ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހުއްދި ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު އަލުން ގޯއްޗަށް އެދި ފޯމު ހުށަހެޅޭނެ ކަމަށާއި ހައުސިން މިނިސްޓްރީގެ މަސްއޫލިއްތަކީ ގަންނާނެ ފަރާތްތައް ހޯދުން ކަމަށެވެ. އަދި ގޯތި ވިއްކުމުގެ މަސައްކަތް ކުރާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމަށެވެ.
"އޭސީސީން މިހާރު ވަނީ އެ މަސައްކަތް ފަށަން ހުއްދަދީފައި. އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ގޯތި ގަންނާނެ ފަރާތްތައް ހޯދުން. ގޯތި ވިއްކުމުގެ މަސައްކަތް ކުރާނީ އެޗްޑީސީން. އަޅުގަނޑުމެން ގުރުއަތު ނަގާނީ ވަރަށް ދެ ފުށް ފެންނަ ގޮތަކަށް،" ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގޯއްޗަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 މީހުން ހޮވުމަށް ގުރުއަތު ނަގާނީ ދަރުބާރުގޭގައި އޮންނަ ރަސްމިއްޔާތެއްގައި ކަމަށާއި ޖާގަ އޮންނަ ވަރަކުން އެތަނަށް އާންމުންނަށް ވަދެވޭނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތު ޓީވީން ލައިވް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ގޯތި ވިއްކުމަށް ނިންމިކަން އިއުލާންކުރިތާ މާ ގިނައިރުތަކެއް ނުވަނީސް، އޭސީސީން ވަނީ އެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އަންގައިފައެވެ.
އޭސީސީން އެކަން ހުއްޓުވާފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތައް ބެލިބެލުމުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި، އަދި ކޮރަޕްޝަނަށް މަހުފަހުވާ ފަދަ ކަންތައްތަކެއް ތުހުމަތު ކުރެވިފައިވާތީ އޭސީސީން އެ މައްސަލަ ބެލުމަށް ނިންމާފައިވާތީ ކަމަށް ބުނެއެވެ.