ކަރްނަޓާކާގެ ކިޔަވައިދޭ ތަންތަނުގައި މުސްލިމު އަންހެނުން ބުރުގާ އެޅުން މަނާކުރުމުގެ މައްސަލަ ބޮޑުވެފައިވާ މިދުވަސްކޮޅު އެމެރިކާގެ ސުޕަމޮޑެލް ބެލާ ހަދީދު ބުރުގާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ.
ބުރުގާގެ ދިފާއުގައި ވާހަކަދައްކަމުން މުސްލިމު ދަރިފަސްކޮޅަކަށް ނިސްބަތްވާ 25 އަހަރުގެ ބެލާ ހަދީދު ބުނީ އަންހެނަކު ހެދުން އަޅަންވީގޮތަށް އެއްވެސް މީހަކަށް ބަސް ބުނެވިގެން ނުވާނެ ކަމަށާއި ހާއްސަކޮށް ދީނާއި އަދި އަމިއްލަ ރައްކާތެރިކަމުގެ ބޭނުމަށްޓަކައި އަންހެނަކު ހެދުން އަޅާގޮތާ ދެކޮޅަށް އެހެން މީހަކަށް ބަސް ބުނުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ކުޅިވަރާއި ތައުލީމުން އަންހެނުން ބާކީ ކުރެވިގެން ނުވާނެކަމުގައިވެސް ބެލާ ވަނީ ބުނެފައެވެ.
ބުރުގާ އަޅާ އަންހެނުންނަށް ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ފުރާންސް، އިންޑިއާ، ކުއެބެކް، ބެލްޖިއަމްގެ ނަން ގެނެސް އެފަދަ އެހެން ގައުމުތަކަށްވެސް ބެލާ ވަނީ ބުރުގާއާ ދެކޮޅަށް ނިންމާ ނިންމުންތަކާ މެދު އިތުރަށް ވިސްނުމަށް ގޮވާލައިފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ފުރާންސުގައި ބުރުގާ އެޅުމުގެ ސަބަބުން އަންހެނުންނަށް ތައުލީމު އުނގެނުން، ކުޅިވަރު ކުޅުން އަދި މޫދަށް އެރުމުގެ ހައްގުން އެއްކިބާކުރެވިފައިވާ ކަމަށާއި އަމިއްލަ ގައުމުގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ބުރުގާ އަޅައިގެން ފޮޓޯ ޖެހުންވެސް އެ ގައުމުގައި ދިރިއުޅޭ މުސްލިމު އަންހެނުންނަށް މަނާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ސަރުކާރު ވަޒީފާތައް އަދާކުރުމުންނާއި ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރުން އެފަދަ އަންހެނުންނަށް މަނާވެފައިވާ އިރު، ކިޔަވާ މުސްލިމު ދަރިވަރުންގެ ތެރެއިން ބުރުގާ އެޅުމުގެ ސަބަބުން އިންޓާންޝިޕްތައް ގެއްލުމާއި ޔުނިވާސިޓީތަކުން އެ ފުރުސަތު ހޯދުމުގެ ޝަރުތެއްގެ ގޮތުގައި ބުރުގާ ނެގުން ކަނޑައަޅާފައިވާ ކަމަށް ބެލާ ވަނީ ފާހަގަކޮށްފައެވެ. އަދި ފާޅުގައި ނުބުނި ނަމަވެސް މިފަދަ ކަންކަމުން އެނގި ހާމަވަނީ ދުނިޔޭގައި މުސްލިމުންނާ މެދު ނަފުރަތު އުފެދިފައިވާ މިންވަރު ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ބެލާ ކޮށްފައިވާ އިތުރު ޕޯސްޓެއްގައި ވަނީ މުސްލިމު އަންހެނުންގެ ދިފާއުގައި ތެދުވުމަށް ގޮވާލައިފައެވެ. ބުރުގާ އިޝްތިހާރު ކުރާ އަންހެނުންތަކެއްގެ ފޮޓޯއަކާއެކު ބެލާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފެޝަންގެ ދުނިޔޭގައި ހިޖާބު ނުވަތަ ބުރުގާ ފައިހަމަކުރަމުން އަންނަ ކަމަށާއި ނަމަވެސް ބުރުގާ އަޅާ އަންހެނުންނަށް ކުރިމަތިވަމުން ދާ މައްސަލަތަކަށް ހައްލެއް ލިބެމުން ނުދާ ކަމަށެވެ. އަދި އެފަދަ އަންހެނުން ކުރިމަތިލާންޖެހޭ ފުރައްސާރައާއި އަނިޔާތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމުގައި އޭނާ ވަނީ ބުނެފައެވެ.
ފެޝަންގެ ދުނިޔޭގައި ބުރުގާ އެކި ގޮތްގޮތަށް އަންހެނުން އިޝްތިހާރު ކުރަމުން ދިޔަ ނަމަވެސް ބުރުގާގެ އަސްލު ގުޅިފައިވަނީ އިސްލާމްދީނާ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމު އަންހެނުންނަށް ބުރުގާ އަކީ ކިހާ މުހިއްމު އެއްޗެއްކަން ދަންނަންޖެހޭ ކަމުގައިވެސް ބެލާ ވަނީ ބުނެފައެވެ. އަދި ފެޝަންގެ ދުނިޔޭގައި ބުރުގާ ބަލައިގަނެވޭ ނަމަ، ބުރުގާ އަޅާ އަންހެނުންނަށް ލިބޭ އަނިޔާގެ ވާހަކަތަކުގެ އަޑުވެސް އުފުލެން ޖެހޭ ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ ކަރްނަޓަކާގެ އުޑުޕީ ކޮލެޖުގައި މުސްލިމު ދަރިވަރުންތަކެއް ތައުލީމުން އެކަހެރި ކުރި މައްސަލަ ހޫނުވެފައިވާ އިރު، ބުރުގާގެ ދިފާއުގައި ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރުވެސް ވަނީ މީގެ ކުރިން ވާހަކަ ދައްކައިފައެވެ.