އެމްޑީއޭ

މަޖިލިސް ދެފަޅިއަށް ހަމަހަމަ، މެޖޯރިޓީ އެމްޑީއޭ އަރާ ފަޅިއަކަށް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމު ކޯޓުން އިއްޔެ ކުރި ހުކުމާ އެކު މަޖިލީހުގައި ޕީޕީއެމް އާއި އިއްތިހާދުގެ ގޮނޑިތައް މިވަގުތަށް ހަމަހަމަވެ، ގޮތް ނިންމުމުގެ ބާރު އެމްޑީއޭ އަށް ލިބިއްޖެ އެވެ.

މިހާރު އޮތް ގޮތުން ނަމަ، ޕީޕީއެމް ގައި ތިއްބަވާނީ 34 މެންބަރުންނެވެ. ޖުމުހޫރީ ޕާޓީ އާއި އަދާލަތާއި އެމްޑީޕީ އެއްކޮށްލުމުން އިދިކޮޅަށް ވެސް މި ވަގުތު ޔަގީން ވަނީ 34 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނަށް މަޖިލީހަށް ވަޑައިގެންނެވޭނެތޯ އެއީ އަދި ސުވާލެއްގެ ތެރޭގައި އޮތް ކަމެކެވެ. އެއީ އެދެބޭފުޅުން ވެސް މިވަގުތު މިނިވަންވެފައި ތިއްބެވީ ކަފާލާތުގެ ދަށުނަ ކަމަށް ވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަސް ދާއިރާއެއް އެމްޑީއޭ އިން ތަމްސީލު ކުރެ އެވެ. އެއީ ދ. މީދޫ ދާއިރާ އާއި ދ. ކުޑަހުވަދޫ ދާއިރާ އާއި ނ. މަނަދޫ ދާއިރާ އާއި ނ. ކެނދިކުޅުދޫ ދާއިރާ އަދި ހއ. ހޯރަފުށި ދާއިރާ އެވެ.

އެހެން ކަމުން މި ހިސާބު ތަކަށް ބަލާ އިރު، އެމްޑީއޭ އިން ވަކި އަތަކަށް ޖެހިއްޖެ ނަމަ މަޖިލީހުގެ ސާފު މެޖޯރިޓީ މި ވަގުތު އެފަޅިއަކަށް ފުރޮޅިގެން ދާނެ އެވެ.