އަލީ ހުސައިން

ޑީޖޭއޭ އަށް ހާޒިރުވާން އަލީ ހުސައިނަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުވާން އަންގައިފިއެވެ.

ސުޕްރީމް ކޯޓުން އަލީ ހުސައިނަށް މިއަދު ފޮނުވި ޗިޓުގައި މާދަމާ ހެނދުނު 10:00 އަށް ޑީޖޭއޭ އަށް ހާޒިރުވާން ވަނީ އަންގާފައެވެ.

އެ ޗިޓުގައިވާގޮތުން އަލީ ހުސައިން ހާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށެވެ.

އެ ޗިޓާ އެކު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނެއްކާވެސް އޭނާ ސަސްޕެންޑު ކުރަން އުޅޭހެން ހީވާ ކަމަށެވެ.

އަލީ ހުސައިން ޑީޖޭއޭއަށް ހާޒިރުވާން އަންގާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ދާދިފަހުން އޭނާ ވަނީ ވީޓީވީގައި ވާހަކަފުޅު ދައްކަވާފައެވެ.

އަލީ ހުސައިން ވިދާޅުވެފައި ވަނީ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންް ކޮމިޝަނުން ކަނޑައެޅުމުން ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅިތާ އެތަކެއް ދުވަހެއް ވެގެންދިޔައިރުވެސް މައްސަލަ ނިންމާފައިނުވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަ ނުނިމި ލަސްވާތީ އެ 12 މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ބަޔާންކޮށް އެ ނިންމުން މުރާޖާކޮށްދޭން އެދިފައި ކަމަށެވެ. އަދި އެ މެމްބަރުން އެދުމުން އެ ނިންމުން މުރާޖާކޮށް ކުރިން ނިންމި ނިންމުން ބާތިލްކޮށްފައިވާއިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަދި އެ މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެ ނިންމުން ބާތިލްނުކުރަނީސް އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އެ ކޮމިޝަނުން ބާތިލްކޮށްފައިވާތީ ސުޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.