ޕީޖީ އޮފީސް

ރައީސް ޔާމީންގެ ޝަރީއަށް ކުރިޔަށް ދާނީ އާންމުކޮށް ހުޅުވާލައިގެން: ޕީޖީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިޔަށް ދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އިން ބުނެފި އެވެ.

ޕީޖީން މިހެން ބުނީ އެ އޮފީހުން މިއަދު ކުރި ޓުވީޓެއްގަ އެވެ.

"މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފަައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން މިއޮފީހުން އެދިފައެއްނުވާނެ. އެޝަރީއަތް ކުރިއަށް ދާނީ އާންމުކޮށް ހުޅުވައިލެވިގެން،" ޕީޖީ އޮފީހުގެ ޓްވީޓުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ އުފުލާފައިވާއިރު، ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށްޓަކައި ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެ އިއްޔެ އެމަނިކުފާނުވަނީ، ހައްޔަރުކޮށްގެން މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ފައިސާ، ލޯންޑާކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.