ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންނަށް ވަގުތު ދިނުމުގެ ހާއްސަ އުސޫލެއް އެކުލަވައިލައި ގެޒެޓް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން، (ބްރޮޑްކޮމް)އިން ފޮނުވައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އުސޫލު ގެޒެޓްގައި ޝާއިއު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވީ މިއަދު ކަމަށެވެ. އެގޮތުން ކޮމިޝަނުން އެކުލަވައިލި އުސޫލުގައި އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކޮށްފައިވާނެކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ބްރޮޑްކޮމްއިން ބުނިގޮތުގައި އެ އުސޫލަކީ ބްރޯޑްކާސްޓަރުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ހިޔާލު ހޯދުމަށްފަހު އެކުލަވައިލި އުސޫލެކެވެ. އަދި އެއީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެކުލަވައިލި އުސޫލެއްކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އެގޮތުން އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނާއި އެ ކެނޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް އަމާޒުކޮށް ތާއީދު ހޯދުމުގެ ގޮތުން އިސްތިހާރު ފޮނުވުމަށް ވަގުތުދިނުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ގޮތާއި، އެ ކަންކަމާއި ހިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހަޅާނެ ވަކި ނިޒާމެއް ގާއިމް ކުރުމާއި، ކޮމިޝަނުން އެ ޝަކުވާތައް ބެލުމާއި، ބްރޯޑްކާސްޓަރުން އަމަލު ކުރަންވީ ގޮތާއި ހިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލެއް އެކުލަވައިލުމަށް ބްރޮޑްކޮމްއަށް ގާނޫނުން ލާޒިމްކުރާކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއުސޫލު ގެޒެޓް ކުރެވުމާއެކު ކުރިއަށްއޮތް މަޖިލީހުގެ އިންތިހާބުގެ ކެނޑިޑޭޓުނަށް ބްރޯޑްކާސްޓަރުން ވަގުތު ދިނުމުގައި އެ އުސޫލަށް އަމަލުކުރަން ޖެހޭނެއެވެ.