މުނިފޫހިފިލުވުން

ކަރިޝްމާ ތަންނާ އަދި ވަރުން ބަންގޭރާ ކައިވެނިކޮށްފި

އިންޑިއާގެ ޓީވީ ބަތަލާ ކަރިޝްމާ ތަންނާ މިދިޔަ އަހަރު އެންގޭޖުވި ވިޔަފާރިވެރިޔާ ވަރުން ބަންގޭރާއާ އިއްޔެ ކައިވެނިކޮށްފިއެވެ.

މިދިޔަ ދެ ދުވަހު ކުރިއަށްދިޔަ ކަރިޝްމާ އަދި ވަރުންގެ ހިންދޫ ކައިވެނީގެ ކުރިން ބޭއްވި ހަލްދީ އަދި މެހެންދީ ހަފުލާތަކުގެ ފޮޓޯތައް ކަރިޝްމާ ވަނީ އިންސްޓަގުރާމުގައި ހިއްސާކުރަމުން އައިސްފައެވެ. އިއްޔެ ހަވީރު ކުލަގަދަކޮށް މި ދެމީހުންގެ ކައިވެނި ވަނީ ކުރެވިގެން ގޮސްފައެވެ. ކައިވެނީގެ ފޮޓޯތައް މިހާރު އާއްމުވެފައިވީނަމަވެސް އަދި މިދެމީހުންގެ އިންސްޓަގްރާމުގައި މި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފައެއް ނުވެއެވެ.

ޓީވީ ސީރީސްތަކުން މަގުބޫލުކަން ހޯދަމުން އައިސްފައިވާ ކަރިޝްމާ ވަނީ ''ކިޔޫންކީ ސާސް ބީ ކަބޫ ބަހޫ ތީ'' ''ބާލްވީރް'' އަދި ''ނާގިން'' ފަދަ ސީރީސްތަކުން ވިދާލައިފައެވެ. އޭގެ އިތުރުން ކަރިޝްމާ ވަނީ އިންޑިއާގެ ގިނަ ރިއަލިޓީ ޝޯތަކުން ވެސް ފެނިގެން ގޮސްފައެވެ. ''ނަޗް ބަލިޔޭ'' ''ހަތުރޯންކޭ ކިލާޅީ'' ''ޖަލަކް ދިކްލާޖާ'' ގެ އިތުރުން ''ބިގް ބޮސް 8'' ގައި ބައިވެރިވެ އެ ޝޯގެ ފައިނަލަށް ކަރިޝްމާ ވަނީ ދަތުރުކޮށްފައެވެ.

2014 ވަނަ އަހަރު ކަރިޝްމާ ބައިވެރިވި ''ބިގްބޮސް 8'' ގައި ވާދަކުރި އިތުރު ބައިވެރިއެއް ކަމަށްވާ މޮޑެލް އުޕެން ޕަޓޭލްއާ ދެމީހުންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަށް އެފަހަރުގެ ޝޯގައި ވަނީ ހާއްސަ ސަމާލުކަމެއް ލިބިގެން ގޮސްފައެވެ. ކަރިޝްމާ އަދި އުޕެންގެ ގުޅުން ބިގްބޮސް އަށްފަހު ދެމި އޮތީ ދެ އަހަރު ދުވަހަށެވެ. 2016 ވަނަ އަހަރު އެ ގުޅުން ނިމުމަކަށް އައިފަހުން ކަރިޝްމާ ވަނީ މުމްބާއީގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ ވަރުން ބަންގޭރާ ލޯބީގެ ގޮތުން ގުޅިފައެވެ.