އިލެކްޝަންސް ކޮމިޝަން

ކޮމިޝަންގެ އެއްވެސް މެމްބަރަކު ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައެއް ނުވާނެ: އީސީ

މުހައްމަދު އައުޒަމް

އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެމްބަރަކު ރާއްޖެއިން ބޭރުގެ ގައުމެއްގެ ހިމާޔަތް ހޯދި ކަމަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

މިވަގުތު ސްރީލަންކާގައި ހުންނެވި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ވަން" އަށް ވިދާޅުވީ އެކޮމިޝަންގެ މެމްބަރުން ރާއްޖެއިން ބޭރު ގައުމެއްގެ ހިމާޔަތް ހޯދި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"މިކޮމިޝަންގެ އެއްވެސް މެމްބަރަކު ރާއްޖެއިން ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައެއްނުވާނެ. އަދި އެފަދަ ހިމާޔަތެއް ހޯދަން ނިންމާފައެއް ވެސް ނުވާނެ. އެއީ އެއްވެސް ގޮތަކަށް މި ކޮމިޝަންގެ މެމްބަރުން ކުރާނެ ކަމެއް ނޫން،" އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިވަގުތު ތިއްބެވީ އެކި ގައުމުތަކުގައި ކަމަށާއި އެ މެމްބަރުން ގައުމުތަކަށް ވަޑައިގެންނެވީ އެކި ބޭނުންތަކުގައި ކަމަށެވެ. އަދި ވަރަށް އަވަހަށް ހުރިހާ މެމްބަރުން ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ސްރީލަންކާގެ ހިމާޔަތް ހޯދި ކަމަށް ބުނެ ސްރީލަންކާގެ ނޫހަކާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމާ އެކު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުނަށް އެކިފަހަރުމަތިން ވަނީ މަރުގެ އިންޒާރުދީފައެވެ.

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރެއްވި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ސޮލާހު ރަޝީދަށް ވެސް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ މަރުގެ އިންޒާރުދީފައެވެ.