އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

މާރިޔާގެ އިތުބާރު ނެތް މައްސަލަ ވައްދަނީ ގައުމީ މައްސަލައެއްގެ ގޮތުގައި: އަބްދުއްރަހީމް

ޝަހީދާ އަބްދުﷲ ސައީދު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަނީ ގައުމީ މައްސަލައެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރު މާރިޔާގެ އިތުބާރުނެތް މައްސަލަ ވައްދަންޖެހެނީ ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ވާހަކަތަކެއް މާރިޔާ ދެއްކެވުމުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން ބޭރު ގައުމެއްގައި ދެއްކެވި ވާހަކަފުޅުގައި ބޭނުންވެއްޖެނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އަދި އެއީ މަގާމުގެ މެންޑޭޓާ ވެސް ހިލާފު ކަމެއް ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ދެއްކެވި ވާހަކައިގައި ވިދާޅުވީ ގައުމުގެ ދިފާއީ ވަޒީރަކު ބޭރުގެ މީޑިއާގައި، އިންޑިއާއިން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި އިރު އެއީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށާއި ނަމަވެސް ގައުމުގެ ދިފާއީ ވަޒީރު އެހެން ވިދާޅުވެގެން ނުވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ އިންޑިއާގެ ވެރިކަންކުރާ ސިޓީގައި ހުންނަވައިގެން އެގައުމުގެ މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ މެދު ކުޑައިމީސް ބަހެއް ވިދާޅުވެ ރާއްޖެއަކީ އެއްވެސް ތަނެއް ނޫންކަން ދެއްކެވުމަށްޓަކައި ދެއްކެވި ވާހަކައަކީ އެކަމަނާ ކުރެއްވި ހުވަޔާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

އަދި މިނިސްޓަރު މާރިޔާގެ އެވާހަކަފުޅަކީ ވަޒީރު ކަމުގެ މެންޑޭޓުތަކާއި ހަމަތަކާއި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާއި ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގެ ފުރަތަމަ ބާބާ ވެސް ހިލާފު އަމަލެއް ކަމަށް ނިހާން ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާގެ އިތުބާރުނެތް މައްސަލަ ނަގާނެ ކަމަށް ޕީޕީއެމްއިން ބުނެފައިވަނީ އެކަމަނާ ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ބޭނުންވެއްޖެނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.