މުނިފޫހިފިލުވުން

ޒުވާނުންގެ ވެބް ސީރީޒް "ހާތްތެރި"ގެ އެކްސްކްލޫސިވް މީޑީއާ ޕާޓްނަރަކަށް "ވަން އޮންލައިން"

އަހުމަދު ޖައިޝަން

ޒުވާނުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ފެށި ފުރަތަމަ ވެބް ސީރީޒް ކަމަށްވާ "ހާތްތެރި"ގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައިފި އެވެ.

ހާތްތެރިގެ މީޑީއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖެއްސުމަށް ބޭއްވި ބައްދަލުވުމުގައި ދެފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. ހާތްތެރިގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ސީރީޒްގެ އެކްޒެކެޓިވް ޕްރޮޑިއުސަރު އަދި ކްރިއޭޓަރު މުހައްމަދު ނަޖުވާން (ކުޑީ) އެވެ. އަދި ވަން އޮންލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މީޑިއާގެ ޗެއާޕާސަން މިންހާ ފާއިޒް އެވެ.

ހާތްތެރި ވެބްސީރީޒް އަކީ އައިޑިއުކްސް އިންކޯޕަރޭޝަން އާއި ފައިނަލް ޗެޕްޓާސް ސްޓޫޑިއޯއިން ގުޅިގެން ކުރިއަށް ގެންދާ ސީރީޒްއެކެވެ.

ދިވެހި ޒުވާނުން ބައިވެރިވާ އެ ސީރީޒްއަކީ އެކި ޗެލެންޖްތައް ހިމެނޭ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ސީރީޒްއެކެވެ.

އެއްބަސްވުމަށްފަހު ވަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ނަޖްވާން ވިދާޅުވީ ހާތްތެރިގެ މަގުސަދަކީ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

"މިއަށް އެބަ އާދޭ ކޮންމެ ސީޒަން އެއްގެ ކޮންމެ އެޕިސޯޑަކަށްވެސް ވަރަށް އާ ކުދިން. ކެމެރާއަށްވެސް މުޅިން އާ ކުދިން. އެހެންވެ އެމީހުންނަށްވެސް ލިބޭ ވަރަށް ބޮޑު ޗާންސެއް މިއީ،" އޭނާ ވިދާޅުވިއެވެ.

ހާތްތެރިގެ ޓީމުގައި މިހާރު ތިބޭނީ އެ ސީރީޒްގެ ފުރަތަމަ ސީޒަންގައި ހިމެނޭ ފަރާތްތަކުންގެ ތެރެއިން ހޮވާލެވިފައިވާ ޒުވާނުންތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އޭނާ ވިދާޅުވީ އެ ޒުވާނުންނަށް މިހާރު ވީޑިއޯ އެޑިޓިންނާއި ޝޫޓުކުރުމުގެ ކަންތައްތަކުގެ އިތުރުން ސޯޝަލް މީޑިއާގައި މާކެޓުކުރުމުގެ ކަންތައްވެސް ރަނގަޅަށް އެނގޭނެ ކަމަށެވެ.

"އަސްލު ލާނިން ޕްލެޓްފޯމެކޭ ހާތްތެރިޔަކީ ބުންޏަސް ރަނގަޅުވާނެ،" އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިންހާ ވިދާޅުވީ އެ ޕާޓްނާޝިޕްގެ ދަށުން މަސައްކަތް ކުރާނީ ހާތްތެރި ސީރީޒްގެ ވީޑިއޯތަކާއި މަސައްކަތްތައް ޕްރޮމޯޓުކުރަން ކަމަށެވެ.

"ޒުވާނުން މިހާ ބޮޑު ކަމެއްގައި އިންވޯލް ވެގެން އެންގޭޖްކޮށް ޒުވާނުންތަކެއް އެންޓަޓެއިންމެންޓްގެ ދާއިރާއަށް ފުރުސަތު ހުޅުވާލެވިގެންދާ ދައުރެއް އަދާކުރުމުގައި ވަން އަށް ބައިވެރި ވެވުނީތީވެސް ވަރަށް އުފާ ކުރަން،" މިންހާ ވިދާޅުވިއެވެ.