މެންބަރު އަބްދުﷲ ރިޔާޒް

ހާމިދު އަބްދުލް ގަފޫރު: އަބްދުﷲ ރިޔާޒް މައިތިރިކޮށް ހުންނަވާ!

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ތަންކޮޅެއް މައިތިރިކޮށް ހުންނަވަން ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގަ އެވެ.

ހާމިދު އަބްދުލް ގަފޫރު މިހެން ވިދާޅުވީ ރިޔާޒް ރޭ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަފުޅަކާ ހަވާލާދީ ރާއްޖެ އެމްވީން ހަދާފައިވާ ޚަބަރެއް ޓެގްކުރައްވައިފަ އެވެ.

ރޭގެ އެ ޕްރޮގްރާމްގައި ރިޔާޒް ވިދާޅުވެފައި ވަނީ އެކި މަގާމު ތަކަށް މީހުން ހަމަޖައްސާ އިރު، ޕާޓީ ތަކުން ވެސް ފޮނުއްވާހާ ނަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި އައްޔަން ކުރައްވާނީ ކަމަށް ގާބިލު މީހާ ކަމަށެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވީ ހާމިދު އެއީ ވަރަށް ގާތް އެކުވެރި ބޭފުޅެއް ކަމަށާއި އެ ވިދާޅުވީ ވާހަކަފުޅަކީ ހެޔޮއެދިވަޑައިގެން ދެއްވި އެޑްވައިސް އެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ސިޔާސީ މީހުން ވީމަ ފާޑު ވެސް ކިޔަން ވާނެ ކަމަށާއި އެކަމަށް އިހުތިރާމް ކުރައްވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކެމްޕޭންގަ ވިއްކި އެއްޗަކީ ހަމަހަމަ ކަމާއެކު ހެޔޮ ވެރިކަމެއް ކުރާނެކަމުގެ ޔަގީންކަން. އިންސާފު ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަން. އެހެން ވީމަ އަޅުގަނޑު ދެއްކި ވާހަކަ އަކީ އެއީ،" އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.