ސިއްހަތު

އެސްތުމާ: އެއީ ބާކީކޮށްލަން ޖެހޭ މީހެއް ނޫން، ފަރުވާބަހައްޓައި ދެކޭގޮތް ބަދަލުކުރަން ޖެހޭ

މަރިޔަމް ޝަފާ އިބްރާހިމް

ދިވެހިރާއްޖެއަކީ ފުއްޕާމޭގެ އެކި ބަލިތައް ގިނަ ގައުމެކެވެ. އޭގެ ތެރޭގައިވެސް، ނޭވާލުމުގެ ނިޒާމަށް ޖެހޭ އެސްތުމާ ނުވަތަ ނޭވައަށް އުނދަގޫކުރާ ބަލި، ނޭވާހިއްލުމާއި ސީއޯޕީޑީ، މިއީ ވަރަށް އާންމު ދެ ބައްޔެކެވެ. އެސްތުމާ (ނޭވާހިއްލުން)އާއި ސީއޯޕީޑީއަކީ މުޅީން އެއްކަހަލަ ކަންތަކެއް ހިމެނޭ އެހެންނަމަވެސް ދެ ބައްޔެކެވެ. ދިގުދެމިގެންދާ އޮޅުންބޮޅުން ބޮޑު މި ބަލިތަކާ މެދު އާންމުންގެ ހޭލުންތެރިކަން، ބަލި އޮތް ވަރާ އަޅައި ކިޔާލާއިރު ނިސްބަތުން ވަރަށްވެސް ކުޑައެވެ. ހަމައެހެންމެ ގިނަ މީހުންނަށް ހީވެފައި އޮންނަނީ އެސްތުމާ އަދި ސީއޯޕީޑީ އަކީ އެއްބައްޔަކަށް ކިޔާ ދެ ނަން ކަމެވެ. އަދި ބައެއް ފަހަރު މިބަލި ހުންނަ މީހުން މުޅީން އެހެން ބައްޔެއްގެ ނަމުގައި ބަދުނާމުކޮށް ފާޑުކިޔައި އެމީހުން އެކަހެރިކުރެވިފައި އެބަހުއްޓެވެ. މިގޮތުން ނޭވާ ހިއްލުން ނުވަތަ ސީއޯޕީޑީ ހުންނަ މީހުންނަކީ ވަރަށް އާންމުކޮށް ދިގުދެމިގެންދާ ކެއްސުން ހުންނަ ނޭވާ ލުމުގައި އަޑެއް ހުންނަ ރޯގާ ޖެހުން އަވަސް ބައެކެވެ. އެހެންކަމުން މިފަދަ މީހުންނާ މެދު 'ޓީބީ' ޖެހިފައޭ ބުނެ އެކަހެރިކޮށް ބާކީކޮށްލެވިފައި އެބަހުއްޓެވެ.

އިންސާނާގެ ހަށިގަނޑަކީ އަޖާއިބުން ފުރިފައިވާ ހޯދުންތައް ގިނަ ކުޅަދުންވަންތަ އުފެއްދެވުމެކެވެ. ސައިންސުގެ އަލީގައި އިންސާނާގެ ހަށިގަނޑާ ބެހޭ އެތައް ގިނަ ހޯދުންތަކެއް ހޯދި ގިނަ ތަހުލީލުތަކެއް ކުރެވިފައިވާ އިރު، އަދިވެސް އަޖައިބުކުރުވަނިވި އިތުރު ހޯދުންތައް އަންނަނީ ހޯދަމުންނެވެ. ހޯދަން ހުރި ކަންތަކާއި ދެނެގަންނަން ހުރި ކަންތައް މާގިނަވެސް މެއެވެ. މި ހަށިގަނޑުގައި އެކި މަސައްކަތް ކުރާ ތަފާތު ނިޒާމުތައް ހުރެއެވެ. މި ހުރިހާ ނިޒާމުތަކެއްގެ މަސައްކަތް ކުރުމަށް ބޭނުންކުރާ އޮކްސިޖަނަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ މައިގަނޑު އަސާސެވެ. މި އޮކްސިޖަން ބޭނުންކޮށްގެން އިންސާނާގެ ނޭވާލުމުގެ ނިޒާމު މަސައްކަތް ކުރާ ގޮތާއި އެ މަސައްކަތަށް އެއްވެސް އުނިކަމެއް އަތުވެއްޖެނަމަ ވާނެ ގޮތް ދެނެގަތުމަކީ ވެސް ބައްޔާބެހޭ ގޮތުން ހޭލުންތެރިވުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެކަން ގައިމެވެ. ނޭވާލުމުގެ ނިޒާމުގައި ތަފާތު ގުނަވަންތައް ހިމެނެއެވެ. މިއިން ކޮންމެ ގުނަަވަނަކަށް ދެވިފައިވަނީ ތަފާތު މަސައްކަތެކެވެ. އެ މަސައްކަތްތައް ފުރިހަމަ ވުމުން އިންސާނާއަށް ފުރިހަމައަށް ނޭވާ ލެވެއެވެ. އަދި އެއިން މަސައްކަތަކަށް އުނިކަމެއް އަތުވެއްޖެނަމަ ނޭވާލުމަށްވެސް ދަތިތަކެއް ކުރިމަތިވެއެވެ.

ދުވާލަކު އެތައްހާސް ފަހަރަކު ނޭވާލުމަށް ބޭނުން ކުރާ ނޭފަތާއި، ނޭފަތުން އެތެރެއަށް ނެގޭ ވައި ފުއްޕާމެއާ ހަމައަށް ގެންދާ ނޭވާލާ ހޮޅިތަކުގެ މަސައްކަތްވެސް އެހާ ފުރިހަމައެވެ. ނޭފަތުން އެތެރެއަށް ވައިގެންދާ އިރު، އޭގައި ހިމެނޭ ތަފާތު ހިރަފުސްތަކާއި ބޭކާރު ޖަރާސީމުތައް ފުރޭނުމަށްފަހު ސާފު އޮކްސިޖަން ފުއްޕާމެއަށް ފޮނުވުމުގެ ދައުރުވެސް އަދާކުރެއެވެ. ނޭފަތުންލާފައި މި ވައި ދަތުރުކުރަނީ ކަރުގެ ތެރެއިންނެވެ. ނޯށުންލާފައި އަޑުފޮށި ތެރެއިން އަންނަ އޮކްސިޖަން ދަނީ ވިންޑްޕައިޕަށެވެ. ވިންޑްޕައިޕް ބެހޭ ދެހޮޅިން ފުއްޕާމެއަށް އެ ވައި ފޯރުކޮށްދެއެވެ. މި ހޮޅިތައް ދެން ފެތުރިގެންދަނީ ބްރޮންކިއުލައިން ކިޔާ، ފުއްޕާމޭ ތެރޭގައި އެތަކެއް ގޮފިތަކަކަށް ބެހިގެން ގޮސްފައިވާ ކުދިކުދި ހޮޅިތަކަކަށެވެ. އަދި މި ގޮފިތައް ފުޅާވެ، އެލްވިއޮލައި ކުދިކުދި ބޮކިތަކަކަށް ބަދަލުވެގެންދެއެވެ. ނޭވާލާ ނިޒާމު އިންސާނާގެ އެތެރެހަށްޓަށް ބޭނުންވާ އޮކްސިޖަން އެތެރެކޮށްދޭ ގޮތަށް އިންސާނާގެ އެތެރެހަށީގައި އެކިއެކި މަސައްކަތްތައް ކުރުމުގެ ސަބަބުން އުފެދޭ ބޭކާރު ހަކަތައެއް ކަމަށްވާ ކާބަންޑިއޮކްސައިޑު ހަށިގަނޑުން ބޭރުކޮށްދެއެވެ.

އެސްތުމާ، ނުވަތަ ނޭވަޔަށް އުނދަގޫކުރުން/ ނޭވާ ހިއްލުމަކީ ކޮބާ؟

ހަށިގަނޑުގެ މި މުހިންމު ރޯލުތައް ކުޅެދޭ ނޭވާ ހޮޅިތަކުގެ މަސައްކަތް ކުރުމަށް ބުރޫ އަރާ އެއްވެސް ކަމެއް ދިމާވެއްޖެނަމަ އިންސާނާގެ ހަށިގަނޑުގެ ހުރިހާ ދިމާއަކަށް އޭގެ އަސަރު ކުރެއެވެ. އެގޮތުން ނޭވާލުމުގެ ނިޒާމަށް ޖެހޭ ނޭވާއަށް އުނދަގޫކުރުން ނުވަތަ ނޭވާ ހިއްލުން/ އެސްތުމާއަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. މިއީ ބްރޮންކިއުލް ޓިއުބުތައް ދުޅަވެ ނޭވާލާން އުނދަގޫވުމުން ކުރިމަތިވާ ބައްޔެކެވެ. މި ބަލީގައި އެންމެ ފުރަތަމަ މި ބްރޮންކިއުލްޓިއުބުތައް ދުޅަވެ ދަވައެއް އުފެދެން ފަށައެވެ. އަދި ވަށައިގެންވާ މަސްތައް ބާރުވެ ފަސޭހަކަމާއެކު ހޮޅިތަކުން ވަޔަށް ދަތުރު ނުކުރެވޭ ގޮތްވެއެވެ. މިކަމުގެ ސަބަބުން ނޭވާ ކުރުވެ ބެދިފައިވާ ހޮޅިތަކުން ނޭވާ ދަތުރުކުރާއިރު ޒޫންއަޑެއް ކިޔައެވެ. މި އަޑަށް "ވީޒް"ކިޔައެވެ.

އެންމެ ކުޑައިރުން ފެށިގެން އުމުރުގެ އެންމެ ފަހާ ހަމައަށްވެސް މި ބަލި ދިގުދެމިގެން ގޮސްފައި އެބަހުއްޓެވެ. އަދި ބައެއް ފަހަރު ޅައުމުރުގައި މި ބަލި ތަހައްމަލުކޮށްފައި އުމުރުގެ ވަކި ހިސާބަކުން މި ބަލިން މުޅިން ސަލާމަތްވެސްވެއެވެ. ހަމައެހެންމެ ބައެއް ފަހަރު އުމުރުގެ ކުރީކޮޅުގައި މި ބަލީގެ އެއްވެސް އަލާމާތެއް ނުފެނި، ވަރަށް ސިއްހަތު ރަނގަޅުކޮށް ހުރި މީހަކު އުމުރުގެ ވަކި ހިސާބަކުން މި ބަލި ހުންނަ މީހަކަށްވެސް ވެދެއެވެ.

ނޭވާ ހިއްލުން ނުވަތަ ނޭވައަށް އުނދަގޫ ކުރުމަކީ މައިގަނޑު ގޮތެއްގައި، ބައެއް ސަބަބުތަކަކާ ހެދި ނޭވާލާ ހޮޅިތައް ކޮންމެވެސް ވަރަކަށް ފިތޭގޮތްވުމެވެ. ނޭވާލާ ހޮޅިތައް ފިތުން ނުވަތަ ހިމަވުމާ ގުޅިގެން ވައި ވަންނަން ޖެހޭ ވަރަށް ހަށިގަނޑުގެ ތެރެއަށް، ނުވަތަ ފުއްޕާމޭގެ ތެރެއަށް ނުވަދެއެވެ. މިހެން ވުމުގެ ސަބަަބުން މިހެން މި ދިމާވާ މީހާއަށް އެކަށީގެންވާ ވަރަށް ވައި ނުލިބުން ނުވަތަ އޮކްސިޖަން ނުލިބޭ ކަހަލަ އިހުސާސްތަކެއް ކުރުވައެވެ. ނޭވައަށް އުނދަގޫކުރުން ނުވަތަ ނޭވާހިއްލުމޭ މިކިޔަނީ އެފަދައިން އެކަށީގެންވާ ވަރަށް އޮކްސިޖަން ނުވަތަ ވައި ނުލިބޭކަމުގެ އިހުސާސް ނުވަތަ ތިމާއަށް އެކަށީގެންވާ ވަރަށް ވައި ނުލިބުމުގެ ސަބަބުން ހާސްވާގޮތް ވުމަށެވެ.

ކުއްލިއަކަށް ނޭވާ ހިއްލުން ގޯސްވުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި:
  • ކެއްސުން (ހާއްސަކޮށް ރޭގަނޑު)
  • ނޭވާލާ އިރު ތޫލި އަޑެއް ހުރުން
  • ނޭވާ ކުރުވުން
  • ނޭވާލާން އުނދަގޫވުން
  • މެޔަށް ވާންވެ، ފިތި ތަދުވުން
  • ދިރިއުޅުމުގައި އާންމުކޮށް ކުރާ މަސައްކަތްތައް ފުރިހަމަކުރަން އުނދަގޫވުން

ދުނިޔޭގެ ނޭވާ ހިއްލުމާ ބެހޭ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެނީ މޭ މަހުގެ ފަސްވަނަ ދުވަހެވެ.

"އެންމެ ފުރަތަމަ ހަމަ ވަރަށް ފިޓުމީހެއް މިއީ. ދުވަހެއްގައިވެސް ނޭވާގެ އެއްވެސް ކަމެއް، މި ބުނީ އުނދަގުލެއް ނުވޭ. ހަމަ ކުއްލިއަކަށް މިކަމެއް ވީ. ވީއިރު ވީ ވަރަށް ބޮޑުވަރު. އަސްލު ނޭނގި ހުރެގެން ގޮސް މީހާ މަރާ ހަމައަށް ދިޔައީ. ނިއުމޯނިޔާ ޖެހުނީ. ހޭވެރިކަން ވީއިރު އޮތީ އައިސީޔޫގައި. ރަނގަޅަށް ކަންތައްތައް ފަހުމުވާވަރު ވީއިރު މިއީ ބްރޮންކަލިސް އެސްތުމެޓިކް ޕޭޝަންޓެއް،"

އުމުރުން 19 އަހަރުގެ ޒުވާނަކު އޭނާއަށް ދިމާވި ގޮންޖެހުންތަކާއި ހައްލުކުރަން ދަތިވި ކަންތައްތަކާ ކުރިމަތިލީ ގޮތް 'ވަން' އަށް ކިޔައިދިނެވެ.

"ހުރިހާ ރައްޓެހިން ރަނގަޅެކޭ ނުބުނެވޭނެ. އެކަމަކު ބައެއް މީހުން އެހީވި. އަބަދު ކެއްސާތީވެ ޓީބީއޭ ކިޔައި ބާކީކޮށްލި. އެއް ސުފުރާ މައްޗަށް ކާންވެސް ނާރާނެ. ޖޮބްވެސް ގެއްލުނީ. ފާޑަކަށް ކެއްސާފަ ނޭވާ ކުރުވެފައި ނޭވާލާއިރު އަޑެއް ކިޔާތީ ނުބައި ބައްޔެއް ހުރި މީހެކޭ ކިޔާ މަގު ހިނގުމަށްވެސް ދަތިކުރި،"

އަދުގެ ތަރައްގީވެފައި އޮތް ރާއްޖޭގައި ހޭލުންތެރިކަން މިހާވަރަށް ކުޑަވި ވާހަކަ އިވުމުން ކޮންމެ މީހަކުވެސް ހައިރާންވާނެއެވެ. ނަމަވެސް މިއީ ހަގީގަތެވެ. އަދިވެސް މިހާރުވެސް އިންހޭލާ ބޭނުންކުރާ ބައެއް މީހުން ނުވަތަ ބައެއް ކުދިން އެ ބޭނުންކުރަނީ މުޖުތަމައުގެ އެހެން މީހުންނަށް ސިއްރުންނެވެ. އެއީ ދެވިހިފާ އެއްޗެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބަޔަކު "ބޮޑުގުންބާ ބޭނުންކުރުން" ބަލަނީ އެއީ ގައިންގަޔަށް އަރާ ނުބައި ބައްޔެއްގެ ގޮތުގައެވެ.

"ވަރަށް ދެރަވި. އޭރު ހަމަ ހިތަށް އަރާ އެއްވެސް މީހަކަށް ނުފެންނަ ގޮތަށް ފިލަންވީއޭ. ނަފުސާނީ ބައްޔަކަށްވި. ވަރަށްބޮޑަށް ހިކުނީ، އަބަދު ނެބިއުލައިޒް ކުރަން ޖެހެެނީ. އެކަމަކު އިރާދަކުރެއްވީތީ މިހާރު ކެރިހުރެ ބުނާނަން، ކުރިމަތިލާނަން. ފިރިމީހާގެ އިތުރުން ޑޮކްޓަރު މުހައްމަދު އަލީ އާއި ޑޮކްޓަރު މޫސަ ދިން ހިތްވަރާއި ނަސޭހަތާއި އެހީ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ،"

ޑރ. މުހައްމަދު އަލީ އަކީ މި ދާއިރާއިން ވަރަށް ގިނަ މައުލޫމާތު އެބޭފުޅާގެ އަމިއްލަ ޕޭޖުގައި ހިއްސާކުރެއްވުމުގެ މަސައްކަތްވެސް ކުރައްވާ އެތެރެހަށީގެ ޑޮކްޓަރެކެވެ. "ފުއްޕާމޭގެ ބަލިތަކާ ބެހޭ ހުރިހާ ޑޮކްޓަރުންވެސް ވަރަށް ރަނގަޅު،"

މިހާރު ގޭގައި އަމިއްލަ ކެފޭއެއްގެ ވިޔަފާރި ހިންގާ މި ހީވާގި ޒުވާން އަންހެން މީހާއަކީ މީގެ ދިހަ އަހަރު ކުރިން ފުއްޕާމޭގެ ބައްޔެއް ޖެހުނުކަން ނޭނގި އާދައިގެ ކެއްސުން ބައްޔަށް 'ކަފްސިރަޕް' ބޯން ޖެހުނު މީހެކެވެ. "ޑޮކްޓަރ ދެއްވީ ކަފްސިރަޕާއި ޕެނެޑޯލް. ސިއްހީ މަރުކަޒުގައި ހުރީ އެ ޑޮކްޓަރު އެކަނި.،"

ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ނިސްބަތްވާ މި ޒުވާނާ މާލެ އައީ ވަރަށް ހާލު ދެރަވެ އެ ބަލީގައި އަހަރު ދުވަސްވަންދެން ވާނުވާ ނޭނގި އުޅުމަށްފަހުގައެވެ. ރަށުން ބޭރު މާދުރު ރިސޯޓެއްގައި ހުރި ފިރިމީހާއަށް ރަށަށް ދެވުމާއެކު މާލެ ގެނެވުނެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނުއިރު ދަތުރުމަތީގައި ހާލުދެރަވެ އައިސީޔޫއަށް ލާން ޖެހުނެވެ.

"ނޭވާ ހިއްލުުމުގެ ބަލި އާއިލާގެ ތެރެއިން ވާރުތަވެގެންވެސް ޖެހިދާނެ. ހައިޕާ އެކްޓިވް އެއާވެއި ޑިޒީޒަސްއަކަށްވެސް ވެދާނެ. ކުޑައިރު ކާއެއްޗަކަށް ނުވަތަ އެހެންވެސް އެއްޗަކަށް އެލާޖިކުވާ ކުުއްޖަކު އޭގެ ސަބަބުން އެސްތުމާއަށް އެބަދޭ. ބައެއް ފަހަރު އެސްތުމާ ބަދަލުވެގެން އެބަދޭ ރިވާޒަބަލް ނުވާ ވައްތަރަކަށް. ނުވަތަ އެސްތުމާ ސީއޯޕީޑީ އޯވާލެޕްއަކަށް އެބަ ބަދަލުވޭ. މައިގަނޑުކޮށް އެލާޖިކުވުން، އާއިލީގޮތުން ވާރުތަވުން. ވަރަށް ބޮޑު ރޯލެއް އޮވޭ އާއިލާގައި މި ބަލި ހުންނަ މީހަކު ހުރުން. ކެމިކަލް ރިއެކްޝަނަކާ ހެދި ނޭވާ ހޮޅިތައް ފިތެނީ އެކަމަކު މި ނޭވާ ހޮޅިތައް ހުޅުވޭގޮތަށް، ބައެއް މީހުން ހާއްސަކޮށް އަންހެނުން، ހޯމޯނަލް ބަދަލަކާ ހެދި ނޭވާ ހިއްލުމަކަށް އެބަދޭ،"

އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ އެސްތުމާއާ ބެހޭ ގޮތުން ދެއްވާފައިވާ މައުލޫމާތެއްގައިވެއެވެ.

ކިތަންމެ ފަރުވާތެރިކަމާއެކު އުޅޭ މީހަކަށްވެސް އެސްތުމާ އެޓޭކެއް އައުމަކީ ވެދާނެ ކަމެކެވެ. އެހެންވާން ޖެހެނީ އެލާޖިކުވާ ކަހަލަ ކާއެއްޗެއް ނުވަތަ ވަހެއް ނުވަތަ އުނދަގޫވާ ކަހަލަ ކަމެއް ދިމާވުމުންނެވެ. އެސްތުމާ ހުންނަ ބައެއް ބަލިމީހުންނަކީ ފާޑުފާޑުގެ ކަންތަކަށް ފޯބިއާ ހުންނަ މީހުންކަމުން އެފަދަ ކަމެއް ދިމާވެއްޖެނަމަ އަންނަ ޕެނިކް އެޓޭކެއްގެ ސަބަބުން އެސްތުމާ އެޓޭކެއް ޖެހިދާނެއެވެ. މިފަދަ ކަމެއް ވެއްޖެ ހާލަތެއްގައި ނޭވާއަށް އުނދަގޫވެ މީހާ ހާލު ދެރަނުވަނީސް އެންމެ އަވަހަށް ދެވެން އޮތް ފަރުވާއަަކާ ހަމައަށް ނުވަތަ އެންމެ ގާތުން ލިބެން ހުރި ޑޮކްޓަރީ ފަރުވާއެއް ލިބިގަންނަން ޖެހޭނެއެވެ. އެހެންނޫންނަމަ ފުރާނައަށް ނުރައްކާވުން ދުރެއް ނޫނެވެ.

ސީއޯޕީޑީ އާއި އެސްތުމާގެ ގުޅުމަކީ ކޮބާ؟

ނޭވާ ހިއްލުމަކީ ދިމާވާ ކަންތައްތަކުގެ ސަބަބުން ނޭވާލާ ހޮޅިތައް ފިތޭ ގޮތްވުމެވެ. ނަމަވެސް އެސްތުމާ ނުވަތަ ނޭވާ ހިއްލުމުގައި ނޭވާލާ ހޮޅިތައް ފިތުނަަސް އެ ހޮޅިތައް ހުޅުވެއެވެ. އެހެންނަމަވެސް ސީއޯޕީޑީއަކީ ދުމެއްގެ އަސަރު ކުރުމުން ނޭވާ ހޮޅިތައް ނުހުޅުވޭ ގޮތަށް ފިތޭ ގޮތްވުމެވެ. ސީއޯޕީޑީ ހުންނަ މީހަކަށް އެސްތުމާ ޖެހިއްޖެނަމަ އޯވަލެޕް އަކަށް ބަދަލުވީއެވެ.

އެސްތުމާ ނުވަތަ ނޭވާ ހިއްލާ ބަލި ހުންނަނަމަ:
  • ބަރާބަރަށް ގަވާއިދުން ދެވިފައިވާ އިންހޭލާ ބޭނުން ކުރާށެވެ. އިންހޭލާއަކީ އެއްވެސް ހާލެއްގައި ދެވިހިފާ އެއްޗެއް ނޫނެވެ. އަދި ނުރައްކާތެރި ބިރެއްވެސް ނޫނެވެ.
  • ދީފައިވާ ބޭސް ގަވައިދުން ބޭނުން ކުރާށެވެ. އާންމުކޮށް އެސްތުމާ ބަލީގެ މީހުންނަށް ދެވޭނީ މޮންޓެފް، މޮންޓޭލިކާސްޓް ކިޔާ ބޭހެކެވެ.
  • އާވި އެރުވުން، ކިރިޔާވެސް ރޯގާގެ އަސަރު ހުރިނަމަ ހޫނުފެނުން އާވި އަރުވާށެވެ.
  • އެލާޖިކުވާ ކަހަލަ އެއްޗިހި ދެނެގަނެ އެތަކެއްޗަށް ރައްކާތެރިވާށެވެ.
  • ހާސްވެ ކަންބޮޑުވުން ދުރުކޮަށް ނަފުސާނީ ގޮތުން ހިތްހަމަޖެހޭ އުފާވެރި ގޮތްތަކެއް ހޯދާށެވެ.
  • ކަސްރަތު ކުރުމުން ހަށިގަނޑު ދުޅަހެޔޮކަން މަތީގައި ބަހައްޓާށެވެ.
  • ގަވާއިދުން ކެއުމުގައި ޕްރޮޓީންސް މަދުކޮށް، ބެރީސް މަދުކޮށް، އެލާޖިކުވާ ތަކެތި ނެތް، އޯޓްހިމެނޭ ފައިބަރ ގިނަ ކާތަކެތި ބޭނުންކުރާށެވެ.
  • ހަށިގަނޑަށް އަންނަ ބަދަލުތަކާއި މުހިންމު ކަންތައް ނޯޓުކޮށް، ބަރުދަން ބަލައި، ބަރުނުވެ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ސަމާލުކަންދޭށެވެ.
  • އިންފުލުއެންޒާ ވެކްސިން ޖެހުމަކީ އެކަށީގެންވާ ހައްލެކެވެ.
  • ހިރަފުހާއި ކެހެރި ފަދަ ނޭފަތަށް ވަނުމުން ކިބިހި އެޅޭފަދަ ކަންތަކަށް ސަމާލުވާށެވެ.
  • ގަވާއިދުން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދާށެވެ. އަބަދުވެސް ތިމާއަކީ ފަރުވާދޭން ޖެހޭ ބައްޔެއްގައި އުޅޭ މީހެއްކަން ހަނދާނުގައި ބަހައްޓާށެވެ. ކޮންމެ ތަނަކަށް ދިޔަޔަސް އެކުގައި އިންހޭލާ ގެންދާށެވެ. އަދި ލިބެން އޮތްނަމަ، އަބަދުވެސް އޮކްސިމީޓާ އެއް ގެންގުޅޭށެވެ، އޮކްސިޖަން ޗެކްކޮށް ނޯޓުކުރާށެވެ. ވީޒް ހުންނަނަމަ އާވި އެރުވުމާއި ނެބިއުލައިޒު ކުރުމަށާއި ހައިޑްރޮކޯޓް ޖެހުވުމަށް ހަނދާނުގައި ބަހައްޓާށެވެ.

ކޮންމެއަކަސް ނޭވާ ހިއްލުމަކީ ވަކި މުއްދަތެއް ނޭނގޭ ބައްޔެއް ކަމަށްވިޔަސް އާންމު އެހެން މީހުންނެކޭ އެއްފަދައިން މުޖުތަަމައު ތެރޭގައި އެސްތުމާ ހުންނަ މީހުންނަށްވެސް އުޅެވެން އެބައޮތެވެ. ހޭލުންތެރި މުޖުތަމައެއް ބިނާކުރެވޭނީ ތިމާގެ ފަރުދީ ޒިންމާ ކޮންމެ މީހަކުވެސް އަދާކޮށްގެނެވެ. އަނެއް މީހާ ކުރާ ކަމެއް ބަލައި އެކަން މަވެސް ކުރުމުގެ ބަދަލުގައި، ނުވަތަ އަނެއް މީހާ ކަމެއް ކުރޭތޯ މަޑުކޮށްގެން ނުހުރެ އަމިއްލައަށް ތިމާ، ތިމާގެ ފަރުދީ ޒިންމާ އަދާކުރާށެވެ. އޭރުން ގައުމީ ވާޖިބަކާއެކު ކޮނޑުގައި އޮތް ދީނީ ވާޖިބުވެސް އަދާ ކުރެވުނީއެވެ.