ލެޖެންޑަރީ ފެޝަން ޑިޒައިނަރު ކާލް ލަގަފެލްޑް މަރުވެއްޖެ އެވެ.
85 އަހަރުގެ ކާލް މިއަދު މަރުވެފައިވާކަމަށް އޭނާގެ ފެޝަން ލޭބަލް ޝެނެލް އިން ވަނީ ރަސްމީކޮށް ބުނެފައެވެ.
ޝެނެލް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކާލް މަރުވީ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާ ވަނިކޮށް ހާލު ބޮޑުވެގެން މިއަދު ހެދުނު ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ކާލް މަރުވެފައިވަނީ ޕެރިސްގައި ހުންނަ އެމެރިކަން ހޮސްޕިޓަލެއްގައެވެ.
ކާލް ލަގަފެލްޑް އަކީ ފެޝަން ބްރޭންޑެކެވެ. ފަހުގެ އަހަރު ތަކުގައި އޭނާ ހުންނަނީ ގަދަ ކުލައިގެ ސޫޓް އާއި ހުދު ގަމީހުގައި އިސްތަށިގަނޑު ޕޮނީ ޓެއިލްކޮށް އައްސާލުމަށްފަހު އަވި އައިނު އަޅައިގެންނެވެ.
ކާލް އުފަންވެފައިވަނީ 1933 ގައި ޖަރުމަނުގައެވެ. 1954 ގައި ކާލް ޕެރިސް އަށް ބަދަލުވިފަހުން ވޫލް އިން ހެދި ކޯޓުން ވަނަ އެއް ލިބުމަށްފަހު އޭނާ އަށް ޑިޒައިނަރު ޕިއާ ބަލްމަން އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ.
ކާލް އަށް ފެޝަންގެ ދުނިޔެއިން އެންމެ ފުރަތަމަ ކާމިޔާބީއަކާ ހަމައަށް ދިޔައީ 1960 ގެ މެދު ތެރޭގައި ކްލޯ ބްރޭންޑްއިންނެވެ. ނަމަވެސް އޭގެ ފަހުން ޝެނެލް އާ ގުޅުމަށްފަހު ކާލްގެ ނަން ފެޝަންގެ ދުނިޔޭގައި ވިދާލިއެވެ.