ޝަހީދާ އަބްދުﷲ ސައީދު
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމުން ކުރަމުންދާ މަސައްކަތަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާރިޔާ އަހުމަދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތްއިރު ޕީޕީއެމުން އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ މާރިޔާ މަގާމާއި ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކަމަނާ އެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވާފައިވަނީ ތައުރީފު ހައްގުވާ މިންވަރަކަށް ކަމަށެވެ.
''ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ނަގަހައްޓަވައި، ދިވެހި ސިފައިންގެ ގަދަރާއި ޝަރަފު އުފުއްލަވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓެވުމުގެ ހަރުދަނާ މަސައްކަތްޕުޅުތައް އެކަމަނާ ކުރައްވައިފައިވަނީ ފާހަކުރަންޖެހޭ މިންވަރަކަށެވެ.'' އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އަދި މާރިޔާގެ މައްޗަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓުދެއްވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މަޖިލީހުގެ އެހެން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވެސް މާރިޔާގެ އިތުބާރު އޮތްކަމަށް ވޯޓް ދެއްވާނޭކަން ޔަގީންކުރާ ކަމަށެވެ.
މިނިސްޓަރު މާރިޔާގެ އިތުބާރުނެތް މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ޕީޕީއެމްއާ ޕީއެންސީ ކޯލިޝަނުން އިއްޔެ ވަނީ ބުނެފައެވެ.