މުޙައްމަދު ޝަމްޢޫން
ރާއްޖެގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި މިހާރު ކުރިއަށްދާ މެޗުތަކުގެ ފޭސްބުކް ލައިވަށް ބުރޫ އަރަމުންދަނީ ބަޔަކު ދެމުން ގެންދާ ސައިބަރ އެޓޭކްތަކެއްގެ ސަބަބުން ކަމަށް މުބާރާތް އިންތިޒާމް ކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފިއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، މެޗުތައް ބަރާބަރަށް ލައިވް ކުރުމަށް މުބާރާތް ބާއްވާ ފަރާތުން ވަނީ ހާއްސަ އިންތިޒާމެއް ހަމަޖައްސައިފައެވެ. މުބާރާތުގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްތައް ކުރަމުން ގެންދަނިކޮށް ރޭގެ މެޗުތަކުގެ އިތުރުން އޭގެ ކުރީ ރޭގެ މެޗުތަކުގެ ލައިވަށްވެސް ވަނީ މައްސަލަތަކެއް ދިމާވެފައެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ "ވަން"އަށް ވިދާޅުވީ ލައިވްތައް ކެނޑެމުން ދަނީ ބަޔަކު ރާވައިގެން ދެމުންދާ ޑީޑޯސް އެޓޭކްތަކެއްގެ ސަބަބުން ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް އެކިއެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެއްފަހަރާ ބޮޓް އައިޑީތަކެއް ބޭނުންކޮށްގެން ޕޭޖް ރިޕޯޓްކޮށް، ލައިވް ލިންކް ރިޕޯޓްކޮށް، ޕޭޖު ހިންގާ މީހުންގެ އެކައުންޓްތައްވެސް ރިޕޯޓްކޮށް ޑައުންކޮށްލުމުން ލައިވް މި މެދުކެނޑެނީ. އެކަން ކުށްވެރިވެސް ކުރަން. ހައްލުކުރުމަށް މިހާރު ދަނީ އެކިއެކި ގޮތްގޮތުން މަސައްކަތް ކުރަމުން. މިރޭގެ މެޗުތަކުގެ ލައިވްތައް ވަކިވަކި ޕޭޖު ހަދައިގެންވެސް ކުރަން މަސައްކަތް ކުރިން. އެހެން ނަމަވެސް އެ ލައިވްތައްވެސް ރިޕޯޓްކޮށް، ޕޭޖުގެ އެޑްމިން ކަމުގައި ހުރި އައިޑީތައްވެސް ވަނީ ބްލޮކް ކޮށްލައިފައި،" ރިލުވާން ވިދާޅުވިއެވެ.
ރިލުވާން ވިދާޅުވީ މުބާރާތަކީ އަތޮޅު ތެރެއަށް ހާއްސަ މުބާރާތެއް ކަމަށްވުމުން ލައިވަކީ ގިނަ ބަޔަކު ބޭނުންވާ އެއްޗެއް ކަން ގަބޫލުކުރެވޭ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް އެކިއެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރަށްރަށުގައި ބޮޑެތި ސްކްރީންތަކުގައި، އަދި އިޖުތިމާއީ މަރުކަޒުތަކުގައިވެސް އެ ރަށްރަށުގެ މެޗުތައް ބަލާ މުބާރާތެއް ގޯލްޑަން ފުޓްސަލް މުބާރާތަކީ. އެހެންވީމަ އެނގޭ ލައިވް މުހިއްމުވާނެ ވަރު. އެ މައްސަލަ ހައްލުކުރުމަށް ފަންނީ ބޭފުޅުންނާއެކު މިދަނީ މަޝްވަރާ ކުރަމުން. އަދި އެކިއެކި ފަރާތްތަކުގެ އެހީތެރިކަމާއެކު މައްސަލަ ހައްލުކޮށް، މެޗުތަކުގެ ލައިވްތައް ގެނެސްދެވޭނެ ކަމަށް މި ފުރުސަތުގައި ފާހަގަކުރަން،" ރިލުވާން ވިދާޅުވިއެވެ.
ރިލުވާން އިތުރަށް ފާހަގަކުރެއްވީ މުބާރާތުގެ ކަންކަން ފުރިހަމައަށް އިންތިޒާމު ކުރުމަށް ފަހަތަށް ނުޖެހި ދެމިހުންނާނެ ކަމަށާއި، އަތޮޅު ތެރޭގެ ފުޓްސަލްއަށް މި މުބާރާތް ހާއްސަވެގެން ދާ ސަބަބާއެކު، މުބާރާތުގެ ފޯރިވެސް ގަދަކޮށް ފެނިގެން ދިޔުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިހާރު ކުރިއަށް ދަނީ ށ. އަތޮޅާއި، ހއ. އަތޮޅު، އަދި ހދ. އަތޮޅުގެ އަތޮޅު ބުރުގެ މެޗުތަކެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.