ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައި ބާއްވަން އޮތް މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ފްރާންސްގެ ޕެރިހަށް ބަދަލުކުރަން ޔޫއެފާއިން ނިންމައިފިއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އަންނަ މޭ މަހުގެ 28 ވަނަ ދުވަހު ރަޝިއާގެ ކްލަބެއް ކަމަށްވާ ޒެނިތު ޕީޓާސްބާގުގެ ގެޒްޕްރޯމް އެރީނާގައި ހޯސްޓް ކުރަން ކުރިން ޔޫއެފާއިން ނިންމާފައިވީ ނަމަވެސް އެ ނިންމުން ބަދަލުކުރީ ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.
ޕެރިހުގައި ކުޅޭ ފައިނަލް އޮންނާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސުންގެ ހޯމް ކަމަށްވާ ސްޓޭޓް ޑި ފްރާންސްގައެވެ.
ޗެމްޕިއަންސް ލީގު ފައިނަލް ކުޅޭ ގައުމު ބަދަލުކުރިކަން އިއުލާންކޮށް ޔޫއެފާއިން ވަނީ ރަޝިއާއިން ޔޫކްރެއިންއަށް ދިން ހަމަލާތައް ކުށްވެރިކޮށްފައެވެ. ޗެމްޕިއަންސް ލީގު ފައިނަލް ޕެރިހަށް ބަދަލުކުރުމުގައި ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރެއްވެސް ވެެެއެވެ.
އިއްޔެ ހެނދުނު ރަޝިއާއިން ޔޫކްރެއިންއަށް ދިން ހަމަލާތަކާއެކު އިނގިރޭސިވިލާތާއި ޔޫރަޕުގެ އެކުވެރި ގައުމުތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، ރަޝިއާއަށް ދަތިކުރަން ނިންމިއެވެ. އެ ވާހަކަތަކުގެ ތެރެއިން ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގައި ކުޅިވަރުގެ އިވެންޓްތައް ރަޝިއާގައި ބޭއްވިޔަ ނުދޭން ވާހަކަތަައް ދައްކާފައިވެއެވެ.
ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެންމެ ބޮޑަށް އަލިއަޅުވާލީ މިއަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ރަޝިއާގެ ޕީޓާސްބާގުގައި ބާއްވަން އޮތް އޮތުމަށާއި އިތުރު ފުޓުބޯޅަ އިވެންޓްތައް ރަޝިއާއަށް ނުދިނުމުގެ މައްޗަށެވެ. އެ ވާހަކަތައް ޔޫއެފާ ރައީސާ ހަމައަށް ސިޓީއެއްގެ ޒަރީއައިން ވަނީ ފޮނުވައިފައެވެ.