މުނިފޫހިފިލުވުން

''ލޫޕް ލަޕޭޓާ'' ގެ ބަތަލާ ތާޕްސީއަށް ''ރަން ލޯލާ ރަން''ގެ ބަތަލާ ފްރާންކާގެ ހާއްސަ މެސެޖެއް

1998ގެ އަހަރުގެ ޖަރުމަނު ފިލްމު ''ރަން ލޯލާ ރަން'' އަސްލަކަށް ބަލައިގެން ހަދާފައިވާ ހިންދީ ފިލްމު ''ލޫޕް ލަޕޭޓާ'' ނެޓްފްލިކްސްގައި އިއްޔެ ވަނީ ރިލީސްކޮށްފައެވެ.

މި ފިލްމާ ގުޅިގެން ''ރަން ލޯލާ ރަން''ގެ ބަތަލާ ފްރާންކާ ޕޮޓެންޓް ވަނީ ފިލްމު ''ލޫޕް ލަޕޭޓާ' އަށް ކާމިޔާބަށް އެދި ތާޕްސީ އަށް ހާއްސަ މެސެޖެއް ހިއްސާކޮށްފައެވެ. ފްރާންކާގެ މި މެސެޖަށް ޝުކުރު އަދާކޮށް ތާޕްސީވެސް ވަނީ އެ މެސެޖު ރި ޓުވީޓުކޮށްފައެވެ.

ތާޕްސީގެ ޓުވީޓު---

''ރަން ލޯލާ ރަން'' ގައި ފްރާންކާ ކުޅެދީފައިވަނީ ލޯލާގެ ކެރެކްޓާ އެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ދައްކައިގެން ނޫންގޮތަކަށް ލޯބިވެރިޔާގެ ފުރާނަ ސަލާމަތްކުރެވެން ނެތް އިރު އޭނާ ސަލާމަތްކުރުމަށް ލޯލާ ކުރާ މަސައްކަތް ފިލްމުގައި ފެނިގެންދެއެވެ. މިފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ''ލޫޕް ލަޕޭޓާ''ގައި ތާޕްސީ ކުޅެދީފައިވަނީ ފްރާންކާ ކުޅެދިން ރޯލެވެ.

އެ ފިލްމެކޭ އެއްގޮތަށް ލޫޕް ލަޕޭޓާގައި ސާވީ (ތާޕްސީ ޕަންނޫ) އޭނާގެ ލޯބިވެރިޔާ ސަތިޔާ (ތާހިރް ރާޖް ބާސިން) ސަލާމަތް ކުރުމަށް މަސައްކަތްކުރާ ތަން ފެނިގެން ދެއެވެ. އާކާޝް ބާޓިއާ ޑައިރެކްޓުކުރި ''ލޫޕް ލަޕޭޓާ'' އިއްޔެއިން ފެށިގެން ނެޓްފްލިކްސްގައި އަންނަނީ ދައްކަމުންނެވެ. ނެޓްފްލިކްސްގައި މިދިޔަ މަހު ގެނެސްދިން މަގުބޫލު ސީރީސް ''ޔެ ކާލީ ކާލީ އާންކޭ'' ގައިވެސް ފެނިގެން ދިޔަ ތާހިރު އަށް އެ ސީރީސް އިން ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާއިރު ފިލްމު ''ލޫޕް ލަޕޭޓާ'' އިން ވެސް ތާހިރް އަދި ތާޕްސީއަށް ވަނީ ގިނަބައެއްގެ ތަރުހީބު ލިބެން ފަށާފައެވެ.