ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ އާ އުސޫލެއް އެކުލަވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.
އޭސީސީން ބުނީ ރައީސް އޮފީހުން އަންގާފައިވާ ފަދައިން މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އާ އުސޫލެއް އެކުލަވާލުމަށް ހައުސިން މިނިސްޓްރީއަށް އަންގާ ކަމަށެވެ.
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އުސޫލު އާންމުކޮށް ޝާއިއުކުރުމާއެކު ގޯތި ދޫކުރުމަށް ކުރިއާލާ އިއުލާންކޮށް، ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއަށް އަންގާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ހައުސިން މިނިސްޓްރީއަށް އެގޮތަށް އެންގީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ބެލުމަށްފަހުއެވެ.
ކުރިން އޭސީސީން ގޯތި ވިއްކުމުގެ ކަންތައްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އެންގި ނަމަވެސް، މިހާރު ހުއްދަ ދިނުމުން އެ މަސައްކަތް އަލުން ފަށާފައިވާކަން މިއަދު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވައިފައެވެ.