ޕީޕީއެމް

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މާދަމާރޭ ޕީޕީއެމާއި ޕީއެންސީން މުޒާހަރާއަށް ނިކުންނަނީ

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މާދަމާރޭ ޕީޕީއެމް އާއި ޕީއެންސީން މުޒާހަރާއަށް ނިކުންނަން ނިންމައިފި އެވެ.

ޕީޕީއެމްއާ ޕީއެންސީ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމާ ދެކޮޅަށް ޕީޕީއެމުން ބާއްވާ ބޮޑު އެއްވުން ބާއްވާނީ ކާނިވާ ސަރަހައްދުގައި މާދަމާ ރޭ 8:30 ގައި ކަމަށެވެ.

އަދި މިއެއްވުމަކީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބާއްވާ ސުލްހަވެރި އެއްވުމެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރީ ސިޔާސީ ގޮތުން އެމަނިކުފާނު ބަލިކޮށްލައި، ޕީޕީއެމްއާ ޕީއެންސީގެ ސަޕޯޓަރުން މާޔޫސްކޮށްލުމަށް ކަމަށެވެ.

އަދި މިވަގުތު ރާއްޖޭގައި އިދިކޮޅު ސިޔާސީ ލީޑަރަކު ނެތް ކަމަށާއި އިދިކޮޅު ލީޑަރު ހުންނެވީ ޖަލުގައި ކަމަށް ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިދިކޮޅު ލީޑަރު ހައްޔަރުކޮށްގެން މީގެކުރިން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުންދިޔަ މީހުން ވެރިކަމަށް އައިސް، މިއަދު ވެރިކަން ކުރަމުންދަނީ އިދިކޮޅު ލީޑަރު ހައްޔަރުކޮށްގެން ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވައިލައި ބާއްވާ އެއްވުން މާދަމާރޭ ބާއްވާއިރު އަތޮޅުތަކުން ސަޕޯޓަރުން އައުމަށްވެސް ޕީޕީއެމުން ވަނީ ގޮވައިލާފައެވެ.