އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 2

އަބްދުﷲ ފާރޫގް ހަސަން

(24 ޖެނުއަރީގެ އަދަދާ ގުޅޭ)

أميـــرالمـؤمـنــيـن عـمــر رضى اللّـه عنــه ވިދާޅުވެފައިވެއެވެ. "މުސްލިމުންގެ ހަމަކޮންމެކަމެއްވެސް ނިންމަމުން ގެންދާންވާނީ ޝޫރާގެ އަހުލުވެރީންގެ މަޝްވަރާގެ މަތީންނެވެ. ޢާންމު މުސްލިމުން ތަބާވާންޖެހޭނީ އެބައިމީހުންގެ އަމީރަށެވެ. ނަމަވެސް ޝޫރާގެ މެމްބަރުން އިއްތިފާޤުވެވަޑައިގެންފި ގޮތަކަށް ނުވަތަ އަޣުލަބިއްޔަތު ލިބުނުގޮތަކަށް ކަންކުރައްވާން އަމީރަށް ޖެހިވަޑައިގަންނަވާނެއެވެ. އެގޮތުން އަމީރު ވާނީ ޝޫރާއަށް ތަބާވެވަޑައިގަންނަވާ ބޭފުޅަކު ކަމުގައެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތީންނެވެ." (الشّـورى: 38)

މިމާތް އާޔަތުން ސާބިތުވާގޮތުގައި މުސްލިމުންގެ ކަންތައްތަކުގެ މުހިންމު ނިންމުންތަކަކާއި ހުރިހައި މުޢާމަލާތަކަކާއި އިޖްތިމާޢީ ކަންތައްތަކެއް ނިންމާންވާނީ މަޝްވަރާ ކޮށްގެންނެވެ. ޚިޔާލު ބަދަލުކޮށް ބަހުސުކޮށްގެންނެވެ. މިހުރިހައިކަމެއް ގުޅިފައިވަނީ ޝޫރާއާއެވެ. އެހެންކަމުން މަޝްވަރާއާ ޚިލާފަށް ތިމާގެ ޒާތީ ރައުޔަށް ނުވަތަ ތިމާޔަށް ލިބިފައިވާ އިޚްތިޔާރު އުންމަތުގެ ޚިޔާރުގެ މައްޗަށް އިސްކުރެއްވުމަކީ އަމީރަށް ލިބިވަޑައިގެންފައިވާ ޙައްޤެއް ނޫނެވެ.

އަމީރަކު ހުންނަވާންވީ އިންތަކާއި އޭނާގެ އިޚްތިޔާރާއި ކީރިތި ޤުރްއާނުގައިވާ "ޢަޒުމު" ގެ މި ލަފުޒުގެ މަފްހޫމު

އަރަހުށި މާތް اللّــه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"އަދި، ކަންތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ ކަލޭގެފާނު اللّــه އަށް ވަކީލުކުރައްވާށެވެ!"

ބައެއްމީހުންވަނީ މިމާތް އާޔަތުން ނުރަނގަޅު މަފްހޫމެއް ނެރެފައެވެ. އެފަދަ މީހުން ބުނަމުން ގެންދެއެވެ. އަމީރު މަޝްވަރާކުރައްވާންވާނެއެވެ. އެކަމަކު އެއަށްފަހު އޮންނާނީ އޭނާގެ ޢަޒުމެވެ. މަޝްވަރާއަށް ތަބާވެވަޑައިގެންނެވުން ލާޒިމެއް ނޫނެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި އެންމެފުރަތަމަ ގެންނަވައިފައިވަނީ މަޝްވަރާގެ ވާހަކައެވެ. ދެވަނަޔަށް ގެންނަވައިފައިވަނީ ޢަޒުމުގެ ވާހަކައެވެ. އެތަރުތީބުން އެނގެނީ އެންމެފުރަތަމަ ޝޫރާގެ ޖަލްސާ ބާއްވާންޖެހޭނެކަމެވެ. އެ ޖަލްސާ ބޭއްވުމުގެ ބޭނުމަކީ ކަމެއްގައި ގޮތެއްނިންމުމެވެ. ޝޫރާއިން ކަމެއް ފައިޞަލާވުމުން ޢަޒުމުގެ ބިންގަލަކަށްވާންޖެހޭނީ އެގޮތެކެވެ. ޝޫރާގެ ނިންމުމަށްފަހުވެސް އަމީރަކަށް އޭނާގެ އަމިއްލަފުޅު ރައުޔަށް ކަންކުރެއްވުމުގެ އިޚްތިޔާރު ލިބިވަޑައިގެންފައިވާނަމަ ޝޫރާގެ ބޭނުމެއް ނެތެވެ. އޭގެ ނިމުމަކަށްވާނީ ކޮންގޮތެއްތޯއެވެ. އާދެ، އަމީރު ޝޫރާގެ މަޝްވަރާ ބޮލާލާ ޖައްސަވައިފައި އޭނާގެ އަމިއްލަފުޅު އަމުރު ހިންގަވާނަމަ މާތް اللّــه އެދިވޮޑިގެންވާ ގޮތަކަށެއް ޢަމަލެއް ނުކުރެވެއެވެ.

ألإمــام عـلــى رضى اللّــه عـنــه ގެ އަރިހުން ރިވާވެފައިވެއެވެ. މާތް اللّــه ގެ ރަސޫލާ صلّــى اللّــه عليـه وسلّـم ގެ އަރިހުން ސުވާލުވެވުނެވެ. ޢަޒުމުގެ މުރާދަކީ ކޮބައިތޯއެވެ. އިތުރު ސާހިބާ ޖަވާބު ދެއްވިއެވެ. "އެންމެފުރަތަމަ މުސްލިމުންގެ މޮހުމާއި ގޮށްޖެހުމުގެ އަހުލުވެރީންގެ މެދުގައި މަޝްވަރާކުރުމާއި އެއަށްފަހު ޝޫރާގެ ނިންމުމަށް ތަބާވުމެވެ. (އިބްނު ކަޘީރު ޖިލްދު: 3، ޞަފްޙާ: 235)

މާނައަކީ މުހިންމު މުޢާމަލާތަކުގައި ގޮތްނިންމާނީ ޝޫރާއިންނެވެ. އެކަން ތަންފީޒުކުރައްވާނީ އަމީރެވެ. إمــام أبــوبكر الجـصّـاص ވެސް ލިޔުއްވައިފައިވެއެވެ.

"ކީރިތި ޤުރްއާނުގައި ޢަޒުމުގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ މަޝްވަރާގެ ވާހަކައިގެ ފަހަތަށެވެ. އެއިން އެނގެނީ ވެރިއެއްގެ ނިންމުމާއި ޢަޒުމު މަޢުތަބަރު އެއްޗަކަށްވާނީ އެ ޢަޒުމަކާއި ނިންމުމަކީ މަޝްވަރާގެ ނިންމުމެއްގެ ނަތީޖާކަމުގައި ވުމުންކަމެވެ."

އަމީރުގެ ގަސްދާއި ޢަޒުމު ޝޫރާއަށް ތަބާކުރެއްވުން ލާޒިމެއް ނުވާނެކަމުގެ ކުށްވިސްނުން ބަޔަކަށް ވިސްނޭންޖެހުނީ ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ހައިސިއްޔަތާއި ޒިންމާއާމެދު ފުންކޮށް ވިސްނައިނުލެވުމުގެ ސަބަބުންނެވެ. އިތުރު ސާހިބާގެ އިސްތަށިފުޅުގައި އެޅިފައިވާ އެއްޒިންމާއަކީ ނުބުއްވަތާއި ރިސާލަތުގެ ޒިންމާއެވެ. ދެވަނަ މަސްއޫލިއްޔަތަކީ މުސްލިމުންގެ އަމީރެއްގެ މަސްއޫލިއްޔަތާއި ޒިންމާއެވެ. އިތުރު ސާހިބާގެ ނިންމެވުންތަކަށް އެ ދެ ހައިސިއްޔަތުގެ އަސަރު ފޯރައެވެ. އެމާތް ސާހިބާ صلّــى اللّــه عليـه وسلّـم ރިސާލަތުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވީ އަރަހުށި މާތް اللّــه ގެ އަމުރުފުޅާއި ވަޙީއާ އެއްގޮތްވާގޮތުގެ މަތީންނެވެ. މުސްލިމުންގެ އަމީރު ނުވަތަ ވަލިއްޔުލްއަމްރެއްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވީ މުސްލިމުންގެ ޝޫރާއިން އަރުވާ މަޝްވަރާއާ އެއްގޮތަށެވެ.

މިސާލެއްގެގޮތުން ދަންނަވާނަމަ ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙުދައިބިއްޔާގައި މުޝްރިކުންނާ ޞުލްޙަވެވަޑައިގަންނަވާން ހަމަޖެއްސެވީ މުސްލިމުންގެ ރުހުމާ ޚިލާފަށެވެ. އެ ޞުލްޙައިގައި ފޮރުވިފައިވާ ބުއްދިވެރިކަމާއި އަފޫރުއްބަ ފައިދާ ޞަޙާބީންކުރެ ގިނަބޭކަލުންނަކަށް އެއިރަކު ވިސްނިވަޑައިގެންފައެއް ނުވެއެވެ. އިތުރު ސާހިބާ އެކަން ނިންމެވީ އެމާތް ސާހިބާ ބޮލަރުއްވައިގެން ހުންނެވި ނަބަވީ ޒިންމާއާ އެއްގޮތްވާ ގޮތުގެމަތީންނެވެ. ޙުދައިބިއްޔާގައި ހިނގި ހުރިހައި ކަމެއް ހިނގީ މާތް اللّــه ގެ ޙުކުމްފުޅަށެވެ.

ކައުސާހިބާ صلّــى اللّــه عليـه وسلّـم ބަދުރުގެ މައިދާނުގައި މުޢަސްކަރު ހައްދަވާނެ ތަނެއް ގަސްދުކުރެއްވީ މުސްލިމުންގެ އަމީރެއްގެ ހައިސިއްޔަތުންނާއި ކޮމާންޑަރ އިން ޗީފެއްގެ އިންސާނީ ހައިސިއްޔަތުންނެވެ. އެކަމަކާ އިލާހީ ވަޙީއަކާ ގުޅުމެއްނެތެވެ. އެހެންކަމުން ކައުސާހިބާ صلّــى اللّــه عليـه وسلّـم އެކަމުގައި ޞަޙާބީންގެ މަޝްވަރާ ޤަބޫލުކުރެއްވިއެވެ.

ހަމައެފަދައިން ޚަންދަޤު ހަނގުރާމައިގެ ތެރޭގައިވެސް ޢަމަލުކުރެއްވީ ޞަޙާބީން އެރުއްވި މަޝްވަރާއާ އެއްގޮތަށެވެ. ޚަންދަޤު ހަނގުރާމައިގައި މަދީނާއޮތީ މުޝްރިކުންގެ ގުޅިފައިވާ ލަޝްކަރުގެ ޙިޞާރުގައެވެ. މަދީނާގެ އަހުލުވެރީންނަށް ކުރިމަތިލާން ޖެހިފައިއޮތް ފިއްތުންތަކާމެދު ކައުސާހިބާ صلّــى اللّــه عليـه وسلّـم ވިސްނައިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ ގަސްދުކުރެއްވީ މަދީނާގެ މޭވާގެ ތިންބައިކުޅައެއްބައި ދެއްވާގޮތަށް ޣަޠުފާނުވަންހައިގެ މީހުނާ ޞުލްޙަވެވަޑައިގެންނެވުމަށެވެ. މުޝްރިކުންގެ އިއްތިހާދު ރޫޅައިލެއްވުމަށްޓަކައެވެ. މަދީނާއަށް ކުރިމަތިވެފައިއޮތް ފިއްތުންތައް ކުޑަކުރެއްވުމަށްޓަކައެވެ. ނަމަވެސް ޣަޠުފާނުވަންހައިގެ މީހުންނަށް މަދީނާގެ މޭވާއިން ބައެއް ދެއްވާގޮތަށް އެބައިމީހުނާ ޞުލްޙަވެވަޑައިގެންނެވުމާ އަންޞާރުން ޚިލާފުވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم އެނިންމެވުމަކީ އެމާތް ސާހިބާގެ އަމިއްލަފުޅު ރައުޔުކަމުގައި ވިދާޅުވެފައިވާތީއެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ ވިސްނުންފުޅު ބަދަލުކޮށްލެއްވިއެވެ. އަންޞާރުން އެރުއްވި މަޝްވަރާ ޤަބޫލުކުރައްވައި ޣަޠުފާނުވަންހައިގެ މީހުނާއެކު މުޢާހަދާކުރެއްވުން ހުއްޓައިލެއްވިއެވެ.

މިދެންނެވިފަދަ އެތައް ހާދިސާތަކަކުން ސާބިތުވަނީ މަޖްލިސުއްޝޫރާގެ އަޣުލަބިއްޔަތުގެ މަޝްވަރާއާމެދު އަޅުއްވައިނުލައްވައި ދޫކޮށްލެއްވުމަށްފަހު އަމިއްލަފުޅު ރައުޔަށް ކަންކުރެއްވުމަކީ އަމީރަށް ހުއްދަވެގެންވާކަމެއް ނޫންކަމެވެ.

އަމީރު ނުވަތަ حـاكــم ގެ ކިބައިގައި ހުންނާންޖެހޭ ސިފަތަކާއި އޭނާގެ ދާއިރާ

އިސްލާމްދީނަކީ އިޖްތިމާޢީ ޙަޔާތުގެ ދީނެކެވެ. އެދީނަކީ ބުދުދީނުގެ ހާމުދުރުންނާއި ހިންދީދީނުގެ ޕުޖާރީންނާއި ސަންޔާސީންނާއި ޔަހޫދީންނާއި ނަޞާރާއިންގެ ރާހިބުންނާއި ފާދަރުންގެ ދީނެއް ނޫނެވެ. ސަހަރާތަކާއި ޖަންގަލީތަކާއި ފަރުބަދަތަކުގެ ހޮހަޅަތަކުގައި ދިރިއުޅޭކަށެއް އެދީން އުނގަންނައެއް ނުދެއެވެ. އެދީން ދަސްކޮށްދެނީ އާބާދީގެ ތެރޭގައި ހަމަތަކަށް ބޯލަނބައިގެން އިންތިޒާމީ ދިރިއުޅުމެއް އުޅުމަށެވެ. އެދީން ހިނދުންހިނދަށް ލިބިދެނީ އިޖްތިމާޢީ ދިރިއުޅުމެއްގެ ޙުކުމްތަކާއި ފިލާވަޅުތަކެވެ. އަޅުކަމުގެ ތެރެއިންވެސް ފާޅުކަން ބޮޑުގޮތެއްގައި ހާމަވެ ފެންނާން ހުންނަނީ އިޖްތިމާޢީ މަލަތަކެވެ. އިމާމަތުއްޞުޣުރާ (ޖަމާޢަތުގެ ނަމާދު) އިން ފެށިގެން އިމާމަތުލްކުބުރާ (ވެރިކަމާއި ޚިލާފަތު) އާހަމައަށް ބަލައިލިކަމުގައިވިޔަސް ފެންނަނީ ނިޒާމަށް ތަބާވެހުރެ ދިރިއުޅުމުގެ އަދަބުތަކެވެ. އިމާމަކާ ނުވަތަ އަމީރަކާ ތަބާނުވެ ދިރިއުޅުމަކީ މުސްލިމުންނަށް މަނާކަމެކެވެ. ސިޔާސީ ބާރެއްކަމުގައިވިޔަސް އަމީރަކު ބޭނުންވެއެވެ. ސިޔާސީ ބާރެއްކަމުގައި ނުވިޔަސް އަމީރަކާ ތަބާނުވެ އުޅޭކަށެއް ޖާގައެއްނެތެވެ. ދެތިންހަތަރު މީހަކު އެކުގައި ދަތުރެއް ކުރިކަމުގައިވިޔަސް އޭގެތެރޭގައި އިސްމީހަކު ހުންނާންޖެހެއެވެ.

ކީރިތި ޤުރްއާނާއި ކައުސާހިބާގެ ސުންނަތާއި الخــلفــاء الــرّاشــدون ގެ ބަސްފުޅުތަކުގައިވަނީ އަމީރެއްގެ ކިބައިގައި އެސިފަތަކެއް ހުރުން ލާޒިމު ސިފަތައް ބަޔާންވެފައެވެ. އިސްލާމީ ދައުލަތެއްގެ އަމީރަކު ކަމުގައިވިޔަސް ޖަމާޢަތެއް ނުވަތަ ޖަމްޢިއްޔާއެއްގެ ރައީސަކު ކަމުގައިވިޔަސް އެބޭފުޅެއްގެ ކިބައިގައި އެސިފަތައް ހުންނާންޖެހެއެވެ. މިތާނގައި ބަޔާންކުރާން ބޭނުންވަނީ އިސްލާމީ ދައުލަތެއްގެ އަމީރެއްގެ ޒިންމާގެ ސަބަބުން އެބޭފުޅަކު އެސިފަތަކަކުން ޒީނަތްވެވަޑައިގެން ހުންނެވުން ލާޒިމު ސިފަތަކުގެ ވާހަކައެވެ. ހުރިހައި އަމީރުން އެމިންގަނޑުން މިންއެޅުމަށްޓަކައެވެ.

އިސްލާމީ ނަޒަރުގައި އަމީރެއްގެ ޒިންމާއެވެ ބުނެވޭއިރު އޭގެ މަޠުލަބަކީ އަމީރުގެ އިސްތަށިފުޅުގައި އެޅިފައިވާ ސަރުކާރުގެ ޒިންމާތަކުގެ ވާހަކައެވެ. އެއްވެސް އަމީރަކީ އެބޭފުޅަކު ގިނިކަންޏާ ސަރުކާރުގެ ހުރިހައި މަސްއޫލިއްޔަތުތަކެއް އުފުއްލެވޭނެ ބޭފުޅެއް ނޫނެވެ. ދައުލަތެއްގެ އަމީރު އޭނާގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާތައް އަދާކުރައްވާނީ ފުރަދާނައިންގެ ޖަމާޢަތެއް މެދުވެރިކުރައްވައިގެންނެވެ. އެ ޖަމާޢަތުގެ ނަމަކީ ފުރަދާނައިންނެވެ. ނުވަތަ ވަޒީރުންނެވެ. އެހެން ނަމަކުން ދަންނަވާނަމަ އެއީ ކެބިނެޓެވެ.

އަމީރެއްގެ ނުވަތަ އިމާމެއްގެ ނުވަތަ ޚަލީފާއެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ اللّــه ގެ ޙުކުމްފުޅުތަކާއި ޤާނޫނުތައް މުޅިދުނިޔޭގައި ހިންގައިލެއްވުމެވެ. އެއީ އިސްލާމީ ދައުލަތުގެ ދާޚިލީ ސިޔާސަތެވެ. މުޅިދުނިޔެއަށް އިސްލާމްދީން ތަޢާރުފުކުރައްވައި ތަބްލީޣު ކުރެއްވުމަށްޓަކައި ދައުލަތުގެ އިންތިޒާމުތައް ވަރުގަދަކުރެއްވުމެވެ. މިއީ އިސްލާމީ ދައުލަތެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތެވެ. ދައުލަތުގެ ޚާއްޞަ ޚާރިޖީ ސިޔާސަތެވެ. މުސްލިމުންގެ އަމީރަކީ ދައުލަތުގެ އިސްވެރިޔާއެވެ. ކާއިނާތުގެ ވެރިރަސްކަލާނގެ ނިޔާބަތާއި ޚިލާފަތުގެ ތާޖު އެބޭފުޅެއްގެ އިސްތަށިފުޅުގެ ޒީނަތެއްކަމުގައިލެއްވީ އެމަޤްޞަދަށްޓަކައެވެ. އަމީރުގެ ހިތްޕުޅުގައި އޭނާޔާ ހަވާލުވެވިފައިވާ މަސްއޫލިއްޔަތާމެދު ޚިޔާލުކުރެއްވުމެއް ނެތިއްޖެކަމުގައިވާނަމަ އެބޭފުޅަކުވާނީ އިސްލާމީ ދައުލަތެއްގެ ޚިލާފަތުގެ މަޤްޞަދު ހަނދުމަފުޅު ނައްތައިލައްވައިފި ބޭފުޅަކު ކަމުގައެވެ.

އިސްލާމީ ދައުލަތުގެ ރައްޔިތުންކަމުގައިވާ އަހުލުކިތާބީންނަށާއި، ޣައިރުމުސްލިމުންނަށްވަނީ އެބައިމީހުންގެ ދީނަށް ޢަމަލުކުރުމުގެ މިނިވަންކަން ލިބިފައެވެ. އެބައިމީހުންގެ ކާވެންޏާއި ވަރީގެ މުޢާމަލާތައް އެބައިމީހުންގެ ދީނާ އެއްގޮތަށް ކުރިޔަށް ގެންދެވޭނެއެވެ. އެބައިމީހުންގެ ޢަޤީދާއާއި އަޅުކަމުގައި އެބައިމީހުންނަކީ މިނިވަނުންނެވެ. އެކަމަކު ޢުޤޫބާތުތަކާއި ތައުޒީރާތުގެ ނިޒާމު އޮންނާނީ މުސްލިމުންނެކޭ އެއްފަދައިންނެވެ. އާދެ، ކުށްކުށަށް އަދަބު ލިބުމުގައި ހުރިހައި ރައްޔިތުން ހަމަހަމަވާނެއެވެ.

(ނުނިމޭ)