ޝަހީދާ އަބްދުﷲ ސައީދު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހިޔަލުގައި ހުންނަވައިގެން ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ވަހީދު ހުންނެވި ނަމަވެސް އަލީ ވަހީދަކީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ބޭފުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަލީ ވަހީދަކީ ސިޔާސީ ގޮތުން އަދި ވަރަށް ޅަކުއްޖެއް ކަމަށާއި އަލީ ވަހީދަކީ ސިޔާސީ ގޮތުން ރައްޔިތުން ބަލައި ނުގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
އެގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގެން އަލީ ވަހީދަކީ ޕާޓީ ބަދަލުކުރައްވައިގެން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ތާއީދު ހޯއްދެވުމަށް ދާއިރާގެ ރައްޔިތުންގެ ގާތަށް ވަޑައިގަތުމުން ރައްޔިތުން ނޫނެކޭ ބުނެފައިވާ ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަލީ ވަހީދު މިއަދު ގާސިމްގެ ހިޔަލުގައި ހުންނަވައިގެން ދައްކަވާ ވާހަކަފުޅަކީ ރައްޔިތުން ގަބޫލުކުރާނެ ވާހަކަތަކެއް ނޫން ކަމަށެވެ.
އަލީ ވަހީދު ވަޒީރު ކަމަށް ވަޑައިގަތީ ކޯލިޝަން ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދިން ސްލޮޓުގެ ތެރެއިންނެވެ.