މަނީ ލޯންޑްރިން މައްސަލައިގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރާން ކުރި އަމުރު ތަންފީޒުކޮށް، ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްގެން މާލެއިން ގެންދާތަން ކަވަރުކުރުމަށް ޖުމުހޫރީ މައިދާން ސަރަހައްދަށް ގޮސް ތިބި ނޫސްވެރީން އެ ސަރަހައްދުން ބޭރުކޮށްފި އެވެ.
އެ ސަރަހައްދުގައި ހުރި "ވަން އޮންލައިން"ގެ ނޫސްވެރިޔާ ބުނީ ޖުމުހޫރީ މައިދާން ސަރަހައްދުގައި ތިއްބައި މީޑިއާ މީހުންނަށް އެންގީ ރައީސް އޮފީސް ކައިރިޔަށް ނުވަތަ އެމްއެމްއޭ ކައިރީގައި މީޑިއާ މީހުން ތިބުމަށެވެ.
"އަޅުގަނޑުމެންނަށް ފުލުހުން އެންގީ އެ ސަރަހައްދުން ނިކުތުމަށް. ދެ އޮޕްޝަން ދިނީ. އެއީ ރައީސް އޮފީސް ކައިރީ ނޫނީ އެމްއެމްއޭ ކައިރީ ތިބުން. އެކަމާ މެދު މީޑިއާ މީހުން އެހާ ހިތްހަމައެއް ނުޖެހޭ. އެއީ ރަނގަޅަށް ވީޑިއޯ ވެސް ނުކުރެވޭނެތީ އަދި އެހާ ދުރު ވީމަ ރަނގަޅަށް ފޮޓޯވެސް ނުނެގޭނެތީ." ވަންގެ ނޫސްވެރިޔާ މައުލޫމާތުދިނެވެ.
ނޫސްވެރީން އެ ސަރަހައްދުން ދުރު ކުރި އިރު، އެތެރޭގައި އާންމުންނާއި ޕީޕީއެމް އަދި ޕީއެންސީގެ އިސް މީހުންނާއި ސަޕޯޓަރުން އެބަ ތިބި ކަމަށް ވެސް ވަންގެ ނޫސްވެރިޔާ ބުންޏެވެ.
"އެކަމަކު ފުލުހުން ބުނި އެމީހުން ވެސް ފަހުން ނެރޭނެ ވާހަކަ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މިހާ ދުރަށް ލީމަ ވީޑިއޯ އަދި ފޮޓޯ ނުނެގޭނެތީ. ރަނގަޅު ހިސާބެއްގަ ބޭތިއްބި ނަމަ އޮކޭ ވީސް. މި ގޮތް ރަނގަޅެއް ނޫން." އެ ސަރަހައްދުގައި ހުރި އެހެން މީޑިއާއެއްގެ ނޫސްވެރިޔަކު "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ބުންޏެވެ.