ޝަހީދާ އަބްދުﷲ ސައީދު
މިވަގުތަކީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް ގެންނަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުން އިސްތިއުފާދެއްވަންޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ގޮންޖަހައި ބަޔަކު މީހުން މީސް މީޑިއާގައި ވާހަކަދެއްކި އިރު ސަރުކާރުން އެބަޔަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމެވެ.
''މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. މިގައުމުގައި ބަޔަކު މީހުން ރަސޫލާއަށާއި އަސްހާބު ބޭކަލުންނާއި އިސްލާމްދީނަށް ހަޖޫޖަހައި ފުރައްސާކޮށް ހެދިއިރު އިސްލާމިކް މިނިސްޓަރު ވީތަނެއް ނޭނގޭ. އެއްޗެއް ވިދާޅެއް ނުވެވުނު. އެހެންވީމަ އަޅުގަނޑުމެން ކަންބޮޑުވަނީ މިހާ ހިސާބަށް ދިޔައިމަ އިސްތިއުފާ ދޭންޖެހޭނެ.'' އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު ސަރުކާރުން އަމަލުކުރަމުންދަނީ ބޭރުގެ ފަރާތްތަކަށް ބަރޯސާވެގެން ކަމަށާއި ރައީސް ޔާމީން ފަސް އަހަރު ދުވަހު ގައުމު ހިންގެވީ ބޭރުގެ ފަރާތްތަކަށް ބަރޯސާވެ، އަޅުވެތިވެގެން ނޫން ކަމަށެވެ. އަދި އިސްލާމް ދީނާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭފަދަ އެއްވެސް ކަމެއް ރައީސް ޔާމީންގެ ސަރުކާރުގައި ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ހާލަތު މިހާރު މިދާ ގޮތުން ރައީސް ސޯލިހު ވެރިކަމުގައި ހުންނަވައިފިނަމަ އިސްލާމް ދީނާއި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ގައުމަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ރައީސް ސޯލިހު މަގާމުން އިސްތިއުފާދެއްވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
''ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގެނެސް އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވެރިކަމަށް ގެނައުން. އަޅުގަނޑުމެން ތާއީދުކުރާނީ އެގޮތަށް. ސަބަބަކީ ގާސިމް އިބްރާހީމަކީ ދުވަހަކުވެސް ގައުމަށް ދެރައެއްވުމަށް ނޭދޭ ބޭފުޅެއްކަން މާޒީގައި ވެސް ފެނިފައިވާތީ. މިވަގުތު ވެރިކަމަށް އައުމަށް އިދިކޮޅުގައި ހުންނެވި އެންމެ ވަރުގަދަ ބޭފުޅަކީ ގާސިމް އިބްރާހީމް.'' އަބްދުއްރަހީމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި އަބްދުއްރަހީމް ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ހެޔޮނުވާނެ ކަމަށް ގާސިމް ވިދާޅުވީ ގައުމަށް ދެރައެއް ލިބެން ގާސިމް ނޭދޭތީ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވެފައިވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުދިނުމަށް ބޭނުންކުރެވެން ހުރި ހުރިހާ ފޯމިއުލާއެއް ބޭނުން ކުރާނެ ކަމަށެވެ.