އިލެކްޝަންސް ކޮމިޝަން

ވީބީ ހަސަންގެ ފޯމު ބަލައިނުގަންނަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމްކޯޓުން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވެރު ދާއިރާއަށް ކުރިމަތިލެއްވުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅި ފޯމު ބަލައިނުގަންނަން އީސީން ނިންމި ނިންމުމަށް އަމަލުކުރުނަ ފަސްކުރުމަށް ސުޕްރީމް ކޯޓުން އީސީއަށް އަންގައިފި އެވެ.

ހަސަން ޝިޔާމް އިންތީޚާބަށް ވާދަކުރައްވަން ހުށަހެޅުއްވުމުން އީސީން ވަނީ އޭނާގެ ފޯމު ބަލައި ނުގަންނަން ނިންމައިފަ އެވެ. އިލެކްޝަނުން އެގޮތަށް ނިންމީ ހަސަން ޝިޔާމްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ސާބިތު ދަރަންޏެއްގެ މައްސަލައިގައި ކަމަށް މައުލޫމާތު ލިބެ އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން އީސީއަށް ސިޓީއަކުން އެންގީ މިއަދުގެ ވަގުތެއްގަ އެވެ.

އާންމު އިންތިޚާބާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގައި ބުނާ ގޮތުގައި، އިންތިޚާބުގައި ވާދަކުރަން މީހަކު ހުށަހަޅާ ފޯމު ބަލައިނުގަންނަން އީސީން ނިންމައިފި ނަމަ، އަދި އެ ނިންމުމާ މެދު މީހަކު ޝަކުވާ ހުށަހަޅަން ބޭނުން ނަމަ، ފަސް ދުވަސް ތެރޭގައި ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅަން ޖެހޭނެ އެވެ.

އަދި އެ ކަމަށް ހަތް ދުވަސް ތެރޭ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، ކެންޑިޑޭޓުންގެ ގުރުއަތުލުން މި މަހުގެ 27 ވަނަ ދުވަހު އޮންނާނެ އެވެ.