޕް ދޭއްގެ އެއްވަނަ އާއެކު ދިއްގަރުން ފައިނަލް ޔަގީން ކޮށްފައި އޮތް އިރު، ރޭ އެ ގްރޫޕުގައި ކުޅުނު މެޗުގައި ކުޅުނީ ފައިނަލުގެ ފުރުސަތު ނެތް ދެޓީމެވެ. އެއީ މަޑުއްވަރި އާއި ނާލާފުއްޓެވެ. އެ މެޗު ނާލާފުށިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް އެކަކުން ފައިނަލްގެ ޖާގަ މުލަކުން ހޯދީ ރޭ ކުޅުނު މެޗުގައި 5-2 އިން މުލި ބަލިކޮށްގެންނެވެ. މެޗުގައި މޮޅަށް ކުޅެ، މުލަކުގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޔަސްފާދު ހަބީބު (މުލަކޭ) ޖަހައިދިން އިރު، އަނެއް ގޯލުތައް ޖަހައިދިނީ އާދަމް ޝަހީމާއި ހަސަން އިބްރާހީމެވެ. ހަސަން އިބްރާހީމްވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މުލީގެ ފުރަތަމަ ގޯލަކީ މުލަކު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެޓީމުގެ ދެވަނަ ގޯލު ޖެހީ މުހައްމަދު ޒިދާނެވެ.

ގދ. އަތޮޅުގެ ލީގު ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވާދޫ މޮޅުވެފައިވާ އިރު، ރޭ ކުޅުނު މެޗުގައި އެޓީމުން ގައްދޫ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ވާދޫގެ ގޯލްކީޕަރު ޒައިދާން އަހުމަދު ފެނިފައެއް ނުވެއެވެ. އޭނާ މެޗުގައި ކުޅެފައި ނުވަނީ ގައުމީ ފުޓްސަލް ޓީމަށް ވަގުތު ހުސް ކުރުމަށެވެ. މެޗުގައި ވާދޫގެ ތަރި އަޔާޒް އަހުމަދުވެސް ފެނުނީ މަދު ވަގުތު ކޮޅެއްގައެވެ. އޭނާ ހުރީ އަނިޔާގައެވެ.

ވާދޫގެ ގޯލުތައް މުހައްމަދު އިޔާދު އަލީ އާއި އަރުގަމް އިބްރާހީމް ޖަހައިދިން އިރު، މޮޅު ކުޅުންތެރިޔަކީ މުސައްނިފް މުހައްމަދެވެ. ގައްދޫގެ ދެ ގޯލު ޖެހީ ޝާރިގް އިބްރާހީމާއި ހުސައިން ޔަލީންއެވެ.

ރޭ ވަނީ ލ. އަތޮޅުގެ އަތޮޅު ބުރުގެ ކުޅުންވެސް ފަށައިފައެވެ. އެ އަތޮޅުން ހަތަރު ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، ރޭ ވަނީ ހަތަރު ޓީމުވެސް ކުޅެފައެވެ. ލ. ގަމުން ކުޅުނު މެޗުގައި 3-0 އިން މާމެންދޫ ބަލިކުރި އިރު، އަނެއް މެޗުގައި އިސްދޫން ކަލައިދޫ ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

ގަމުން ކުޅުނު މެޗުގައި ހުސައިން ޝަރީފް (އޮންލީ) ފެނިފައެއް ނުވެއެވެ. އޮންލީ މެޗު ކުޅެފައި ނުވަނީވެސް ގައުމީ ފުޓްސަލް ޓީމަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ. މެޗުގައި ގަމުގެ ގޯލުތައް ހަސަން ފަޒާވް، އަހުމަދު ހަލީމް (އައްމަޑޭ) އަދި ޒައިދާން އަބްދުﷲ ޖަހައިދިން އިރު، މޮޅު ކުޅުންތެރިޔަކީ ގަމުގެ ގޯލްކީޕަރު މުހައްމަދު ލުފްޝާނެވެ. ގަން ވަނީ 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ސެމީގައި ކުޅެފައެވެ.

އިސްދޫން ކަލައިދޫ ބަލިކުރި މެޗުގައި އިސްދޫގެ ގޯލުތައް ޖަހައިދިނީ އަލީ ހުމޭޒާއި އަލީ މަސީގެވެ. ހުމޭޒު ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. ކަލައިދޫގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު އިބްރާހީމް ނާއިލް ޖަހައިދިން އިރު، އަނެއް ގޯލް ޖެހީ އަހުމަދު އައްސަދެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

މުބާރާތުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ. މިރޭ ރ. އަތޮޅާއި ބ. އަތޮޅުގެ މެޗުތައް ފަށާ އިރު، ދެން ކުޅޭނީ ތ. އަތޮޅުގެ މެޗުތަކާއި، ގއ. އަތޮޅުގެ މެޗުތަކެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުތައް

ރ. އަތޮޅު

20:15 އިންނަމާދޫ - ދުވާފަރު

ބ. އަތޮޅު

20:15 ބ. އޭދަފުށި - ބ. ތުޅާދޫ

ގއ. އަތޮޅު

21:15 ކޮނޑޭ - ނިލަންދޫ (ގްރޫޕް 1)
22:15 ކޮލަމާފުށި - މާމެންދޫ (ގްރޫޕް 2)

ތ. އަތޮޅު

21:15 ގާދިއްފުށި - އޮމަދޫ (ގްރޫޕް 1)
22:15 ތިމަރަފުށި - ބުރުނި (ގްރޫޕް 2)