ދީން

ވިރާސީ ބަލިތަކުންނާއި ގައިންގަޔަށް އަރާބަލިތަކުން ރައްކަތެރިވުން

ޑރ. މޫސާ އަންވަރު ޙަސަން

ޑަކްޓަރީ ޢިލްމު ޘާބިތުކޮށްދޭ ގޮތުގައި ވިރާޘީ ގޮތުން ވާރުތަވާ އެކިވައްތަރުގެ ބަލިތައް ދަރިންނަށް ޖެހޭ ގޮތް މެދުވެރިވެއެވެ. އެއީ އެކި މުޖުތަމަޢު ތަކުގައި އެކިވައްތަރުގެ ވިރާޘީ ބަލިތަކެވެ. ވިރާޘީ ބަލިތަކުގެ ތެރޭގެ އެ ބަލީގެ ޢުންޞުރު ދެނެ ނުގަނެވޭ ބަލިތައް ވެސް ވެއެވެ. ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ވިރާޘީ ގޮތުން ޖެހޭ ބަލިތަކުގެ ޢަދަދު ހަހާހަށް ވުރެ ގިނައެވެ. މިބަލިތަކުގެ ތެރޭގައި މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތާ ވިރާޘީ ބަލިތައް ވެސް ހިމެނެއެވެ."

މީގެ އެތައް އަހަރެއް ކުރިން އިސްލާމްދީނުގެ މާތް ނަބިއްޔާ ވަނީ ވިރާޘީ ކަންކަމުގެ މުހިންމުކަމާއި، ކޮންމެ އިންސާނެއްގެ ސިފަވުމުގައި ވިރާޘަތުގެ ދައުރު ބަޔާންކޮށް ދެއްވާފައެވެ. އެ ވާހަކަފުޅަށް ބާރު ދެމުން މިއަދު ވިރާޘީ ޢިލްމާއި ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މައިންބަފައިންގެ ކިބައިގައި ވިރާޘީ ގޮތުން ހުންނަ ޢައިބުތައް ދަރިންނަށް ވާރުތަވެއެވެ. އެގޮތުން ކުރުކަމާއި، ދޮންކަމާއި އެނޫންވެސް ސިފަތައް ވާރުތަ ވެއެވެ. ކިތަންމެ ޒަމާނަކަށް ދެމިގެން ދިޔަޔަސް އެ ސިފަތައް އަންހެން ފިރިހެން ކްރޮމޮޒޯންގެ ޒަރިއްޔާ އިން ވާރުތަވަމުން ދެއެވެ. އިންސާނާގެ ދަރިފަނީގައި ތެއްތިރީސް ވައްތަރެއްގެ ކްރޮމޮޒޯން އެކުލެވެއެވެ. ހަމައެފަދައިން ބިހުގައި ވެސް މިޢަދަދަށް ކްރޮމޮޒޯން ހިމެނެއެވެ. މިދެބައި ގުޅިގެން މައިންބަފައިންގެ ވިރާޘީ ސިފަތައް ދަރިންނަށް ލިބެއެވެ. މި ވިރާޘީ ސިފަތައް ކާބަފައިންގެ ފަރާތުން ބަފައިންނަށް، ބަފައިންގެ ފަރާތުން ދަރިންނަށް ލިބެއެވެ."

މާތް الله ވަޙީ ކުރައްވާފައިވަނީ ﴿إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا ﴾‏ މާނައަކީ:"ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ."

ކީރިތި ރަސޫލާގެ އަރިހަށް މީހަކު އައިސް އޭނާގެ އަންހެނުން، ކަޅު ކުއްޖަކު ވިހެމުން، އެކަމާއި ބެހޭގޮތުން، ސުވާލު ދެންނެވިއެވެ. ޙަދީޘް ކުރެއްވިއެވެ. ފަހަރެއްގައި ލޭގެ ސަބަބުން ދިމާވިކަމަށް ވެދާނެއެވެ." ކީރިތި ރަސޫލާގެ ވަރަށް ގިނަ ބަސްފުޅުތަކުގައި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޞިއްހީ ގޮތުންނާއި، ނަސަބުގެ ގޮތުން ރަނގަޅު ހެޔޮލަފާ މީހުންނާއި ކައިވެނި ކުރުމަށް ބާރު އެޅުއްވިއެވެ."

ވިރާޘީ ބަލިތަކާއި، އެބަލިތަކުން ރައްކާތެރި ވުމާއި، ބެހޭ ގޮތުން ކަމާ ބެހޭ ޢިލްމުވެރިން ވާހަކަފުޅު ދައްކަވާފައިވެއެވެ. ނިއުކާސަލް ގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ވިހެއުމުގެ ކުރިން މައިންގެ ބަނޑުގައި މަރުވާ ކުދިންގެ 41 ޕަސެންޓް ކުދިންނަކީ، ކުރިން އިޝާރަތް ކުރި ފަދަ ވިރާޘީ ބަލިތަކުގެ ސަބަބުން މަރުވާ ކުދިންނެވެ."

ޢިލްމުވެރިން ވިރާޘީ ބަލިތައް ބައްސަވާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ވިރާޘީ ބަލީގެ ސަބަބުން ޅަފަތުގައި މަރުވާ ބަލިތަކާއި، ވިރާޘީ ބައްޔާ އެކު ދުނިޔޭގައި އުޅުމުގެ ފުރުޞަތު ލިބޭ، ތާ އަބަދަށް ފަރުވާ ކުރަން ޖެހޭ ބައްޔާއި، ޖެހޭ ވިރާޘީ ބަލި ރަނގަޅު ކުރެވި ޢައިބުތައް ފިލުވަިއލެވޭ ފަދަ ބަލިތަކެވެ."

ވިރާޘީ ޢިލްމުވެރިންނާއި ފަލްސަފާ ޢިލްމުވެރިންނަށްވުރެ މާކުރިން، އިސްލާމްދީނުގައި އިންސާނާއަށް ބޮޑު ސަމާލުކަމެއް ދިނެވެ. އިންސާނާއަކީ ބިމުގައި އެކަލާނގެ ޚަލީފާއެވެ. އުޑާއި ބިމުގައިވާ ތަކެތި އިންސާނާއަށްޓަކައި ލުއިފަސޭހަ ކޮށްދެއްވިއެވެ. އިންސާނާގެ ހެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކީ އެކަލާނގެއަށް އަޅުކަން ކުރުމެވެ. އެހެންކަމުން އިސާނާއަށް ސީދާވެގެންވާ ތެދުމަގު ދެއްކެވުމަށް ރަސޫލުންނާއި ނަބިއްޔުން ފޮނުއްވިއެވެ. އިންސާނާ ބިމުގައި ޚަލީފާއަކަށް ލެއްވި މަޤްޞަދު ފުރިހަމަ ކުރެއްވުމަށްޓަކައި ކައިވެނީގެ ޒަރިއްޔާއިން އިންސާނު އުފެދި، އިތުރުވުން ލެއްވިއެވެ. މިކަން ބަޔާން ކުރައްވައި މާތް الله ވަޙީ ކުރައްވާފައިވަނީ ‎﴿وَاللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً ﴾‏ މާނައަކީ:"އަދި اللَّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިން ލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލެއްވިއެވެ.

ބާއްޖަވެރި ޙަޔާތަކަށް ބޭނުންވަނީ ދުޅަހެޔޮ ޞިއްޙަތެކެވެ. ދުޅަހެޔޮ ކަމާއި ޞިއްޙަތުގެ ނިޢުމަތަކީ ވަރަށް ގިނަ ބަޔަކު އެ ނިޢުމަތުގެ މަތިން ޣާފިލުވެފައިވާ ކަމެކެވެ. މިހެންވެ رسول الله صلى الله عليه وسلم ޙަދީޘް ކުރައްވަނީ "نِعْمَتانِ مَغْبونٌ فِيهِما كَثِيرٌ مِنَ النَّاسِ: الصِّحَّةُ والفَراغُ" މާނައަކީ:" މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެ ކަމަކާ މެދު ޣާފިލުވެގެންވާ ދެ ނިޢުމަތެއް ވެއެވެ. އެއީ:"ޞިއްޙަތާއި ހުސް ވަގުތެވެ." ކީރިތި ރަސޫލާ صلى الله عليه وسلمގެ ބަސްފުޅުން އެނގޭ ގޮތުގައި މީހަކަށް މުޅި ދުނިޔެ މި ލިބެނީ ތިން ކަމެއް ލިބުމުންނެވެ. އޭގެ ތެރޭގައި ޞިއްޙަތާއި ދުޅަހެޔޮކަން ހިމެނެއެވެ. ޞިއްޙަތަކީ ދުޅަހެޔޮ މީހުންގެ ބޮލުގައި ވާ ތާޖެކެވެ. މި ތާޖުގެ ރީތިކަމާއި ބެބުޅުން ފެންނާނީ ބަލިމީހުންނަށެވެ. ޞިއްޙަތަކީ الله އަށް ކިޔަމަން ގަތުމަށާއި، الله އަންގަވައިފައި ވާ ވާޖިބުތައް އަދާކުރުމަށް އެހީވެ ދޭ ބާރެކެވެ. މުޖުތަމަޢުގައި އޭނާ އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތައް އޭނާއަށް އަދާ ކުރެވޭނީ ޞިއްޙަތެއް ލިބިގެންނެވެ.

ޞިއްޙަތާއި ދުޅަހެޔޮ ކަން ލިބިފައި ނުވާ މީހާ ވާނީ އެހެން މީހުންނަށް އުފުއްލަން ޖެހިފައިވާ ބުރައަކަށެވެ. މިހެންވެ ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ "المُؤمِنُ القَويُّ خَيْرٌ وَأَحَبُّ إِلى اللهِ مِنَ المُؤمِنِ الضَّعِيفِ" މާނައަކީ:"ނިކަމެތި މުއުމިނާއަށް ވުރެ ބާރުގަދަ މުއުމިނާ الله އަށް ހެޔޮކަމާއި ލޮބުވެތިކަން ބޮޑެވެ."

މިހެންވެ އިސްލާމް ދީން ވަނީ އާދަމުގެ ދަރީންގެ ޞިއްޙަތަށާއި އެމީހުންގެ ހަށިތަކަށް ގެއްލުމެއް ލިބިދާނެ ކަންތައްތައް ކުރުން މަނާ ކުރައްވައިފައެވެ. އާދަމުގެ ދަރީންގެ މައްޗަށް ޙަރާން ކުރެއްވި ކޮންމެ ކަމަކީ އެމީހުންގެ ޞިއްޙަތަށް ގެއްލުން ހުރި ކަމެއްކަން މިއަދު ވަނީ ޢިލްމީ ގޮތުން ސާބިތު ވެފައެވެ. ރައްކައުތެރި ވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިތުރަށް އޭނާ ބަލި ވެއްޖެ ނަމަ ބޭސް ފަރުވާ ކުރުމަށް ވަނީ އަންގަވައިފައެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ "إِنَّ اللَّهَ أَنْزَلَ الدَّاءَ وَالدَّوَاءَ وَجَعَلَ لِكُلِّ دَاءٍ دَوَاءً فَتَدَاوَوْا وَلاَ تَدَاوَوْا بِحَرَامٍ" މާނައަކީ:"ހަމަކަށަވަރުން الله ބައްޔާއި ބޭސް ބާވައި ލެއްވިއެވެ. އަދި އެކަލާނގެ ކޮންމެ ބައްޔަކަށް ބޭހެއް ލެއްވިއެވެ. ފަހެ ތިޔަބައިމީހުން ބޭސް ކުރާށެވެ! އެކަމަކު ޙަރާން އެއްޗަކުން ބޭސް ނުކުރާށެވެ!"

އިސްލާމްދީނުގެ މަތިވެރި މަޤްޞަދުތަކުގެ ތެރޭގައި އިންސާނާގެ ނަފުސާއި ފުރާނައާއި ނަސްލު ރައްކައުތެރިކުރުން ވެއެވެ. މިކަމަށް ޓަކައި ބޭނުންވާ ޙުކުމްތައް الله ބާވައިލެއްވިއެވެ. އެކަލާނގެ ރަސޫލާ އެކަންކަން ބަޔާންކޮށް ދެއްވިއެވެ. އިންސާނާގެ ހަށިގަނޑަށާއި ދުޅަހެޔޮކަމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކުރުން ޙަރާމް ކުރެއްވިއެވެ. ޤައުމުތައް ތަރައްޤީވެ ކުރިއަރައިފައިވަނީ އެ ޤައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުންނެވެ. ގައިބާރާއި ޢަޒްމު ވަރުގަދަކަމުންނެވެ. ކިޔަމަންތެރިކަމާއި ވަފާތެރިކަމުންނެވެ. ދުނިޔޭގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން، ބަލިމަޑުކަމާއި ރަޙްމުކުޑަ ވަބާތަކުގެ ހިޔާވަހިކަމުގެ ތެރޭގައެއް ނުލިބޭނެއެވެ. ޞިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ޙަޔާތުގެ ހީވާގިކަމުގެ ފީތާއެވެ. އެއީ އޭނާގެ އާރާއިބާރުގެ ހަކަތައެވެ. މިހެންވެ އިސްލާމްދީނުގައި ޢާއްމު ޞިއްޙަތަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވެއެވެ.

ސާފުތާހިރުކަމުގެ މުހިއްމުކަން ނިކަން ދެކެ ބަލާށެވެ! އިސްލާމްދީނުގެ މުހިއްމު ރުކުންތަކުގެ ތަރަހަ ކަމުގައި ލައްވާފައި މިވަނީ ޠަހާރަތެވެ. ޠަހާރަތެއް ނެތި ނަމާދެއް ނުކުރެވޭނެއެވެ. ޠަހާރަތެއް ނެތި ކީރިތި ޤުރްއާނުގައި ނުބީހެވޭނެއެވެ. ޠަހާރަތެއް ނެތި ޠަވާފެއް ނުކުރެވޭނެއެވެ. ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރެއްވުމަށް ޓަކައި މާތް الله ވަނީ އުޞޫލުތަކެއް ކަނޑައަޅުއްވައިފައެވެ. އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ޙަރާމް ކުރައްވައިފައެވެ. އެމީހުން ދިރި އުޅޭ ތަންތަން ސާފުކޮށް ބޭއްވުމަށް ވަނީ އަންގަވައިފައެވެ. ފާޙިޝް ޢަމަލުތަކަށް އަރައިނުގަތުމަށް ވަނީ އަމުރު ކުރައްވައިފައެވެ.

އޫރު ރޯގާއާއި ދޫނިރޯގާ އާއި ކޮވިޑް 19 ފަދަ ގައިން ގަޔަށް އަރާ ރޯގާތަކަކީ ވަރަށް ބާރަށް ފެތުރޭ ބަލިތަކެކެވެ. މިހެންވެ ޑަކްޓަރުންނާއި ޞިއްޙީ ދާއިރާތަކުން އަޅުގަނޑުމެންނަށް ޢާއްމު ޞިއްޙީ އިރުޝާދުތަކެއް ވަނީ ދެއްވައިފައެވެ. އޭގެ ތެރޭގައި ގިނަގިނައިން އަތް ދޮވުމާއި ރޯގާ ޖެހިފައިވާ މީހުން ބޭރަށް ނުކުމެ އެއްތަނަކަށް ޖަމާވެ ނޫޅުމާއި، އަތާއި އަތް ޖޯޑުކޮށް ސަލާމު ނުކުރުމާއި، ކޮނޑާއި ކޮނޑު ޖައްސައި ސަލާމު ނުކުރުމާއި، ލޯބިން ވިޔަސް ކުޑަކުދިންނަށް ދޮންނުދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. އެއީ އިސްލާމީ ޝަރްޢީ ޤާޢިދާއެއް ކަމުގައިވާ، (لاَ ضَرَرَ وَلاَ ضِرَارَ) ގެ ދަށުންނެވެ. މާނައީ: "ގެއްލުން ލިބުމެއް އަދި ގެއްލުންދިނުމެއް ނެތެވެ." އެހެންކަމުން ގައިންގަޔަށް އަރާފަދަ ބައްޔެއް ޖެހިފައިވާ މީހާ ޢާއްމުން އެއްވެ އުޅޭ ތަންތަނަށް ގޮސްގެން ނުވާނެއެވެ.

**********

އެޑިޓަރުގެ ނޯޓު: ޑރ. މޫސާ އަންވަރު ޙަސަން ވަނީ ”ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ“ އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 2002 ވަނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަން އިން ފަސްޓް ޑިގްރީ ހާޞިލް ކުރެއްވިއެވެ. އަދި އެއަށްފަހު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ”އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ފިޤުހު، އުޞޫލް ފިޤުހު“ އިން މާސްޓާރސް ޙާޞިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ޑރ. މޫސާ އަންވަރު ޙަސަން ފެއްޓެވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. ފަހުން އެ މަޖިލީހުގެ ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. މިވަގުތު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡެއްގެ މަޤާމެވެ. މީގެ އިތުރުން ޑރ. މޫސާ އަންވަރު ޙަސަން އަކީ، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރަކެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރުދިނުމުގެ އިނާމު 2017 ވަނަ އަހަރު ވަނީ ޑރ. މޫސާ އަންވަރު ޙަސަންއަށް ލިބިވަޑައިގެންފައިވެއެވެ.