އެސްއޯއެފް ކުންފުނި

ރީކޯ މޫސަ އަޅުގަނޑަށް ޗެކެއް ދީފައެއް ނުވޭ: އަސްވާޑު

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު، އެއްވެސް އިރެއްގައި ޗެކެއް ދީފައި ނުވާކަމަށް ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އެކައުންޓަށް އަސްވާޑު އެއް ލައްކަ ޑޮލަރު ޖަމާކޮށްދިން ކަމަށް ވިދާޅުވެ މޫސާ މަނިކު އޭސީސީއަށް ފޮނުއްވި ސިޓީއާ ގުޅިގެން ''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން އަސްވާޑު ވިދާޅުވީ އޭނާގެ އެކައުންޓެއް އޮންނާނީ ހަމައެކަނި ބީއެމްއެލްގައި ކަމަށާއި އޭނާގެ އެކައުންޓުން ދުވަހަކުވެސް މޫސައަށް ފައިސާ ޖަމާކޮށްދީފައި ނުވާނެ ކަމަށެވެ.

އަދި މޫސަ އެ ވިދާޅުވާ ދުވަސްވަރު އޭނާ ސިންގަޕޫރަށް ނުދާ ކަމަށާއި މޫސަ އޭނާއަށް ޗެކެއްވެސް ދީފައި ނުވާކަމަށް އަސްވާޑު ވިދާޅުވިއެވެ. އަސްވާޑު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ބޭންކު އެކައުންޓުގެ މައުލޫމާތު އޭސީސީއާ ހިއްސާކުރަން ނިންމާފައިވާ ކަމަށެވެ.

''އަޅުގަނޑުގެ އެކައުންޓަށް އެސްއޯއެފްއިން ލޯ ލާރިއެއްވެސް އަދި އެހެން މީހެއްގެ އެކައުންޓަށް އެއްލައްކަ ޑޮލަރުވެސް އަޅުގަނޑުގެ އެކައުންޓަކުން ފޮނުވާފައެއް ނޯންނާނެ.'' އަސްވާޑުގެ ޓުވީޓުގައި ވިދާޅުވިއެވެ.

މޫސަގެ ވާހަކަތައް ދޮގު ކުރައްވައި އަސްވާޑް ވިދާޅުވީ ހިޔާނާތާ އަބަދުވެސް ދެކޮޅު ކަމަށެވެ.

އެސްއޯއެފުން މޫސާ މަނިކުގެ އެކައުންޓަށް އެއް ލައްކަ ޑޮލަރު ޖަމާވި ކަމަށް ބަޔާންކޮށް އޭސީސީން ނެރެފައިވާ ރިޕޯޓާ ގުޅިގެން މޫސަ ވިދާޅުވީ، އޭނާގެ އެކައުންޓަށް ވަދެފައިވާ ކަމަށް ބަޔާންކޮށްފައިވާ އެއް ލައްކަ ޑޮލަރު ޖަމާ ކުރީ އިބްރާހީމް ވަހީދު (އަސްވާޑް) ކަމަށެވެ.

އަދި އެއީ އަސްވާޑާއި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު އަލަށް ޓީވީ ޗެނަލެއް ހަދަން ބޭނުންވެގެން ހިންގެވި މުއާމަލާތެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް މޫސަ އޭސީސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ޓީވީ ޗެނަލަކަށް ބޭނުންވާ އިކުޕްމަންޓްތައް ސިންގަޕޫރުން ގަންނަން ބޭނުންވެ ސިންގަޕޫރަށް ފުރަންޖެހިއްޖެ ކަމަށާއި، ސިންގަޕޫރުގައި އެކައުންޓެއް ނެތުމުން ފައިސާ ޓްރާންސްފާކޮށް ފިހާރަތަކުން އިކުއިޕްމަންޓްތައް ގަނެވޭނެ ގޮތެއް ނެތްކަމަށް މޫސައާއި ބައްދަލުކޮށް އަސްވާޑު ބުނުމުން މޫސަގެ ބީއެމްއެލް އެކައުންޓް ނަންބަރު އަސްވާޑަށް ދެއްވި ކަމަށެވެ.

މޫސަގެ ސިޓީގައި ބުނެފައި ވަނީ، މޫސަގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން ސިންގަޕޫރުން އެއަދަދަށް އެމީހުންނަށް ފައިސާ ދޭނެ ކަމަށް ބުނުމުން 08 މާޗު 2015ގައި އަސްވާޑު މޫސަގެ އެކައުންޓަށް އެއްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކޮށްފައި ވަނީ އިންޓަނެޓު ބޭންކު މެދުވެރިކޮށް ކަމަށް ވާތީ، އެ ފައިސާ ޖަމާކުރީ އަސްވާޑުގެ އަމިއްލަ އެކައުންޓުން ކަމަށް ނިންމަވައިގެން ހުންނެވީ ކަމަށް ވެސް މޫސަގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.