އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި އާދީއްތަ ދުވަހުގެ ރޭ މިސްރާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން ސެނެގޯލް މޮޅުވި މޮޅުވުމަކީ އެފްރިކާގެ ފުޓްބޯޅައިގެ އައު ބާބެއްގެ ފެށުމެވެ. ސެނެގޯލަށް ވަރަށްވެސް ތާރީޚީ ކާމިޔާބީއެކެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސަކީ އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ސަރަހައްދީ ފުޓްބޯޅަ މުބާރާތެވެ. ގައުމީ ޓީމުތައް ވާދަކުރާ ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގެ ތެރެއިން ވޯލްޑްކަޕާއި ޔޫރޯ އާއި ކޮޕާ އެމެރިކާ ނަގާފައި ދެން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެންމެ މަގްބޫލު މުބާރާތަކީ އެފްރިކާ ކަޕް އޮފް ނޭޝަންސް ނުވަތަ އެފްކޮންއެވެ. މިފަހަރު ކެމެރޫންގައި ބޭއްވުނީ މިސިލްސިލާގެ 33 ވަނަ މުބާރާތެވެ.
އެފްކޮންގެ އެންމެ ފުރަތަމަ ފުރަތަމަ މުބާރާތް ބޭއްވުނީ 1957 ގައެވެ. އެ މުބާރާތުގައި އެއަހަރު ވާދަކުރީވެސް އެންމެ ތިން ގައުމެވެ. އެއީ މިސްރާއި ސޫދާނާއި އިތިއޮޕިޔާއެވެ. މިއީ އޭގެ ކުރީ އަހަރު އެފްރިކާގެ ފުޓްބޯޅައިގެ ސަރަހައްދީ ޖަމިއްޔާ ނުވަތަ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އުފަންވުމާއެކު ފީފާގެ ބާރުއެޅުމާއި އިސްނެގުމުގެ މަތިން ބޭއްވުނު މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާން ހަމަޖެހުނީ ސީއޭއެފްގެ ހަތަރު މުއައްސިސުންނެވެ. ހަތަރުވަނަ ގައުމަކީ ކުރިން ދެންނެވުނު ތިން ގައުމުގެ އިތުރަށް ދެކުނު އެފްރިކާއެވެ. ދުވަސްވަރަކީ ދެކުނު އެފްރިކާގައި ނަސްލީ އިމްތިޔާޒުގެ އުސޫލުތައް ދެމެހެއްޓި ޒަމާނެވެ.
ދެކުނު އެފްރިކާ ތަމްސީލުކުރާނީ މުޅިންވެސް ދޮން ކުޅުންތެރިން ކަމަށް އެގައުމުން ނިންމި ހިސާބުން އަނެއް ތިން ގައުމު އެއްބަސްކިޔާފައި މުބާރާތުން ދެކުނު އެފްރިކާ ބޭރުކޮށްލީއެވެ. މުބާރާތް ބޭއްވުނީ އިތިއޮޕިޔާގައެވެ. ކުޅުނީ އެންމެ ދެ މެޗެވެ. އެއީ ސެމީ ފައިނަލްގެ އެއްމެޗާއި ފައިނަލް މެޗެވެ. މުބާރާތް ބޭއްވުނު ގައުމު އޮތީ މެޗެއް ނުކުޅެ ފައިނަލަށް ހޮވިފައެވެ. ފައިނަލްގައި އިތިއޮޕިޔާގެ މައްޗަށް ކުރިހޯދީ މިސްރެވެ. މިސްރަކީ މުޅި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ގައުމެވެ. މުޅިއެކު ދިހަ ފަހަރު ފައިނަލް ކުޅެގެން ހަތް ފަހަރު މިސްރުން ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. މިސްރު ނަގާފައި ދެން އެންމެ ކާމިޔާބު ގައުމަކީ ފަސްފަހަރު ތަށި އުފުލާލާފައިވާ ކެމެރޫނެވެ.
އެފްކޮން ކުރީގައި ބާއްވަމުން އައީ ފަސޭހަވީ އަހަރެއްގައެވެ. އެހެންނަމަވެސް މިހާރު ބާއްވަމުން އަންނަނީ ކޮންމެ ދެ އަހަރަކުން އެއްއަހަރުގައެވެ. މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރެވޭ އަދަދު އިތުރުވަމުން އިތުރުވަމުން އައިސް އެ އަދަދަކީ މިހާރު ސައުވީހެވެ. ފައިނަލް ބުރުގައި ވާދަކުރެވެނީ ކޮލިފިކޭޝަން ބުރެއްގައި ވާދަކޮށް ކޮލިފައިވެގެންނެވެ. މި މުބާރާތުގައި ކުޅުމުގެ ޝަރުތު ހަމަވާ 54 ގައުމު އޮންނައިރު އަދި ދުވަހަކުވެސް މުބާރާތަށް ކޮލިފައިނުވާ ދިހަ ގައުމު އެބައޮތެވެ. އޭގެތެރޭގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި ޗާޑާއި ސޮމާލިޔާއާއި ދެކުނު ސޫދާނާއި އެރީތުރިޔާ ފަދަ ބޮޑެތި ގައުމުތައް ހިމެނޭއިރު ސީޝެލްސް އާއި ލެސޯތޯ އާއި އެސްވަޓީނީ އާއި ޖިބޫޓީ ފަދަ ކުދި ގައުމުތައް ވެސް ހިމެނެއެވެ.
އެފްކޮން ފޯރިގަދަވުމުގެ އެއްސަބަބަކީ އެފްރިކާގެ ދޮން ގައުމުތަކާއި ކަޅު ގައުމުތަކުގެ ވާދަވެރިކަމެވެ. ދޮން ގައުމުތަކަކީ އެފްރިކާގެ އެންމެ އުތުރުބިތުގައިވާ އަރަބި ގައުމުތަކެވެ. މިސްރާއި ލީބިޔާ އާއި ޓިއުނީޝިޔާ އާއި އަލްޖީރިޔާ އާއި މޮރޮކޯއެވެ. މިހުރިހާ ގައުމުތައްވެސް ވަނީ ފައިނަލްގައި ކުޅެފައެވެ. ލީބިޔާ ފިޔަވައި އަނެއް ހަތަރު ގައުމު ވަނީ ތަށިވެސް ހޯދައިފައެވެ. ކަޅު ގައުމުތަކަކީ ސާހިލްގެ ގައުމުތަކުން ފެށިގެން ކޮންޓިނެންޓްގެ ދެކުނަށް ދެންހުރި ހުރި ގައުމުތަކެވެ. ކެމެރޫނާއި ގާނާޔާއި އައިވަރީކޯސްޓާއި ނައިޖީރިޔާ ފަދަ ގައުމުތަކެވެ. ވަރަށް ފަހަކާ ހަމަޔަށްވެސް މި މުބާރާތުގައި އަރަބި ގައުމުތަކާ އެންމެ ބޮޑަށް ވާދަކުރަމުން އައީ ކުރިން މިދެންނެވި ކަޅު ހަތަރު ގައުމެވެ.
ގާނާޔާއި ކެމެރޫނާއި ނައިޖީރިޔާ އާއި އައިވަރީ ކޯސްޓުގެ ގިންތީގައި މިހާރު ސެނެގޯލް ވަނީ ހިމެނިފައެވެ. މިފަހަރު ސެނެގޯލަށް ތަށި އެލިބުނީ އަލަށެވެ. އެކަމަކު އެއީ ތިން ފަހަރު ފައިނަލް ކުޅެގެންނެވެ. ސެނެގޯލް މިހާތަނަށް ކުޅުނު ތިން ފައިނަލާވެސް އެގައުމުގެ ކޯޗް އަލިއޫ ސީސާ ވަނީ ގުޅިފައެވެ. އެންމެ ފުރަތަމަ މީގެ ވިހި އަހަރު ކުރިން މުބާރާތުގެ ފައިނަލްގައި ކެމެރޫނާ ދެކޮޅަށް ސެނެގޯލް ނިކުތްއިރު ކެޕްޓަނަކީ އަލިއޫ ސީސާއެވެ. ބަލިވުމުގެ ސިއްރަކީ ޕެނަލްޓީ ޝޫޓްއައުޓްގައި ކެޕްޓަން ސީސާގެ ޕެނަލްޓީ ނާކާމިޔާބުވުމެވެ. ދެން މުބާރާތުގެ ފައިނަލްގައި ސެނެގޯލް 2019 ވަނަ އަހަރު އަލްޖީރިޔާއާ ދެކޮޅަށް ނިކުމެ ބަލިވީއިރު ކޯޗަކީ އަލިއޫ ސީސާއެވެ. އަދި އޭގެ ދެއަހަރު ފަހުން މިފަހަރު ސެނެގޯލަށް މިތަށި މުޅިން އަލަށް އެހޯދައިދިނީވެސް އަލިއޫ ސީސާގެ ކޯޗުކަމުގެ ދަށުން އޭނާއެވެ.