ޝަހީދާ އަބްދުﷲ ސައީދު
ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ، ޑަބްލިޔު ކޮންސްޓްރަކްޝަން 500،000 ރުފިޔާއިން ޖުރިމައިނާ ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި އެކުންފުނި ޖޫރިމަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށްފަހު، ގަވައިދުގެ ދަށުން ޖުރިމަނާ ކުރެވެން އޮތް އެންމެ ބޮޑު އަދަދުން ޑަބްލިޔު ކޮންސްޓްރަކްޝަން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެގޮތުން 500،000 ރުފިޔާއަކީ ގަވައިދާ ޚިލާފަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތައް ޖޫރިމަނާކުރެވެން އޮތް އެންމެ ބޮޑު އަދަދުކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ޖޫރިމަނާގެ ލިޔުން އެކުންފުންޏާ ހަވާލުކޮށްފައިވާކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ޑަބްލިޔު ކޮންސްޓްރަކްޝަން ޖޫރިމަނާކޮށްފައި މިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މާލޭ މަގުމަތީގައި ހިނގާފައި ދިޔަ ބަންގުލަދޭޝްގެ އުމުރުން 8 އަހަރުގެ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުމާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އެކުއްޖާ މަރުވި މައްސަލައިގައެވެ.
އެހާދިސާގައި ކުއްޖާގެ ފަޔަށާއި ކޮނޑު ހުޅަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އަދި ކުއްޖާގެ ހަށިގަނޑު ތެރެއަށް ވެސް ވަނީ ލޭ އެޅިފަ އެވެ. ސިމެންތި ބަސްތާ ވެއްޓުނީ ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުން ދިޔަ އިމާރާތުގެ ފަސް ވަނަ ބުރިންނެވެ.
އެހާދިސާ ވެގެންދިޔައީ ސަރުކާރާއި ރައްޔިތުންގެ ސަމާލުކަން ލިބިގެންދިޔަ ހާދިސާއަކަށެވެ. އަދި އޭގެ ފަހުން މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ވަނީ އިމާރާތްކުރުމުގެ މަސައްކަތްކުރަމުން އަންނަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންދާ ތަންތަނުގެ މަސައްކަތް ހުއްޓުވުމުގެ މަސައްކަތް އެދުވަސްވަރު ކުރަމުންދިޔައެވެ.
މީގެއިތުރުން މިމަހުގެ 18 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އިމާރާތްކުރަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓެއްގެ ފަސްވަނަ ފަންގިފިލާއިން ބޮލަށް ގަލެއް ވެއްޓި ބަންގްލަދޭޝްގެ 44 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ.