ރިއަލިޓީ ޓީވީ ތަރި އަދި ބިލިއަނަރު ކިމް ކާޑޭޝިއަން އޭނާގެ ފިރިމީހާ ރެޕް ލަވަކިޔުންތެރިޔާ ކެންޔޭ ވެސްޓްގެ ކިބައިން ރަސްމީކޮށް ވަރިވެއްޖެކަމަށް ކޯޓުން ކަނޑައަޅައިފިއެވެ.
ކެންޔޭ ނުވަތަ ޔޭއާ ވަކިން ދިރިއުޅެމުން އަންނަ ކިމް ވަރިވެފައިވާކަން ކަނޑައަޅައިދިނުމަށާއި ކިމް ކާޑޭޝިއަންގެ ނަމުން ވެސްޓް އުނިކުރުމަށް އެދި ލޮސް އެންޖެލެސްގެ ކޯޓަށް މީގެ ތިން މަސްދުވަސް ކުރިން ކިމް ހުށަހަޅާފައިވާއިރު ކޯޓުން ވަނީ އޭނާ އަކީ މިހާރު ކެންޔޭގެ އަންބެއް ނޫންކަމަށް ރަސްމީކޮށް ކަނޑައަޅާފައެވެ. 2014ވަނަ އަހަރު ކައިވެނިކުރި ކެންޔޭ އަދި ކިމްގެ 7 އަހަރުވީ ގުޅުމަށް 4 ކުދިން ވަނީ ލިބިގެން ގޮސްފައެވެ.
ކެންޔޭގެ ކިބައިން ކިމް ވަރިވެއްޖެކަން ރަސްމީކޮށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ވެއްދި ލިޔެކިޔުންތަކުގައި އެކަމަށް އޭނާ އެދިފައިވަނީ ދެމީހުން ދުރުވާން ނިންމި ނިންމުމަށް ކެންޔޭ އިހުތިރާމު ނުކުރާތީކަމަށް ކިމް ވަނީ ބުނެފައެވެ. އެގޮތުން ދުރުވާން ނިންމުމަށްފަހުވެސް ދެމީހުންގެ ގުޅުމާ ބެހޭގޮތުން ޔޭ މީޑިއާތަކަށް ތަފާތު ދޮގު ވާހަކަތައް ފެތުރުން ހިމެނޭކަމަށް އޭނާ ވަނީ ބުނެފައެވެ. ކިމް އިތުރަށް ބުނެފައިވާގޮތުގައި ރަސްމީކޮށް ވަރިވެފައިވާކަން ކޯޓުން ނިންމުމުން ޔޭއަށްވެސް އެކަން ބަލައިގަންނަން ފަސޭހަވެގެންދާނެކަމަށް ގަބޫލުކުރާކަމަށް ވަނީ ބުނެފައެވެ.
ކިމް އަދި ކެންޔޭގެ ވަރީގެ މައްސަލަ ކޯޓުގައި އޮންނަތާ މިހާރު އަހަރެއް ވެއްޖެއެވެ. މި ދެމީހުން ދުރުވާން ނިންމައި ވަރިވުމަށް އެދި ކޯޓަށް ފުރަތަމަ މައްސަލަ ވައްދާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.
ކިމް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރެޕް ލަވަކިޔުންތެރިޔާ ޕީޓް ޑެވިޑްސަން އާއެވެ. ޕީޓް އާއި ޖައްސާލައި ކެންޔޭ މިހާތަނަށް މީސް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ކުރަމުންދާއިރު އޭނާ އެންމެފަހުން ހަދާފައިވާ މިއުޒިކް ވީޑިއޯއާއެކު ގިނަބައެއް އަންނަނީ ޔޭ އަށް ނުރުހުން ފާޅުކުރަމުންނެވެ. ޔޭގެ އިންސްޓަގުރާމުގައި ބުދަދުވަހު އާއްމުކުރި ''އީޒީ''ގެ މިއުޒިކް ވީޑިއޯގައި ފެނިގެންދަނީ ޕީޓް ޑެވިޑްސަން ރަމްޒުވާގޮތަށް ފެނިގެންދާ އެނިމޭޝަނެއް ކިޑްނެޕްކޮށް ދިރިހުއްޓައި ވަޅުލާ މަންޒަރެވެ.