އިސްލާމީ ތާރީޚު

އަޅުގަނޑު ދީން ބަދަލުކުރީއެއް ނޫނެވެ. ޙަޤީޤަތުގައި ދީނަކީ އިސްލާމްދީނެވެ. - 3

އަބްދުﷲ ފާރޫގް ހަސަން

(28 ޖެނުއަރީގެ އަދަދާ ގުޅޭ)

ކަލާގެ ސުވާލުގެ ބައެއް އިޞްލާޙުކޮށްލައްވާށެވެ. އަޅުގަނޑު ދީން ބަދަލެއް ނުކުރަމެވެ. މާތް ﷲ ގެ ހަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ. އަޅުގަނޑު މަގުއޮޅިގެން އުޅެފައި ރަނގަޅު މަގަށް އެނބުރި އައީއެވެ. ޚުދު ޢީސާ ޢަލައިހިއްސަލާމްގެ ދީނަކީވެސް އިސްލާމްދީނެވެ. އެންމެހައި ނަބީބޭކަލުންގެ ދީނަކީވެސް އިސްލާމްދީނެވެ. ދެންއޮތީ ކްރިސްޓިއަން ދީނުގައި ހުރި އުނިކަންތައްތަކުގެ ވާހަކައެވެ. ކްރިސްޓިއަނިޓީގައި ހުރީ އުނިއެއްކަމެއް ދެކަމެއްނޫނެވެ. ކްރިސްޓިއަނިޓީގެ ޢަޤީދާތަކާމެދު އަޅުގަނޑުގެ ހިތުގައި ޝައްކާއި ވަހުމުތައް އުފެދުނީ އެކަންކަމާހުރެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ،

1- ފާފައާއި ކައްފާރާއާއި ދިންނެވުމުގެ ތަޞައްވަރު

ކްރިސްޓިއަން ދީނުގައި "ފާފައާއި ކައްފާރާއާއި ދިންނެވުމުގެ" ޢަޤީދާއަކީ އެންމެ އަސާސީ ޢަޤީދާކަމުގައި ވުމާއެކުވެސް ސަލާމަތްބުއްދިއާއި ވިސްނުން އެދީނުގައި އެޢަޤީދާ އޮންނަގޮތް ޤަބޫލެއް ނުކުރެއެވެ.

(ހ) ފާފަ

ކްރިސްޓިއަނިޓީގެ އަސްލު އިސްޠިލާހުގައި ވަނީ "އަސްލުފާފަ" Original Sin)) މިފަދައިންނެވެ. އެ ޢަޤީދާ ނަގައިފައިވަނީ ބައިބްލްގެ ޖެނެސިސް މިބާބުންނެވެ. އެ ޢަޤީދާގައިވާގޮތުން މަންމަ ޙައްވާއާއި އާދަމްގެފާނު ސުވަރުގޭގައި (ޢަދުގެ ބަގީޗާގައި) އުޅުއްވިއިރު "މަނާކުރެއްވިގަހުން" ފަރީއްކުޅުއްވުމުގެ ސިފައިގައި އެކުރެއްވުނު ފާފަޔަށް ކިޔައި އުޅުނީ "އަސްލުފާފަ) އެވެ. ކްރިސްޓިއަން ޢަޤީދާގައި ވާގޮތުން އެފާފައަކީ ވާރުތަވަމުން އަންނަ ފާފައެކެވެ. އެފާފަވަނީ އާދަމުގެ ދަރިންނަށް ނަގުލުވެފައެވެ. (ރޯމަންސު: ބާބު: 5 ގެ 12 ވަނަ އާޔަތް) އަދި ސެއިންޓް އޮގަސްޓައިން ބަޔާންކުރައްވައިފައިވާ ގޮތުގައި "ކަންދިމާވިގޮތުން އާދަމުގެފާނު އެފާފައިގައި ހައްޔަރުކުރި އަދި އާދަމުގެފާނާއެކު އަދަބުލިބުނު އަންހެނާގެ ފަރާތުން ދުނިޔެއަށް އައި އެންމެހައި އިންސާނުންވަނީ ފާފަވެރިވެފައެވެ." ހަމައެފަދައިން ޕްރޮޓެސްޓަންޓް މަޒުހަބުގެ ލީޑަރެއްކަމުގައިވާ ޖޯންކާލޯން ވިދާޅުވާގޮތުގައިވެސް "ކަންހިނގައިފައިވާގޮތަކީ އަހަރެމެންގެ ތެރޭގައި ވަނީ ފާފައިގެ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިފައެވެ. އެއީ އާދަމުގެފާނުގެ ފަރާތްޕުޅުން އަހަރެމެންނަށް ޖެހުނު ބައްޔެކެވެ." ރޯމަން ކެތްލިކް ޢިލުވެރިއެއްކަމުގައިވާ ތޯމަސް އަކީނާސް ވިދާޅުވާގޮތުގައި "އަހަރެމެންގެ މައިބަފައިންގެ ފާފައިގެ ސަބަބުން "އަސްލުފާފަ" ވަނީ އެބައިމީހުންގެ ދަރިފަސްކޮޅަށް ނަގުލުވެފައެވެ.

(ށ) ކައްފާރާ

ކައްފާރާގެ މަފްހޫމަކީ ކުރުކޮށް ދަންނަވާނަމަ، ސަލާމްލެއްވި ޢީސާގެފާނުވަނީ އާދަމުގެފާނުގެ ސަބަބުން އާދަމުގެ ދަރިންނަށް ވާރުތަވެފައިވާ ފާފައިގެ ކައްފާރާ އަދާކުރައްވައިފައެވެ. ޢީސާގެފާނު އެކައްފާރާ އަދާކުރެއްވީ އެކަމަށްޓަކައި އެކަލޭގެފާނު އަމިއްލަފުޅަށް ޤުރުބާންވެވަޑައިގެންނެވެ. އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާގައި ކައްފާރާގެ ޚުލާޞާއެއްކަމުގައި ބަޔާންކޮށްފައިވަނީ ކްރިސްޓިއަންދީނުގެ ޢަޤީދާގެ ޢިލްމުގައި "ކައްފާރާ" ގެ މުރާދަކީ ޔޫޝަޢު މަސީޙުގެ ޤުރުބާނީއެވެ. ފާފަވެރި އިންސާނަކު ކުއްލިޔަކަށް ﷲ ގެ ރަޙްމަތާ ކައިރި ކުރުވާ ޤުރުބާނީއެވެ. އެ ޢަޤީދާގެ ފަހަތުގައި ވަނީ ފުލޯކުދެވާހަކައެކެވެ. އެއްވާހަކައަކީ އާދަމުގެފާނުގެ ފާފައިގެ ސަބަބުން އިންސާނުން މާތް ﷲ ގެ ރަޙްމަތުން ދުރުކުރެއްވި ވާހަކައެވެ. ދެވަނަ ވާހަކައަކީ މާތް ﷲ ގެ ބަސްވަޙީކުރެއްވުމުގެ ސިފަފުޅު (ދަރިކަލުން) އިންސާނުން ދެވަނަފަހަރަށް ﷲ ގެ ރަޙްމަތާ ކައިރި ކުރެއްވުމަށްޓަކައި އިންސާނީ ޖިސްމަކަށް ނަގުލުވެވަޑައިގަތް ވާހަކައެވެ.

(ނ) ދިންނެވުން

ކްރިސްޓިއަން ޢަޤީދާގައިވާގޮތުން ޔޫޝަޢު މަސީޙު ޤުރްބާންވެވަޑައިގަތީ ހަމައެކަނި އެކަލޭގެފާނަށް އީމާންވާ މީހުންނަށްޓަކައެވެ. ހަމައެކަނި އެކަލޭގެފާނުގެ އުނގަންނައިދެއްވުންތަކަށް އަމަލުކުރާ މީހުންނަށްޓަކައެވެ. އީމާންކަމުގެ އަލާމާތަކީ ބަޕްތިސްމާ Baptism)) ގެ (މުޤައްދަސް ފެންވެރުވުމުގެ) ރަސްމު އަދާކުރުމެވެ. ބަޕްތިސްމާގެ ރަސްމިއްޔާތު އަދާކޮށްފިމީހާގެ "އަސްލުފާފަ" ފޮހެވޭނެއެވެ. އެރަސްމިއްޔާތު އަދާނުކޮށްފިމީހެއްގެ ފާފަވެރިކަން ދެމިއޮންނާނެއެވެ. އެމީހަކުވާނީ ދާއިމީ އަޒާބު ޙައްޤު މީހެއްކަމުގައެވެ. ކްރިސްޓިއަން ދަންނަ ބޭކަލެއްކަމުގައިވާ އަކީނާސް Aquinas)) ލިޔުއްވައިފައިވެއެވެ. "ބަޕްތިސްމާ ކުރުމުގެ ކުރީން މަރުވެއްޖެމީހެއްގެ އަސްލުފާފަ ދެމިއޮންނާނެއެވެ. އެހެންކަމުން އެފަދަ މީހަކަށް ދުވަހަކުވެސް މާތްކަލާނގެ ރަސްކަމެއް (ސުވަރުގެއެއް) ނުފެންނާނެއެވެ."

ފާފައާއި، ކައްފާރާއާއި، ދިންނެވުމާ ބެހޭގޮތުން އަޅުގަނޑު މިވާހަކަ ދެއްކީ ވަރަށް ކުރުކޮށެވެ. ކުރުކޮށް ވާހަކަދެއްކުމުން ބައެއްފަހަރު އޮޅުންއަރާގޮތްވެއެވެ. އެހެންކަމުން އެއްވެސް ކިޔުންތެރިޔަކަށް އޮޅުންއަރާގޮތްވެއްޖެނަމަ އެ އިސްޠިލާހުތައް ވިސްނައިގަތުމަށްޓަކައި އިތުރަށް މުޠާލިޢާކުރުން ރަނގަޅުވާނެއެވެ. ކުރިންވެސް ދެންނެވިފަދައިން ފާފައާއި، ކައްފާރާއާއި، ދިންނެވުމާ ބެހޭގޮތުން ކްރިސްޓިއަންދީނުގައި ގެންގުޅޭ ޢަޤީދާއަކީ ސަލާމަތްބުއްދި ޤަބޫލުކުރާ ކަހަލަ ވާހަކަތަކެއް ނޫނެވެ. ކިތަންމެ ގިނަ ފާފަތަކެއް ކޮށްފައިވާ، ކިތަންމެ ބޮޑު ފާފަވެރިޔަކަށް ވިޔަސް ހަމައެކަނި މަސީހަށް އީމާންވުމުން ސުވަރުގެ ވަދެވުމަކީ ބުއްދި ޤަބޫލުކުރާ އިންސާފެއްނޫނެވެ. މި މައްސަލައިގައިވެސް އިސްލާމްދީނުގެ ތަޞައްވުރު ވަރަށް ފުރިހަމައެވެ. ވަރަށް ޞަރީޙައެވެ. އިސްލާމްދީން ބުނާގޮތުގައި ރެވިއޮއްޓަރެއްގެ މިންވަރުގެވެސް ހެޔޮކަމެއްކޮށްފިމީހަކަށް އެކަމެއްގެ ދަރުމަ ލިބޭނެއެވެ. ކިތަންމެ ކުޑަނަމަވެސް ނުބައިކަމެއް ކޮށްފިމީހަކަށް އެކަމެއްގެ އަދަބު ލިބޭނެއެވެ. އިސްލާމްދީނުގައިވާގޮތުން މާތް ﷲ ގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް އެކަލޭގެފާނުގެ އެންމެލޯބިފުޅުވާ ދަރިކަނބަލުންނަށްވެސް ވިދާޅުވެފައިވަނީ ލާބައާއި މަންފާ ލިބިވަޑައިގަންނަވާނީ އެކަމަނާގެ އަމިއްލަފުޅު ޢަމަލުފުޅުންކަމުގައެވެ. އަނެއްކޮޅުން ފާފައާއި، ކައްފާރާއާއި، ދިންނެވުމާބެހޭގޮތުން ކްރިސްޓިއަން ދީނުގައި މިހާރު މިގެންގުޅޭ މިޢަޤީދާއަކީ ޚުދް ބައިބަލްގެ އިރުޝާދުތަކާވެސް ތަޢާރުޟުވާ ޢަޤީދާއެކެވެ. މިސާލެއްގެގޮތުން:

1- ފާފަކުރާ މީހާވެސް މަރުވާނެއެވެ. ދަރިފުޅު ބައްޕަގެ ފާފައިގެ ބަރެއް ނުއުފުލާނެއެވެ. ބައްޕަވެސް ދަރިފުޅުގެ ފާފައިގެ ބަރެއް ނުއުފުލާނެއެވެ. (އެޒްކިއެލް: 20:18)
2- ހެޔޮލަފާ މީހުންނާމެދު ބުނާށެވެ. އެބައިމީހުންނަށް ހެޔޮދަރުމަހުއްޓެވެ. އެހެނީ އެބައިމީހުންގެ މަސައްކަތުގެ މޭވާ ކާންލިބޭހުއްޓެވެ. ނުބައިމީހުންނަށްހުރީ ހިތާމައާއި ރުއިމެވެ. އެބައިމީހުންނަށް ނުބައިކަން ކުރިމަތިވާނެއެވެ. އެހެނީ އެބައިމީހުންގެ އަތްތަކުން ކުރިކަންތައްތަކުގެ ނަތީޖާ އެބައިމީހުންނަށް ފެންނާނެއެވެ. (ދަ ބުކް އޮފް އީސާއިޔާހު: 10:30)
3- ދަރީންގެ ބަދަލުގައި ބައްޕަ ޤަތުލެއް ނުކުރެވޭނެއެވެ. ބައްޕަގެ ބަދަލުގައި ދަރިފުޅުވެސް މަރައެއް ނުލެވޭނެއެވެ. ކޮންމެ މީހަކުވެސް ޤަތުލުކުރެވޭނީ އެމީހަކު ކުރި ފާފައެއްގެ ސަބަބުންނެވެ. (ޑިއުޓްރޮނޮމީ: 16:24)

ބައިބްލްގެ އިސްވެދެންނެވި ޙުކުމްތަކުގައިވާގޮތުން ސަލާމްލެއްވި އާދަމުގެފާނު ކުރެއްވި ފާފައެއްގެ އަޒާބެއް އެކަލޭގެފާނުގެ ދަރިފަސްކޮޅަކަށް ނުލިބޭނެއެވެ. އަނެއްކޮޅުން ސަލާމްލެއްވި ޢީސާގެފާނު އާދަމުގެ ދަރީންގެ ފާފައިގެ ކައްފާރާ އަދާކުރައްވައިފައިވާނަމަ ބިންމަތީގައި ކުށްކުރެވެމުންދާންވީވެސް ކީއްވެގެންހެއްޔެވެ؟ މީގެ އިތުރަށް ކައްފާރާއާ ބެހޭގޮތުން ކްރިސްޓިއަނުން ގެންގުޅޭ ޢަޤީދާއަށް ބައިބްލްގެ އިރުޝާދުތަކެއްވެސް ތާއީދެއް ނުކުރެއެވެ.

1- އޯގާވެރިކަމާއި ދީންވެރިކަމާއި އީމާންތެރިކަމަކީ ފާފަތަކުގެ ކައްފާރާއެވެ. އަދި މީސްތަކުން މާތްކަލާނގެ ރަސްކަންފުޅު ދެކެ ބިރުވެތިވުމުގެ ސަބަބުން ފާފައިން އެއްކިބާވެއެވެ. (ޕްރޮވާބްސް: 6:16)
2- ތިމާގެ ބައްޕައަށް ކަމޭހިތާމީހާ އޭނާގެ ފާފައިގެ ކައްފާރާ އަދާކޮށްފިއެވެ. (ޔޫޝަޢު ބުނު ސީރާޚު: ބާބު: 3 އާޔަތް: 4) އަދިވެސް ވެއެވެ. ޚައިރާތަކީ ފާފައިގެ ކައްފާރާއެވެ. (ޔޫޝަޢު ބުނު ސީރާޚު: ބާބު: 3 އާޔަތް: 33)

ނޯޓް: ޔޫޝަޢު ބުނު ސީރާޚުގެ މި ޙަވާލާތައް ކެތަލިކް ބައިބްލް "ކަލާމް މުޤައްދިސް" (ސޮސައިޓީ އޮފް ސެއިންޓް ޕޯލު، ރޯމާ) 1958 ގެ ނުސްޚާގެ 870 ވަނަ ޞަފްޙާއާއި 871 ވަނަ ޞަފްޙާއިން ފެނިވަޑައިގަންނަވާނެއެވެ.

ޝައްކެެއްނެތެވެ. "ދިންނެވުމާ) ބެހޭގޮތުން އަޅުގަނޑުމެންނަށް ހަތަރު އިންޖީލުންވެސް ބައެއް އާޔަތްތައް ފެނެއެވެ. ނަމަވެސް އެއާޔަތްތަކުގެ މަފްހޫމަކީ މިޒަމާނުގައި ކޮންމެވެސް ޒަޢީމަކު އޭނާގެ ޤައުމު އެވެނި މުސީބަތަކުން ނުވަތަ މިވެނި މައްސަލަތަކަކުން ސަލާމަތްކުރެއްވުމަށްޓަކައި އޭނާގެ ފުރާނަފުޅުން ޤުރުބާންވެވަޑައިގެންނެވިއެވެ. ބުނާ ބުނުން ފަދަ މަފްހޫމެކެވެ.

(ނުނިމޭ)